ށ. ފޯކައިދޫއާއި އެ އަތޮޅު މިލަންދޫގައި ސަރުކާރުން ތަރައްޤީކުރާ އިސްލާމީ މަރުކަޒުތަކުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިސްލާމީ ދާއިރާއިން ގިނަ މަޝްރޫޢުތަކެއް ކުރިއަށްދާއިރު، މަޝްރޫޢުތައް ބާރު ދުވެލީގައި ކުރިއަށްގެންދިއުމަށް ގިނަ މަސައްކަތްތަކެއް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ދަނީ ކުރަމުންނެއެވެ. މީގެ ތެރޭގައި އަތޮޅު ތެރޭ ރަށްތަކުގައި އިމާރާތްކުރާ އިސްލާމީ މަރުކަޒުތަކުގެ މަސައްކަތް ހިމެނެއެވެ.
އިސްލާމީ ކަންތައްތަކާއި އައުޤާފާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ށ. ފޯކައިދޫގައި ބިނާކުރާ އިސްލާމީ މަރުކަޒުގެ ފައުންޑޭޝަން ބީމް ޝަޓަރިންގ އާއި ރީއިންފޯސްމަންޓް މަސައްކަތްތައް ކުރިއަށް ދާކަމަށެވެ. އަދި މިލަންދޫ އިސްލާމީ މަރުކަޒުގެ މުންނާރު ބައެއް މަސައްކަތްތަކާއި އަދި އާރް.ސީ ވޯލް ފޯމްވަރކް އާއި ރީއިންފޯސްމަންޓް މަސައްކަތްތައް ކުރިއަށް ދާކަމަށެވެ.
މިލަންދޫގައި އިމާރަތްކުރާ އިސްލާމީ މަރުކަޒުގައި ކޮންފަރެންސް ހޯލަކާއި، ލައިބްރަރީއަކާއި 4 ކުލާސްރޫމާއި، އިމާމު ރޫމަކާއި، އޮފީސް ބައެއްގެ އިތުރުން ހިނަވާގެއެއް ހެދުމަށް ހަމަޖެހިފައިވެއެވެ. މީގެއިތުރުން އިސްލާމީ މަރުކަޒުގައި ސޯލާ ހަރުކުރެވި، އޭސީ ކުރުމަށް ވެސް ހަމަޖެހިފައިވެއެވެ.
ފޯކައިދޫގައި އިމާރާތްކުރާ އިސްލާމީ މަރުކަޒުގެ މަސައްކަތް ނިމޭއިރު 700މީހުންގެ ޖާގައިގެ ނަމާދުކުރާ ބަޔަކާއި، 300 މީހުންގެ ޖާގައިގެ ކޮންފަރެންސް ހޯލަކާއި، ލައިބްރަރީއަކާއި 4 ކުލާސްރޫމާއި އިމާމު ރޫމަކާއި އޮފީސް ބައެއްގެ އިތުރުން ހިނަވާގެއެއް ހިމެނޭނެއެވެ. މީގެ އިތުރުން ސޯލާ ހަރުކޮށް، އޭސީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ދެރަށުގެވެސް އިސްލާމީ މަރުކަޒު ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާއެވެ. މިއީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.