އަންނަ އަހަރަށް ލަފާ ކުރެވޭ ބަޖެޓުގެ ގޮތުގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުން 133.5 މިލިޔަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
އޮޑިޓް އޮފީހުން ވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އެ އޮފީހުން އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓާއި ބަޖެޓުން ޚަރަދުކުރުމަށް ނިންމާފައިވާ ކަންކަމުގެ ތަފްސީލް ހިއްސާކުރައްވާފައެވެ.
މާލިއްޔަތު ކޮމިޓީގައި މައުލޫމާތު ހިއްސާކުރައްވަމުން އޮޑިޓަރ ޖެނެރަލް ހުސެއިން ނިޔާޒީ ވިދާޅުވީ އަންނަ އަހަރު އެ އޮފީހުން 394 އޮޑިޓު ކުރަން ނިންމަވާފައިވާ ކަމަށެވެ. މީގެ ތެރޭގައި ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރު ކުންފުނިތަކާއި މާލީ އިދާރާތަކާ ގުޅުންހުރި ގިނަ އޮޑިޓްތަކާއި މިއަހަރު ނުނިމޭ އޮޑިޓްތަކެއްގެ މަސައްކަތްވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ.
- ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން 61 ތަނެއްގެ ފައިނޭންޝިއަލް އަދި ކޮމްޕްލަޔަންސް އޮޑިޓް
- ލޯކަލް ކައުންސިލްގެ 106 އޮޑިޓް
- ޕަބްލިކް ފަންޑާއި ސްކީމްގެ 6 އޮޑިޓް
- ބޭރުގެ އެހީގައި ހިންގާ މަޝްރޫޢުތަކުގެ 22 އޮޑިޓް
- ދައުލަތުގެ ކުންފުނިތަކުގެ ފައިނޭންޝަލް އޮޑިޓްގެ ތެރޭގައި ހިމެނޭ 40 އޮޑިޓް
- މާލީ އިދާރާތަކުގެ ތެރޭގައި ހިމެނޭ 4 އޮޑިޓް
- ބަޖެޓާއި ފިސްކަލް ޓްރާންސްޕޭރެންސީ ޤާނޫނުގެ ދަށުން ކުރަންޖެހޭ 5 އޮޑިޓް
- ދައުލަތުގެ ދަރަންޏާއި ގެރެންޓީ ހިމެނޭ 3 އޮޑިޓް
- ޕާފޯމަންސް އޮޑިޓްގެ ގޮތުގައި ހިމެނޭ 6 އޮޑިޓް
- ސްޕެޝަލް އޮޑިޓްގެ 8 އޮޑިޓް
- އިންފޮމޭޝަން ސިސްޓަމްތަކުގެ 7 އޮޑިޓް
- ތިމާވެއްޓާ ގުޅުންހުރި 6 އޮޑިޓް
- މިއަހަރު ނުނިމި ހުރި 120 އޮޑިޓް
އޮޑިޓަރ ޖެނެރަލް ވިދާޅުވިގޮތުގައި މިއަހަރުގެ މިހާތަނަށް އެ އޮފީހުން ވަނީ 183 ރިޕޯޓު ޝާޢިއުކޮށްފައެވެ. އަދި 259 އޮޑިޓެއްގެ މަސައްކަތް ކުރިއަށްދާއިރު މީގެ ތެރެއިން ބޮޑުބައެއް މިއަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަަމަށް ވިދާޅުވިއެވެ.
މިއަހަރަށް މަޖިލީހުން އޮޑިޓް އޮފީހަށް ކަނޑައެޅީ 134.2 މިލިޔަން ރުފިޔާގެ ބަޖެޓެކެވެ. މީގެ ތެރެއިން 56.9 މިލިޔަން ރުފިޔާ މީހަތަނަށް ޚަރަދުވެފައިވާއިތު 45 މިލިޔަން ރުފިޔާ އިތުރަށް ޚަރަދުވާނެ ކަމަށާއި އަހަރު ނިމޭއިރު 31 މިލިޔަން ރުފިޔާ ބޭނުން ނުކުރެވި ހުންނާނެ ކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވިއެވެ. މި ފައިސާ ހިމަނައިގެން އަންނަ އަހަރުގެ ބަޖެޓުގައި ކަންކަން ރާވާފައިވާކަންވެސް ފާހަގަކުރެއްވިއެވެ.
އަންނަ އަހަރަށް އޮޑިޓް އޮފީހުން ހުށަހެޅުއްވީ 133،590،265 ރުފިޔާގެ ބަޖެޓެކެވެ. މީގެ ތެރޭގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް 43.5 މިލިޔަން ރުފިޔާ ވަނީ ހިމަނާފައެވެ.