އަހަރުގެ މިހާތަނަށް އިޓަލީވިލާތުން ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ އަހަރުގެ މިހާތަނަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި 5ވަނަ ޤައުމެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.6 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ، މިދިޔަ އަހަރާއި އަޅާބަލާއިރު %3.4 ދަށް އަދަދެކެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް އިޓަލީވިލާތުން ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ވަނީ، ޒިޔާރަތްކޮށްފައެވެ. އިޓަލީވިލާތުން ރާއްޖެއަށް އައީ 100،186 ފަތުރުވެރިންނެވެ.
* ޗައިނާ: 314،519 ފަތުރުވެރިން
* ރަޝިއާ: 237،203 ފަތުރުވެރިން
* އިނގިރޭސިވިލާތް: 123،336 ފަތުރުވެރިން
* ޖަރުމަނުވިލާތް: 105،024 ފަތުރުވެރިން
* އިޓަލީވިލާތް: 100،186 ފަތުރުވެރިން
ރާއްޖޭގައި މިވަގުތު ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް 1294 ތަނެއް ވަނީ ހުޅުވާފައެވެ. އަދި މި ތަންތަނުގެ ބެޑު ކެޕޭސިޓީ ވަނީ 68،093 އަށް އަރައެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ގުޅިގެން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މިއަހަރުގެ ކުރީކޮޅު ދަށްވިނަމަވެސް ދަށްވެގެން ދިޔަ 3 މަހާއެކުވެސް މިއަހަރު ނިމޭއިރު މިދިޔަ އަހަރާއި އެއްވަރަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު ވަނީ ލަފާކުރައްވާފައެވެ. މާރިޗު އެޕްރީލް އަދި މެއި މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާއި އަޅާބަލާއިރު 24 އިންސައްތަ ދަށްވިއެވެ. އެހެންނަމަވެސް ސަރުކާރާއި ފަތުރުވެރިކަމުގެ ސިނާޢަތުން ގުޅިގެން ކުރި މަސައްކަތުން މިއަދަދު މިހާރު 1.3 އިންސައްތަށް ކުޑަކުރެވިފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ.