ޚަބަރު

ޗައިނާގައި ކުޅުނު ޕްރީ ސީޒަން މެޗު ރޮކެޓްސް ކާމިޔާބު ކޮށްފި


  • މިމެޗު ރޮކެޓްސް ކާމިޔާބު ކޮށްފައިވަނީ މެވްރިކްސް އާއި ބައްދަލުކޮށް 135 ޕޮއިންޓް 117 ޕޮއިންޓުން

އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގެ ޕްރި ސީޒަންގައި ޗައިނާގައި ހިއުސްޓަން ރޮކެޓްސް އާއި ޑެލަސް މެވްރިކްގެ މެދުގައި ކުޅުނު މެޗު ރޮކެޓްސް ކާމިޔާބު ކޮށްފިއެވެ.

މަކާއުގެ ވެނެޓިއަން އެރީނާގައި މިދެ ޓީމުގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވާ ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗު ރޮކެޓްސް އިން ކާމިޔާބު ކޮށްފައިވަނީ 135 ޕޮއިންޓް 117 ޕޮއިންޓުންނެވެ. މިމެޗުގެ ފުރަތަމަ ހާފުގައި ރޮކެޓްސްއިންވަނީ މޮޅު ކުޅުމެއް ދައްކާ މެވްރިކްސްގެ މައްޗަށް ބޮޑު ލީޑެއް ނަގައިފައެވެ. މިގޮތުން ފުރަތަމަ ކުއާޓަރ އެޓީމުން ނިންމާލީ 8 ޕޮއިންޓްގެ ލީޑެއްގައި އޮވެގެންނެވެ. އަދި ދެވަނަ ކުއާޓަރގައި ހޯދި 12 ޕޮއިންޓްގެ ލީޑާއެކު ފުރަތަމަ ހާފު ރޮކެޓްސް އިން ނިންމާލީ 20 ޕޮއިންޓްގެ ލީޑެއްގައި އޮވެގެންނެވެ.

މިމެޗުގެ ދެވަނަ ހާފުގައި މެވްރިކްސް އިން އެޓީމުގެ ކުޅުން ރަނގަޅު ކުރި ނަމަވެސް ރޮކެޓްސް އިން ފުރަތަމަ ހާފުގައި ހޯދި ލީޑު ދުއްވާލެވޭ ގޮތެއް ނުވިއެވެ. މިގޮތުން ތިންވަނަ އަދި ހަތަރު ވަނަ ކުއާޓަރގައި މެވްރިކްސްއަށް ނެގޭވަރުވީ އެންމެ ޕޮއިންޓެއްގެ ލީޑެވެ. މިއާއެކު ރޮކެޓްސް އިން މެޗު ކާމިޔާބު ކޮށްފައިވަނީ 18 ޕޮއިންޓްގެ ލީޑެއްގައި އޮވެގެންނެވެ.

މިމެޗުގައި ރޮކެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 16 ޕޮއިންޓް ހޯދައިދީ 10 ރީބައުންޑް ނަގާ 10 އެސިސްޓް ކޮށް ޓްރިޕްލް ޑަބަލްއެއް ހެދި އަލްޕެރެން ސެންގުންއެވެ. ނަމަވެސް މިމެޗުގައި ރޮކެޓްސްއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދީފައިވަނީ 20 ޕޮއިންޓް ހޯދައިދީ 9 ރީބައުންޑް ނަގާ 2 އެސިސްޓް ކުރި ޓެރީ އީސަންއެވެ. މިމެޗުގައި މެވްރިކްސްގެ ފަރާތުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ މިދިޔަ ސީޒަންގައި ރޫކީ އޮފް ދި އިޔަރގެ މަގާމް ހާސިލް ކުރި ކޫޕަރ ފްލޭގްއެވެ. އޭނާވަނީ މިމެޗުގައި 19 ޕޮއިންޓް ހޯދައިދީ 6 ރީބައުންޑް ނަގާ 3 އެސިސްޓް ކޮށްފައެވެ. މެވްރިކްސްގެ ކޯޗު ޑަސްޓީ މޭ މަސައްކަތް ކުރަމުންދަނީ މިސީޒަންގައި ފްލޭގްގެ ވަށައިގެން އޭނާގެ ޓީމު ރޭވޭތޯއެވެ.

މިދެ ޓީމުގެ މެދުގައި ކުޅޭ ދެވަނަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.

ޕްރީ ސީޒަންގައި މެމްފިސް ގްރިޒްލީސް އާއި ޝިކާގޯ ބުލްސް ބައްދަލުކުރި މެޗު 104 ޕޮއިންޓް 100 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ގްރިޒްލީސްއެވެ. މިމެޗުގައި ގްރިޒްލީސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 16 ޕޮއިންޓް ހޯދައިދީ އެއް ރީބައުންޑް ނަގާ 4 އެސިސްޓް ކުރި ޓައި ޖެރޯމްއެވެ. އަދި ބުލްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 17 ޕޮއިންޓް ހޯދައިދީ 3 ރީބައުންޑް ނަގާ 2 އެސިސްޓް ކުރި ނޯމަން ޕަވެލްއެވެ.