ޚަބަރު

މަގުމަތީގެ ރައްކާތެރިކަމަށް ކުރިއަށްގެންދާ އޮޕަރޭޝަން ވަޒީރު ބައްލަވާލައްވައިފި


  • ނުރައްކާތެރިކޮށް ދުއްވާ ފަރާތްތައް ދެނެގަނެ ފިޔަވަޅު އަޅަން ވަނީ ފަށާފައި

ގްރޭޓަރ މާލެ ސަރަޙައްދުގެ މަގުމަތީގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ އޮޕަރޭޝަނުގައި މަގުމަތީގައި ހަރަކާތްތެރިވާ ފުލުހުންގެ މަސައްކަތްތައް ބައްލަވާލައްވައި، އޮފިސަރުންނަށް ހިތްވަރު ދެއްވުމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ޒިޔާރަތްކުރައްވައިފިއެވެ.

ރޭ ވަޒީރު ކުރެއްވި މި ޒިޔާރަތުގައި، އޮޕަރޭޝަނުގައި ހަރަކާތްތެރިވަމުންދާ ފުލުހުންގެ މަސައްކަތްތައް ގާތުން ބައްލަވާލައްވައި، ފްރަންޓްލައިންގައި މަސައްކަތް ކުރައްވަމުން ގެންދަވާ ފުލުހުންނަށް ހިތްވަރު ދެއްވިއެވެ. މި ޒިޔާރަތަކީ، ނުރައްކާތެރި އެކްސިޑެންޓްތައް ހުއްޓުވުމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ވަޒީރު ދެއްވާ ޚާއްސަ އަހައްމިއްޔަތު ރަމްޒުކޮށްދިން ޒިޔާރަތެއްކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން މި ޚާއްސަ އޮޕަރޭޝަންގައި ހާއްސަ ސަމާލުކަމެއް ދީގެން ފިޔަވަޅު އެޅުމަށް ހަމަޖެހިފައިވަނީ، ބިރުވެރިކަން އުފެދޭގޮތަށް ޒިގްޒެގްކޮށް ދުއްވުމާއި، އުޅަނދަށް ބަދަލުގެނެސް ސައިލެންސަރު އަޑުގަދަކޮށް ދުއްވުމާއި، ހަރު ބިންމަތީގައި ގާނަމުން ދުއްވުމާއި، ދުވެލިމަތަ ތަކަށް މަޑުނުކޮށް ބާރު ސްޕީޑުގައި ދުއްވުމާއި، ކަމާގުޅޭ އިދާރާތަކުގެ ހުއްދަ ނުނަގައި ރޭސްޖެހުމާއި ހުނަރުދެއްކުމާއި، ނުރައްކާތެރިކޮށް އޯވަޓޭކްކުރުމާއި، މަސްތުގެ ހާލަތުގައި ދުއްވުމުގެ އިތުރުން، ފުލުހުން މަޑުކުރަން އެންގުމުން މަޑުނުކޮށް ފިލުމާއި ފިލަން މަސައްކަތްކުރާ ފަރާތްތަކާމެދުގައެވެ.

މި އޮޕަރޭޝަން މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ނުރައްކާތެރިކޮށް ބާރު ސްޕީޑުގައި ދުއްވުމުގެ މައްސަލަތައް ބޮޑަށް ފާހަގަކުރެވޭ ހުޅުމާލޭގެ މަގުތަކަށާއި، ސިނަމާލެ ބްރިޖާއި މާލެ އަދި ހުޅުމާލެ ގުޅުވައިދޭ ހައިވޭއަށެވެ. މީގެ އިތުރުން، މުޅި ގްރޭޓަރ މާލެ ސަރަޙައްދު ހިމެނޭހެން މި އޮޕަރޭޝަންގެ ހަރަކާތްތައް ކުރިއަށްދާނެއެވެ.

މި އޮޕަރޭޝަނާ ގުޅޭގޮތުން ހުޅުމާލެ ޓްރެފިކް ޕޮލިސް ހެޑް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޙަނީފާއި، ބްރިޖް އެންޑް ހައިވޭ އޮޕަރޭޝަންސްގެ ހެޑް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ނަޢީމް މީގެކުރިން ވިދާޅުވެފައިވަނީ، މައިގަނޑު އަމާޒަކީ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތާ ރައްޔިތުންނަށް އަމާންކަމާއެކު މަގުތައް ބޭނުންކުރެވޭނެ މާހައުލެއް ގާއިމުކޮށްދިނުން ކަމަށާއި، ކަނޑައެޅިފައިވާ ލަނޑުދަނޑިތައް ހާސިލުވަންދެން މި އޮޕަރޭޝަން ކުރިއަށްދާނެ ކަމަށެވެ.

މި މަސައްކަތްތައް ކުރިއަށްދަނީ މި އޮކްޓޫބަރު 1 ވަނަ ދުވަހު އަމަލުކުރަން ފެށި އެއްގަމު ދަތުރުފަތުރުގެ އައު ގާނޫނުގެ ދަށުން މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިންނެވެ.

އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް އަދި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ތަކުރާރުކޮށް އުޅަނދު ދުއްވާފައިވާ 22 އަހަރުގެ ދިވެހި ފިރިހެނަކު ދިވެހި ފުލުހުންގެ ޚިދުމަތަށް ހާޒިރުކޮށް ނަސޭހަތްވެސް ދީފައެވެ. މިއީ މަގުމަތީގައި ނުރައްކާތެރިކޮށް ދުއްވުން ތަކުރާރުކޮށްފައިވާ މީހުން ފުލުހަށް ހާޒިރުރުކޮށް ނަސޭހަތްދިނުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން، މިގޮތަށް ހާޒިރުކުރެވުނު ފުރަތަމަ މީހާއެވެ.