ޚަބަރު

ބޮޑުގެ ހުރި ބިމުގައި އަލަށް ތަރައްޤީކުރާ ޒަމާނީ މިސްކިތުގެ މަސައްކަތް ކުރިއަށް


  • 1300 މީހުންގެ ޖާގައިގެ މިސްކިތެއް

  • މިއީ 4 ފަންގިފިލާގެ ދާއިމީ މިސްކިތެއް

މ. މުއިވެޔޮދޮށުގެ (ބޮޑުގެ) ހުރި ބިމުގައި އަލަށް ތަރައްޤީކުރާ ޒަމާނީ މިސްކިތުގެ މަސައްކަތް ނުހުއްޓި ކުރިއަށްދާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މ. މުއިވެޔޮދޮށުގެ ނުވަތަ ބޮޑުގެ ހުރި ބިމުގައި އަލަށް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ޒަމާނީ މިސްކިތާއި، ދަޢުވާ ސެންޓަރުގެ ބިންގާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަޅުއްވައިދެއްވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހުގައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ ބޮޑުގެ ހުރި ބިމުގައި އަމިއްލަ ފަރާތަކުން ބިނާކުރާ 1300 މީހުންގެ ޖާގައިގެ މިސްކިތުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. އެގޮތުން މިހާރު ކުރަމުންދަނީ ބީމް ޝަޓަރިންގ މަސައްކަތްތަކާއި، ސްލެބް ޝަޓަރިންގއާއި ބީމް ރީއެންފޯސްމަންޓް ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. ބީމް އަދި ސްލެބް ކާސްޓިންގ މަސައްކަތް މިމަހުގެ 22 ވަނަ ދުވަހު ކުރިއަށް ގެންދިޔުމަށް ރާވާފައިވާކަމަށްވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

މާފަންނު ބޮޑުގެ ބިމުގައި ބިނާކުރަނީ، 4 ފަންގިފިލާގެ ދާއިމީ މިސްކިތެކެވެ. މި މިސްކިތަކީ، ގިނަ ވަސީލަތްތަކަކާއެކު ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ މިސްކިތެކެވެ. އެގޮތުން މިސްކިތުގެ ގްރައުންޑް ފްލޯގައި މައި ނަމާދު ކުރާ ބައި، ވުޟޫ ކުރާ ސަރަޙައްދު އަދި ފާޚަނާ ބަރި ހެދުމަށް ހަމަޖެހިފައިވާއިރު، މެޒެނީން ބުރީގައި އަންހެނުން ނަމާދު ކުރާ ބައި، އެއްވަނަ ބުރީގައި ނަމާދު ކުރާ ބައި، އިޢުތިކާފް ސަރަޙައްދު ހެދުމަށް ވަނީ ހަމަޖެހިފައެވެ.

އަދި މިސްކިތުގެ ދެވަނަ ބުރީގައި 150 މީހުންގެ ޖާގައިގެ ކޮންފަރެންސް ހޯލަކާއި، ޒަަމާނީ ކްލާސްރޫމްތަކެއްގެ އިތުރުން ލައިބްރަރީއަކާއި، އެޑްމިން އޮފީސް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މިސްކިތުގެ ޓެރަސްއަކީވެސް ނަމާދު ކުރާ ގޮތަށް ޤާއިމްކުރާ ބައެކެވެ.

މި މިސްކިތުގައި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެ ނިކުމެވޭނެ އިންތިޒާމް ޤާއިމް ކުރުމަށް ހަމަޖެހިފައިވާއިރު، އެފަދަ ފަރާތްތަކަށް ބޭނުންކުރެވޭނެ ފާޚާނާ އަދި ވުޟޫ ކުރާ ސަރަޙައްދު ޤާއިމް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި މިސްކިތުގެ ބޭނުންކުރާ ފަރާތްތަކުގެ ލުއިފަސޭހައަށް މިސްކިތުގައި ލިފްޓު ހަރުކުރުމަށް ހަމަޖެހިފައިވާކަން ފާހަގަކޮށްލެވެއެވެ.

ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢަކީ، އަމިއްލަ ފަރާތްތަކަކުން ޚަރަދު ކޮށްގެން ކުރިޔަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢު ނިންމުމަށް ދީފައިވަނީ، 540 ދުވަހުގެ މުއްދަތެކެވެ.