ޚަބަރު

ޙައްޖުގެ އަގު ކުޑަކުރަން ދަނީ މަސައްކަތްކުރަމުން: ވަޒީރު ޑރ.ޝަހީމް


  • އަމާޒަކީ ރައްޔިތުންގެ އަތުން މިހާރު ދައްކަމުންދާ އަދަދުގެ %50 ނެގުން

  • ޙައްޖަށް ދިއުމަށް ދައްކަންޖެހޭ އަގަކީ މީގެ ވަރަށް ގިނަ ދުވަސްތަކެއް ކުރިން ކަނޑައަޅާފައިވާ އަގެއް

ރާއްޖެއިން ޙައްޖުގެ އަޅުކަން އަދާ ކުރުމަށް ކުރާ ދަތުރުގެ އަގު ކުޑަކުރުމަށް ޕްލޭނެއް ހަދާ މަސައްކަތް ކުރަމުންދާކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޙައްޖު ކޯޕަރޭޝަނުން މިހާރު ރާއްޖެއިން ޙައްޖަށް މީހުން ގެންދަނީ 69,965 ރުފިޔާއަށެވެ. މިއީ އެ ކޯޕަރޭޝަން އުފެދުނީއްސުރެ ޙައްޖަށް މީހުން ގެންދަމުން އައި އަގެވެ. ނަމަވެސް މި އަގު ކުޑަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޢަމާޒެކެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިސްލާމީ ކަންތައްކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ފަރުޟު ޙައްޖު އަދާކޮށްފައިވާ މީހަކަށް ދެވަނަ ފަހަރަށް ޙައްޖު އަދާކުރުމަށް ފުރުޞަތު ދޭ މުއްދަތު 10 އަހަރަށް އިތުރުކުރަން ނިންމާފައިވާކަމަށެވެ. ދެ ޙައްޖު ދެމެދުގައި އޮންނަ މުއްދަތު އިތުރުކުރަން ނިންމީ އަލަށް ފަރުޟު ޙައްޖު އަދާކުރަން ބޭނުންވާ ފަރާތްތަކަށް އިސްކަންދިނުމުގެ ގޮތުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ޙައްޖަށް ދިޔުމަށް ރައްޔިތުން އަތުން ދައްކަންޖެހޭ އަގު ކުޑަކޮށް، ޙައްޖުގެ އަގު ހެޔޮކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

"ޙައްޖުގެ އަގު ހެޔޮ ކުރުމަށް އަޅުގަނޑު މިދަންނަވަނީ ރައްޔިތު މީހާ އަތުން ދައްކަންޖެހޭ ބައި މަދުކުރުން، ލުއިކޮށްދިނުމަށްޓަކާ. އެހެންކަމުން މާތް ﷲ އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް ފަސް އަހަރުދުވަހަށް މިކަމަށް ޕްލޭނެއް ހަދައިގެން މަސައްކަތްކުރަން އަޒުމް ކަނޑައަޅައިގެން އަނެއްކާވެސް ސިޔާސަތުތަކެއް ކަނޑައަޅާފަ މިވަނީ." ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިހާރު ޙައްޖަށް ދިއުމަށް ދައްކަންޖެހޭ އަގަކީ މީގެ ވަރަށް ގިނަ ދުވަސްތަކެއް ކުރިން ކަނޑައަޅާފައިވާ އަގެއް ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި މިކަމަށް ހައްލެއް ގެނައުމުގެ މަސައްކަތް ފެށުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވަޒިރު ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ ރައްޔިތުންގެ އަތުން މިހާރުދައްކަމުންދާ އަދަދުގެ %50 ނެގުންކަމަށާއި ޙައްޖު ކޯޕަރޭޝަންގެ ތެރޭގައި ފައިސާ ޖެނަރޭޓްކުރެވޭނެ އިޤްތިޞާދީގޮތުން ވަޞީލަތްތައް ޤާއިމްކުރުމުން ކާމިޔާބުވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ވީހާވެސް ރަނގަޅު ގޮތުގައި ޙައްޖުގެ ކިއުނިޒާމަށް ހެޔޮ ބަދަލުތަކެއް ގެނައުމަށްކަމަށެވެ.

އެހެން ޤައުމުތަކުގައިވެސް އެ ނިޒާމަށް ގެންނަމުންދާ ރަނގަޅު ބަދަލުތައް ރާއްޖެއަށްވެސް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި ވީހާވެސް ގިނަ ރައްޔިތުންނަށް ލުއިފަސެހަ ކަމަކާއެކު ހައްޖުގެ ޚިދުމަތް ދިނުމާއި، އަވަހަށް އުމުރުން ދުވަސްވީ މީހުންނަށް ޙައްޖަށް ދިއުމުގެ މަގު ތަނަވަސްކޮށްދިނުމަކީ އަމާޒެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖެއިން ޙައްޖަށް މީހުން ގެންދާ އަގު ބޮޑުވުމަކީ އާންމުންގެ ބޮޑު ކަންބޮޑުވުމެކެވެ. އާންމުންގެ އެ ކަންބޮޑުވުން ހައްލުކުރުމުގެ މަސައްކަތްތައް ކުރަމުން އަންނައިރު ޙައްޖު ކޯޕަރޭޝަންގެ ޙައްޖު ކިއު ކުޑަކުރުމަށާއި ޙައްޖަށް ގެންދިޔުމަށް އިތުރަށް ފައިސާ ނަގާ މައްސަލަ ޙައްލުކުރުމަށްޓަކައި ރާއްޖެއަށް ލިބޭ ޙައްޖު ކޯޓާ ހަމައެކަނި ޙައްޖު ކޯޕަރޭޝަނަށް ވަނީ ދީފައެވެ. ރަސްމީ ކޯޓާގެ އިތުރަށް ކޯޓާ ލިބިއްޖެނަމަ ޙައްޖަށް މީހުން ގެންދިޔުމުގެ ފުރުޞަތު އަމިއްލަ ޖަމާޢަތްތަކަށް ދިނުމަށް ހަމަޖެހިފައިވަނީ ޙައްޖު ކޯޕަރޭޝަންގެ ލިސްޓުގައި ތިބި މީހުންގެ ތަރުތީބުންނެވެ. ޙައްޖު ކޯޕަރޭޝަންގެ ކިއުގައި 14000އެއްހާ މީހުން އެބަތިއްބެވެ.