ޚަބަރު

ހއ އާއި ހދ ގައި އެމްޓީސީސީން 87 މަޝްރޫއެއްގެ މަސައްކަތް ކުރިއަށް


  • މަޝްރޫއުތައް ކުރިއަށްގެންދަނީ މުޅި ރާއްޖެ 6 ޒޯނަކަށް ބަހާލައިގެން

  • ހއ. އަތޮޅު ހޮސްޕިޓަލާއި މަނުކުދޫ އެއަރޕޯޓް މަޝްރޫ ފާހަގަކޮށްލެވޭ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ، އެމްޓީސީސީއިން ޒޯން 1ގައި މިވަގުތުވެސް 87 މަޝްރޫއެއްގެ މަސައްކަތް ކުރިއަށްދާކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ. ޒޯން 1ގައި ހިމެނެނީ ހއ އަދި ހދ އަތޮޅެވެ.

ރާއްޖެ 6 ޒޯނަކަށް ބަހާލައި އެމްޓީސީސީއިން ދަނީ މަޝްރޫއުތައް ހިންގަމުންނެވެ. ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ޒޯން އެކެއްގެ ސީނިއަރ ޕްރޮޖެކްޓް މެނޭޖަރ އަހުމަދު އާލިމް ވިދާޅުވީ، އެމްޓީސީސީއިން މިވަގުތު 800 އަށްވުރެ ގިނަ މަޝްރޫއު އެބަ ކުރިއަށްގެންދާކަމަށެވެ. މި މަޝްރޫއުތައް ކުރިއަށްގެންދަނީ މުޅި ރާއްޖެ 6 ޒޯނަކަށް ބަހާލައިގެންކަމަށް އޭނާ ވިދާޅުވިއެވެ.

ހއ. އަދި ހދ ހިމެނޭ ޒޯން1 ގައި މިވަގުތުވެސް 87 މަޝްރޫއުގެ މަސައްކަތް ކުރިއަށްދާކަމަށް އާލިމް ވިދާޅުވިއެވެ. މީގެތެރޭގައި އުމްރާނީ ތަރައްޤީގެ މަޝްރޫއުތައް ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އެއަރޕޯޓް، ހޮސްޕިޓަލް، ސްކޫލް އިމާރާތްތައް، ހެލްތް ސެންޓަރު، މިސްކިތްތައް ހިމެނެއެވެ. ކުޅިވަރުގެ ދާއިރާއިން ބަލާއިރު ފުޓްސަލް ދަނޑުތަކާއި، ވޮލީ ކޯޓު، ހޭންޑް ބޯލް ކޯޓުތައް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންނަށް ހުރި ދަތިތައް ހައްލުކުރުމަށް ސަރުކާރުން އެ ކުންފުންޏާއި ހަވާލުކޮށް ގިނަ މަޝްރޫއުތައް ކުރިއަށްދާއިރު ކޮންޓްރެކްޓަރގެ ހައިސިއްޔަތުން އެމްޓީސީސީގެ ދައުރަކީ މަޝްރޫއުގެ އެއްބަސްވުމާއި އެއްގޮތައް އެ މުއްދަތުގެ ތެރޭގައި ކޮލެޓީ ކޮންޕްރޮމައިޒްނުކޮށް މަސައްކަތް ކުރެވޭނެ އެންމެ ފުރިހަމައަކަށް މަސައްކަތް ކޮށް ނިންމާލުންކަމަށް އެމްޓީސީސީގެ ޒޯން އެކެއްގެ ސީނިއަރ ޕްރޮޖެކްޓް މެނޭޖަރ އަހުމަދު އާލިމް ވިދާޅުވިއެވެ.

"ޒޯން 1 ގައި މިވަގުތު 116 މަޝްރޫއު އެބަ ހިމެނޭ. މި 116 މަޝްރޫއުގެ ތެރެއިން 87 މަޝްރޫއަކީ އަޅުގަނޑުމެންނާއި ރަސްމީކޮށް ސޮއިކުރެވި ހަވާލުކުރެވި މަސައްކަތް މިހާރު ކުރިއަށްދާ މަޝްރޫއުތައް. މި މަޝްރޫއުތަކުގެ ތެރޭގައި އެކިއެކި ކެޓަގަރީތަކުގެ މަޝްރޫއުތައް އެބަހިމެނޭ. އެގޮތުން އުމްރާނީ ތަރައްޤީއަށް ބޭނުންވާ މަޝްރޫއުތައް މިސާލަކަށް އެއަރޕޯޓް، ހޮސްޕިޓަލެއް އެބަހިމެނޭ." އާލިމް ވިދާޅުވިއެވެ.

ޒޯން1 ގައި އެމްޓީސީސީއިން ކުރިއަށްގެންދާ ބިޔަ މަޝްރޫއުތަކަށް ބަލާލާއިރު ހއ. އަތޮޅު ހޮސްޕިޓަލް ހއ. ދިއްދޫގައި އިމާރާތްކުރުމުގެ މަސައްކަތާއި، މަނުކުދޫ އެއަރޕޯޓްގެ މަސައްކަތް ހިމެނެއެވެ. އަދި ހަނިމާދޫ މިސްކިތާއި ހޯރަފުށީ މަގުހެދުމުގެ މަސައްކަތްވެސް މިވަގުތު ކުރިއަށްދެއެވެ. މީގެއިތުރުން ވައިކަރަދޫ ސްކޭޓް ޕާކާއި، އުލިގަމުގައި އިމާރާތްކުރާ އިމިގްރޭޝަން ބިލްޑިންގެ މަސައްކަތާއި މިސްކިތްތަކާއި، ސްކޫލްގެ އިމާރާތްތަކާއި، ހޮސްޕިޓަލްގެ އިމާރާތްތައް ފަދަ މަޝްރޫއުތައް ފާހަގަކޮށްލެވެއެވެ.