މިއަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒު ވެގެންދާނީ ރާއްޖޭގެ ތާރީޚުގައިވެސް ބޭއްވޭ އެންމެ ބޮޑު މައުރަޒަށް ކަމަށާއި، މި މައުރަޒު ހުރިހާ ގޮތަކުންވެސް ތަފާތުވާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
އުފެއްދުންތެރިކަމުގެ މައުރަޒު 2026އަކީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީ އަދި އިޤްތިޞާދީ ވުޒާރާ ގުޅިގެން ކުރިއަށްގެންދާ މައުރަޒެކެވެ. މިމައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25އިން އަންނަ މަހުގެ 2ވަނަ ދުވަހާ ހަމައަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، މިދިޔަ އަހަރުވެސް އުފެއްދުންތެރިކަމުގެ މައުރަޒެއް ބޭއްވިގެންދިޔަ ކަމަށާއި، އެހެންނަމަވެސް މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ މައުރަޒު ހުރިހާ ގޮތަކުންވެސް ތަފާތުވާނެ ކަމަށެވެ.
ވަޒީރު ވިދާޅުވީ، މިދިޔަ އަހަރާ އަޅާބަލާއިރު، މިއަހަރުގެ މައުރަޒުގައި ބައިވެރިވި މީހުންވެސް ނިސްބަތް %225 އިތުރުވެފައިވާ ކަމަށެވެ. މިދިޔަ އަހަރުގެ މައުރަޒުގައި 240 އެގްޒިބިޓަރުން ބައިވެރިވިނަމަަވެސް، މިއަހަރުގެ މައުރަޒުގައި 780 އެގްޒިބިޓަރުން ބައިވެރިވެ އެމީހުންގެ އުފެއްދުންތައް ދައްކާލުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ.
މިއަހަރުގެ މައުރަޒުގައި އެގްޒިބިޓްކުރާ އުފެއްދުންތައް ނުވަތަ ތަކެތީގެ އަދަދުވެސް ދެގުނަ ވެފައިވާކަަން ވަޒީރު ފާހަގަކުރެއްވިއެވެ. މިދިޔަ އަހަރުގެ މައުރަޒުގައި 2400 އައިޓަމް ބައިވެރިކޮށްފައިވާއިރު، މިއަހަރުގެ މައުރަޒުގައި މިއަދަދު 4800އަށް އަރައެވެ.
މިއަހަރުގެ މައުރަޒުގައި އިތުރު 2 ޑިސްޓްރިކްޓެއް ހިމެނޭގޮތަށް 7 ޑިސްޓްރިކްޓެއް ފެނިގެންދާނެއެވެ. މީގެ ތެރޭގައި އަލަށް އިތުރުކުރި ވިޒިޓަރ އިކޮނޮމީ ޑިސްޓްރިކްޓާއި، އިންޓަނޭޝަނަލް ޑިސްޓްރިކްޓް ހިމެނެއެވެ.
"މިފަހަރު 10 ރަށެއް އެބަވޭ ވިޒިޓަރ އިކޮނޮމީގައި ބައިވެރިވެފައި. މިކަންތައްވެސް ވަރަަށް ވާދަވެރިކޮށް މިދަނީ މިކަންތައްވެސް. އޭގެ އިތުރަށް އިންޓަނޭޝަނަލް ޑިސްޓްރިކްޓުގައި ޗައިނާގެ 15 ވިޔަފާރިއެއް އެބަ ހިމެނޭ. އެބޭފުޅުން އިންޓްރޮޑިއުސްކޮށްދޭނެ ކުދި ވިޔަފާރިތަކަށް ތަފާތު އީޖާދުތައްވެސް، އޭގެ އިތުރަށް އިންޑިއާގެ 15 ފަރާތަކުން އެބަ ބައިވެރިވޭ އަދި ޔޫއޭއީގެ ބައެއް ފަރާތްތައްވެސް ބައިވެރިކުރުމަށް މަސައްކަތް ކުރަމުންމިދަނީ." ވަޒީރު ސަޢީދު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މިދިޔަ އަހަރުގެ މައުރަޒު 10 ދުވަހަށް ބޭއްވިގެންދިޔައިރު، ކޮންމެ ދުވަހަކުވެސް ގާތްގަނޑަކަށް 80،000އަށްވުރެ ގިނަ މީހުން ޒިޔާރާތްކުރަމުންދިޔަ ކަމަށެވެ. އަދި އުމްމީދަކީ މިއަހަރު މިއަދަދު ދެގުނަ ވެގެންދިއުންކަން ފާހަގަކުރައްވާ، މިމައުރަޒު ވެގެންދާނީ ރާއްޖޭގެ ތާރީޚުގައިވެސް ބޭއްވޭ އެންމެ ބޮޑު މައުރަޒަށް ކަމަށް އިގުތިޞާދީ ތަރައްޤީއާ ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.