ޚަބަރު

ދިވެހިންނަށް ޚާއްޞަކޮށްފައިވާ ދާއިރާތަކުން 29 ފޮރިން އިންވެސްޓްމަންޓް އުވާލައިފި


  • ހޯލްސޭލް ރީޓެއިލް ވިޔަފާރި ވަނީ ދިވެހިންނަށް ޚާއްސަކޮށްފައި

  • އަލަށް ކަނޑައެޅުނު ޝަރުތުތައް ފުރިހަމަކުރަންޖެހޭ 150 ފޮރިން އިންވެސްޓްމަންޓް ހިމެނޭ

ދިވެހިންނަށް ޚާއްޞަކޮށްފައިވާ ދާއިރާތަކުގައި ޙަރަކާތްތެރިވަމުންދިޔަ 29 ފޮރިން އިންވެސްޓްމަންޓް މިހާތަނަށް އުވާލެވިފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ 2024 ވަނަ އަހަރު ޢަމަލުކުރަން ފެށުނު ފޮރިން އިންވެސްޓްމެންޓް ޤާނޫނާ ގުޅިގެން އެކުލަވާލެވުނު ސިޔާސަތުގެ ދަށުން، އަލަށް ކަނޑައެޅުނު ޝަރުތުތައް ފުރިހަމަކުރަންޖެހޭ 150 ފޮރިން އިންވެސްޓްމަންޓް ހިމެނޭ ކަމަށެވެ.

އަދި 29 ފޮރިން އިންވެސްޓްމަންޓް މިހާތަނަށް އުވާލެވިފައިވާއިރު، އެ ސިޔާސަތުގެ ދަށުން ކޮމްޕްލަޔަންޓްވުމަށްޓަކައި 17 ފޮރިން އިންވެސްޓްމަންޓްއަކުން ވަނީ ހުށަހަޅާފައެވެ.

ބިދޭސީންނަށް ހަރަކާތްތެރިވުން މަނާކުރެވިފައިވާ ދާއިރާތަކުގެ ތެރޭގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި، ލޮޖިސްޓިކްސް، ރާއްޖޭއަށް އޮޕަރޭޓްކުރާ އެއާރލައިންތަކުގެ ޖެނެރަލް ސޭލްސް އޭޖެންޓްސް، ޕެސެންޖަރ ސޭލްސް އޭޖެންޓްސް އަދި ކާގޯ ސޭލްސް އޭޖެންޓްސް ހިމެނެއެވެ.

ވަޒީރު ސައީދު ވިދާޅުވީ ދިވެހިންނަށް ޚާއްސަކޮށްފައިވާ ދައިރާތަކުގައި ހަރަކާތްތެރިވަމުންދިޔަ ބޭރުގައި ރީޓެއިލް އައި ހޯލް ސޭލް ވިޔަފާރީގައި ހަރަކާތްތެރިވަމުން ދިޔަ 17 ފަރާތެއް ކޮމްޕްލަޔަންޓުވުމުގެ ފުރުސަތު ދީފައިވާ ކަމަށާއި، އެފަދަ ވިޔަފާރިތަކުގައި ހަރަކާތްތެރިވަނީ ދިވެހިންކަން ޔަޤީންކުރާނެ ކަމަށެވެ.

"އޭގެ މާނައަކީ 17 ފަރާތެއް އެބަ ބޭނުންވެއޭ ދިވެހިންނަށް ޝެއާ ބަދަލުކުރަން، އަޅުގަނޑުމެން މި ފަހަރު ދަންނަވަނީ ނަމަކަށް ތިކަން ނުކުރެވޭނެއޭ، ވަރަށް ކޮމްޕްލެކްސް ޕްރޮސީޖާރއެއް ފްލޯ ކުރަންޖެހޭނެ، ޕާޓްނާޝިޕް ޑޮކިއުމަންޓު ނޮޓޮރައިޒްކުރެވި، އަޅުގަނޑުމެންނާ ޕްރޮފެޝަނަލް އެތައް ފަރާތަކާއި މިކަން ހަޤީގީ މާނާގައި އުފެއްދޭނެ ގޮތަކީ ކޮބައިކަން ހޯދުމަށް މިދަނީ މަސައްކަތްކުރަމުން،" ވަޒީރު ސައީދު ވިދާޅުވިއެވެ.

