ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޮޑުއަގުގައި ބޭރުފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ އެ ތިން މީހުން ހައްޔަރުކުރީ ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ގާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މައުލޫމާތާ ގުޅިގެންކަމަށެވެ.
އިއްޔެގެ ވަގުތެއްގައި ހައްޔަރުކުރި އެ ތިން މީހުންނަކީ އާމިރު ސައިން އާއި އެމްޑީ މީޒާނުއްރަހްމާން އަދި ސިރާޒް ޚާންއެވެ. ފުލުހުން ވިދާޅުވީ މި މައްސަލައިގެ ތަހުގީގު މިހާރުވެސް ކުރިއަށް ގެންދާ ކަމަށާއި އެ މީހުންނާ މެދު އަޅާނެ ފިޔަވަޅުތައް ނިންމާނީ ތަހުގީގަށް ލިބޭ އިތުރު މައުލޫމާތާއި ހޯދުންތަކުގެ މައްޗަށް ބިނާކޮށްގެން ކަމަށެވެ.
ލައިސަން ނެތި ގާނޫނާ ހިލާފަށް ވިޔަފާރި އުސޫލުން، ބޭރު ފައިސާ މާރުކުރުމުގެ އަމަލުތައް ހިންގާ ފަރާތްތަކާބެހޭ މައުލޫމާތު އެފަދަ މައްސަލަތައް ތަހުގީގު ކުރަން އެކުލަވާލާފައިވާ ޓާސްކްފޯސްއާ ހިއްސާކުރަން ފުލުހުން ވަނީ އެދިފައެވެ. އަދި އެ މައްސަލަތައް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ޓާސްކްފޯސްގެ އޮޕަރޭޝަންސް ނަންބަރު 9388733 އަށް މެސެޖުކުރަން ފުލުހުން ވަނީ އެދިފައެވެ.