ޚަބަރު

މިފްކޯއިން މަސް ގަންނަ އަގު ބޮޑުކޮށް، އެއްވަރެއްގައި ހިފެހެއްޓޭނެ ނިޒާމެއް


  • މިފްކޯގެ ސެންޓަރުތަކާއި ބޯޓުފަހަރަށް މަސް ގަންނަނީ ތިން ރޭޓެއްގައި

  • މަހުގެ އަގު 20 ރުފިޔާއަށްވުރެ ދަށްނުކޮށް ހިފެހެއްޓޭނެކަމުގެ ޔަޤީންކަންދޭ

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ މިފްކޯއިން މަސްގަންނަ އަގުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.

ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން ވިދާޅުވީ، މިފްކޯގެ ސެންޓަރުތަކާއި ބޯޓުފަހަރަށް މަސް ގަންނަނީ ތިން ރޭޓެއްގައި ކަމަށެވެ. އަދި މިއީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ރިއާޔަތްކޮށް، މަސްވެރިންނަށް އެކަށޭނަ އަގެއް ފޯރުކޮށްދިނުމަށާއި، ދެމެހެއްޓެނިވި މަސްވެރިކަން ހަރުދަނާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ގެނެވުނު ބަދަލެއް ކަމަށްވެސް އެކުންފުނިން ފާހަގަކުރެއެވެ.

މިފްކޯއިން މަހުގެ އަގަށް ގެނައި ބަދަލުތައް:

• 1 - 5 ޓަނާ ދެމެދު: ކިލޯއެއް 21 ރުފިޔާ
• 5 – 8 ޓަނާ ދެމެދު: ކިލޯއެއް 22 ރުފިޔާ
• 8 ޓަނަށްވުރެ މަތި: ކިލޯއެއް 22.75 ރުފިޔާ

މިފްކޯއިން ވިދާޅުވީ، މި ރޭޓުތަކުގައި ގދ. ތިނަދޫ ބަނދަރުންނާއި، ޅ. ފެލިވަރު ބަނދަރުންނާއި، ހއ. އިހަވަންދޫ ބަނދަރުންނާއި، ލ. ހިތަދޫ ބަނދަރުންނާއި، މ. މުލަކު ބަނދަރުން މިއަދު މަސް ގަންނަމުންދާނެ ކަމަށެވެ.

މިފްކޯއިން މަސް ގަންނަ އަގުތަކަށް އިތުރު ބަދަލުތަކެއް ގެނެސްފައިވާއިރު، ބައިނަލްއަގުވާމީ ބާޒާރުގައި މަހުގެ އަގުތަކަށް އަންނަ ބަދަލުތަކާއި، މަހުގެ ސަޕްލައިއާއި ޑިމާންޑަށް ރިއާޔަތްކޮށް، ފޭސްތަކަކަށް ބަހާލައިގެން މަސް ގަންނަ އަގަށް މީގެ ކުރިންވެސް ބަދަލުތަކެއް ގެނެސްފައިވެއެވެ. އެގޮތުން، މިދިޔަ ޖޫން މަހު ކިލޯއެއްގެ އަގު -/20 ރުފިޔާއަށް އަދި އޮގަސްޓް މަހު -/21 ރުފިޔާއަށް މަތިކުރުމަށްފަހު، ސެޕްޓެމްބަރު 2026 ގައި ކަޅުބިލަމަސް ގަންނަ އަގު ވަނީ ކިލޯއެއް -/22 ރުފިޔާއަށް ބޮޑުކޮށްފައެވެ.

ސަރުކާރުގެ މަސް ގަންނަ އަގު ކަނޑައެޅުމުގެ ނިޒާމުގެ ދަށުން، މަސް ގަންނަ އަގުތައް ބައިނަލްއަގުވާމީ ބާޒާރާއި މާކެޓް ޑިމާންޑާ އެއްގޮތަށް ބަދަލުވަމުން ދިޔަ ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މަސް ކިލޯއެއްގެ އަގު -/20 ރުފިޔާއަށްވުރެ ދަށްނުވާނެ ގޮތަށް އުސޫލުތައް ހަމަޖައްސަވާނެ ކަމަށް ވިދާޅުވެފައެވެ. މިގޮތުން މަހުގެ އަގު 20 ރުފިޔާއަށްވުރެ ދަށްނުކޮށް ހިފެހެއްޓުމަށް މިފްކޯއިން މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން މިފްކޯއިން ވަނީ ދެއްވާފައެވެ.