ޚަބަރު

ޓާރނިންގ ސްޓޯންގެ ހަރަކާތްތަކަށް ޕީއެސްއެމްއިން އެހީތެރިވަނީ


ޒުވާން ފަންނުވެރިން ހަރަކާތްތެރިވާ ޓާރނިންގ ސްޓޯންއިން ބާއްވާ ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ޕަބްލިކް ސާރވިސް މީޑިއާއިން ބައިވެރިވެ އެހީތެރިވާން ނިންމައިފިއެވެ.  މިއެއްބަސްވުމުގެ ދަށުން އަންނަ އަހަރު ކުރިކޮޅު ޓާރނިންގ ސްޓޯންއިން ހުޅުމާލޭ ސެންޓަރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ "ހިތްވަރު ޗެލެންޖް" ކުރިއަށް ގެންދިއުމަށް ޕީއެސްއެމުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ. ހިތްވަރު ޗެލެންޖަކީ ރާއްޖޭގައި ހުރި އެންމެ ފިޓް ޒުވާނާ ހޮވުމަށް ކަސްރަތާއި ކުޅިވަރާއެކު ތިން މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ބޮޑު ޙަރަކާތެކެވެ. 

މިއެއްބަސްވުމުގައި ސޮއިކުރެއްވީ ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުޢްލަތީފާއި ޓާރނިން ސްޓޯންގެ ޑިރެކްޓަރ ސޭލްސް އެންޑް މާރކެޓިންގ ފާތިމަތު ޒާދާއެވެ. މިއެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަތީފް ވިދާޅުވީ، ޕަބްލިކް ސަރވިސް މީޑިއާ އުފެދުނީއްސުރެ ޕީއެސްއެމުން އެންމެ ބޮޑު އިސްކަމެއް ދެމުން އަންނަ އެއްކަމަކީ ޒުވާނުންގެ ހަރަކާތްތައް ކުރިއެރުވުންކަމަށެވެ. އިކްރާމް ވިދާޅުވީ، ތިންމަސްދުވަހަށް ދެމިގެންދާ މި ޓީވީ ޝޯވއަކީ ޒުވާނުންގެ މެދުގައި މަޤްބޫލް ޝޯވއަކަށް ވެގެންދާނެކަމަށެވެ.

" ދިވެހިރާއްޖޭގެ އެންމެ ފިޓް ޒުވާނާ ހޮވުމަށް ޒުވާނުންތަކެއް އުފައްދާ ޕްރޮގްރާމެއްގައި ޕަބްލިކް ސަރވިސް މީޑިއާގެ ފަރާތުން މި ބައިވެރިވަނީ ހަމައެކަނި މީޑިއާ ޕާޓްނަރެއްގެ ގޮތުގައި އެކަންޏެއް ނޫން. މި ޕްރޮގްރާމް މީޑިއާއިން ގެނެސްދިނުމާއި ޕާޓްނަރެއްގެ ގޮތުގައި މި ޕްރޮގްރާމް ޕްރަމޯޓް ކުރުމާއި މި ޕްރޮގްރާމްގެ ކަންކަން ޑިސްޓްރިބިއުޓް ކުރުމާއި އަދި މިނޫންވެސް ހުރިހާ ކަމެއް އަޅުގަނޑުމެން ދެބައި މީހުން ގުޅިގެން މަސައްކަތް ކުރާނީ." ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަތީފް ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/14791368161931.jpg|ޓާރނިންގ ސްޓޯންގެ ހަރަކާތްތަކަށް ޕީއެސްއެމްއިން އެހީތެރިވުމުގެ އެއްބަސްވުމުގެ ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

ހިތްވަރު ޗެލެންޖުގައި ބައިވެރިވުމުގެ ފުރުޞަތު ޓާރނިން ސްޓޯންއިން މިހާރު ވަނީ ހުޅުވާލާފައެވެ. މި ޕްރޮގްރާމް ޙާއްޞަކޮށްފައިވަނީ އުމުރުން އަށާރަ އަހަރާއި ސާޅީސް ފަސް އަހަރާއި ދެމެދުގެ އުމުރު ފުރާގެ މީހުންނަށެވެ. ޓާރނިން ސްޓޯންގެ މެނޭޖިންގ ޑިރެކްޓަރ ހުޞައިން އިޙްވާން ވިދާޅުވީ، މި ޙަރަކާތުގައި ފެނިގެންދާނީ ކްރޮސް ފިޓްގެ ހަރަކާތްތައް ކަމަށެވެ. އިޙްވާން ވިދާޅުވީ، ހިތްވަރު ޗެލެންޖް ބޭއްވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ކްރޮސްފިޓް ރާއްޖޭގައި އާލާކޮށް އާ ކުޅިވަރެއްގެ ގޮތުގައި ތަޢާރަފްކުރުން ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ނިންމާފަ އިންނާނީ އަށާރަ އަހަރުން މައްޗާއި ސާޅީސްފަސް އަހަރުން ދަށުގެ މީހުންނަށް ބައިވެރިވެވޭ ގޮތަށް. ހުރިހާ ބޭޅުޅުންނަށްވެސް ބައިވެރިވެވޭނެ. އަޅުގަނޑުމެން މިހާރު އެޕްލިކޭޝަނަށް ހުޅުވާލާފައިވާނީ. އަޅުގަނޑުމެންގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެ. އެއީ ޑަބްލިޔު ޑަބްލިޔު ޑަވްލިޔު ޑޮޓް ހިއްވަރު ޗެލެންޖް ޑޮޓް ކޮމް." ޓާރނިން ސްޓޯންގެ މެނޭޖިންގ ޑިރެކްޓަރ ހުޞެއިން އިޙްވާން ވިދާޅުވިއެވެ.