މިދިޔަ ސަރުކާރުގައި މާފުށީ ޖަލުގެ ގޮޅިތަކެއް އިމާރާތްކުރަން ހަވާލުކުރީ މާލީގޮތުން ގެއްލުންވާގޮތަށް ކަމަށް ދާޚިލީ ވުޒާރާގެ އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން މިކަން ހާމަކުރީ އެ އޮފީހުން ހެދި އޮޑިޓް ރިޕޯޓުގައި ދާޚިލީ ވުޒާރާގެ 2022 އަދި 2023ވަނަ އަހަރުގެ ބަޖެޓުން ޚަރަދުކޮށްފައިވަނީ އެ އަހަރަށް ފާސްކުރި ބަޖެޓުގައި ކަނޑައަޅާފައިވާ ކަންކަމަށްތޯ އަދި ކަނޑައަޅާފައިވާ މިންވަރަށްތޯ ބަލައި ފާހަގަކުރެވުނު ކަންކަން ބަޔާންކޮށް ނެރުނު ރިޕޯޓުގައެވެ.
އޮޑިޓް އޮފީހުން ނެރުނު ރިޕޯޓުގައި މައިގަނޑުގޮތެއްގައި ފާހަގަކުރައްވާފައިވަނީ މާފުށީ ޖަލުގައި 50 ގޮޅީގެ ހައި ސެކިއުރިޓީ ވިންގަކާއި އިތުރު 18 ގޮޅި އަދި ސެކިޔުރިޓީ ޕޯސްޓެއް އިމާރާތް ކުރުމުގެ މަސައްކަތާ ގުޅިގެން ހުރި ކަންތައްތަކެވެ. މި މަސައްކަތްތައް ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ، ޕޮލްކޯއާ 47.1 މިލިޔަން ރުފިޔާއަށް ހަވާލުކުރިއިރު އެ މަސައްކަތް ހަވާލުކޮށްފައިވަނީ ދައުލަތުގެ މާލީއްޔަތު ގަވާއިދާ ޚިލާފަށް ކަމަށް ވަނީ ފާހަގަކުރައްވާފައެވެ.
މި މަސައްކަތް ޕޮލްކޯއާ ހަވާލުކުރީ 2023ވަނަ އަހަރު ދަރުމަވަންތަ ސްކޫލް ހުޅުވުމުގެ ކުރިން މާލެ ޖަލުގައި ތިބި ގައިދީންނާއި ބަންދުގައި ތިބި މީހުން މާފުއްޓާއި އައްސޭރި ޖަލަށް ބަދަލުކުރުމަށް ވީހާވެސް އަވަހަށް މަސައްކަތް ނިންމުމަށްކަމަށް ބުނެ "ސިންގަލް ސޯސް ޕްރޮކިޔުމަންޓް" އުސޫލުންނެވެ. ނަމަވެސް އެ ސްކޫލް ހުޅުވިއިރުވެސް މަސައްކަތް ނުނިމޭތީ އެ ކުންފުންޏާ މަސައްކަތްކުރި ހަވާލުކުރި މަގުސަދު ހާސިލް ނުވާ ކަމަށައި 50ގޮޅީގެ ހައި ސެކިޔުރިޓީ ވިންގުގެ މަސައްކަތް ނުނިމުނީ ކޮންޓްރެކްޓަރު ހުށަހެޅި ބިލުތަކަށް ފައިސާ ދެއްކުން ލަސްވެގެންކަމަށާއި ވުޒާރާގެ ފަރާތުން ބިން ހަވާލުކުރުމުގައިވެސް ލަސްތަކެއް ދިމާވި ކަމަށް ވަނީ ބަޔާންކޮށްފައެވެ.
މި މަޝްރޫއުގެ މަސައްކަތް ދާޚިލީ ވުޒާރާއިން ޕޮލްކޯއާ ހަވާލުކުރި ނަމަވެސް އެކުންފުނިން އެ މަސައްކަތް ސަބްކޮންޓްރެކްޓަރަކާ 1.2 މިލިޔަން ރުފިޔާ އަގު ކުޑަކޮށް ހަވާލުކޮށްފައިވުމުން އެ މަސައްކަތް އަގުހެޔޮކޮށް ކުރުމުގެ ފުރުސަތު ގެއްލިފައިވާކަމަށްވެސް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން ދެ މަޝްރޫއުގެ ކުރެހުމާއި ބީއޯކިޔުގައި އަގުގެ ތަފާތުތައް ހުރިކަންވެސް އޮޑިޓުން ވަނީ ފާހަގަކުރެވިފައެވެ. އަދި 50 ގޮޅީގެ އިމާރާތް ހަދާ ސަރަހައްދުގައި ހުރި އިމާރާތެއް ތާޅާލަން ކަމަށްބުނެ 2.9 މިލިޔަން ރުފިޔާ ބީއޯކިޔުގައި ހިމަނާފައިވާއިރު އެފަދަ އެއްވެސް އިމާރާތެއް އެ ބިމުގައި އޭރު ނެތްކަމަށްވެސް އޮޑިޓުގައި ވަނީ ފާހަގަކޮށްފައެވެ.
މި މައްސަލައިގެ އިތުރުން ދ. ކުޑަހުވަދޫ ޖުވެނައިލް ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރު އިމާރާތް ކރުުމުގެ މަސައްކަތް ބަލައިގެންފައިވަނީ އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނިންމުމުންކަން ޔަގީން ކުރެވެން ނެތް ކަމަށާއި އެ މަސައްކަތް ވުޒާރާއިން ބަލައިގަތްފަހުން ފާހަގަކުރެވުނު މައްސަލަތައް ހައްލުކުރަން ދައުލަތުން އިތުރަށް ޚަރަދުކުރަން ޖެހުނު ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ. އަދި ހދ. ނޭކުރެންދޫ ކަރެކްޝަނަލް ފެސިލިޓޫގެ މަސައްކަތަށް އެޑްވާންސްކޮށް ފައިސާ ދޫކުރި ނަމަވެސް އެ ފައިސާގެ ތެރެއިން ވުޒާރާއަށް ލިބެންޖެހޭ ފައިސާ ހޯދާފައިނުވާ ކަމަށާއި ބިޑު ކޮމިޓީގެ ހުއްދަނެތި 3 މަޝްރޫއެއްގެ އަގު އިތުރުކޮށްފައިވާކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
މިފަދަ މައްސަލަތައް އިތުރަށް ދިމާނުވާނެހެން ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް މަޝްރޫއުތައް ކުރިއަށްގެންދިއުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ ލަފާ އަރުވާފައެވެ.