އައު އިންވެސްޓްމެންޓް ރިކުއަރމެންޓްސްގެ އަސާސަކީ، ދިވެހިން ކުރިއަރަމުން އަންނަ ސިނާޢަތްތަކާއި ދައިރާތަކުން ދިވެހިންނަށް ޚާއްސަކޮށް، ބޭރުގެ ތަޖުރިބާ ބޭނުންވާ ދާއިރާތަކުން އެފަރާތްތަކަށް މިހާރަށް ވުރެ ބޮޑަށް ފުރުސަތު ހުޅުވާލުން ކަމަށް އިޤްތިޞާދީ ވުޒާރާއިން ވިދާޅުވެއެވެ. އެ ވުޒާރާއިން ވަނީ އަލަށް ދިވެހިންނަށް ޚާއްސަ ކުރި ވިޔަފާރިތަކަށް މިހާރުވެސް އިންވެސްޓްކޮށްފައިވާ ފަރާތްތަކަށް ގެއްލުން ނުވާނެހެން، އެ ދައިރާތަކުން ނިކުތުމަށް ނުވަތަ ޓްރާންސިޝަން ވާން މުއްދަތެއް ދެވޭނެ ކަމަށެވެ. މީގެ އިތުރުން ބައެއް ދާއިރާތަކުގައި ދިވެހި ހިއްސާދާރަކާއި ނުލައި ވިޔަފާރި ނުކުރެވޭ ގޮތަށް ނޫނީ ޖޮއިންޓް ވެންޗަރ އުސޫލުން ވިޔަފާރި ކުރެވޭ ގޮތަށްވެސް ފުރުސަތު ފަހިކޮށްދީފައިވާ ކަމަށް އިޤްތިޞާދީ ވުޒާރާއިން ވިދާޅުވެއެވެ.

އިޤްތިޞާދީ ވުޒާރާއިން ވިދާޅުވީ ދިވެހީންގެ ހުނަރާއި ޤާބިލުކަން އިތުރުކަމަށް ބެލެވޭ އިތުރު ބައެއް ދާއިރާތައް ދިވެހިންނަށް ހާޢްސަ ކުރެވި ނުވަތަ އިންވެސްޓްމެންޓް ފުރުސަތު އައު ޝަރުތުތަކުގެ ތެރެއިން ހަނިކޮށްފައިވާނެ ކަމަށެވެ. މީގެ ތެރޭގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި، ލޮޖިސްޓިކްސް، އާންމު ކަނޑު ދަތުރުފަތުރުގެ ޚިދުމަތް، ބަންކަރިންގެ ޚިދުމަތުގެ އިތުރުން 15 މިލިޔަން ޑޮލަރުން ދަށުގެ ކޮންސްޓްރަކްޝަން މަޝްރޫޢުތަކުގެ އިތުރުން 100 މިލިޔަން ޑޮލަރުން ދަށުގެ ރިއަލް އެސްޓޭޓް މަޝްރޫޢުތަކާއި އޮޑިޓިންގ އަދި އިންފޮރމޭޝަން ޓެކްނޮލޮޖީގެ ދާއިރާގައި ފޮރިން އިންވެސްޓަރުންނަށް ހަރަކާތްތެރިވެވޭނީ 25 އިންސައްތަ ދިވެހިންގެ ހިއްސާ ހިމެނޭގޮތަށެވެ. އަދި، 100 މިލިއަން ޑޮލަރަށްވުރެ ދަށުގެ ރެޒިޑެންޝަލް ރިއަލް އެސްޓޭޓް ޕްރޮޖެކްޓްސް އަދި ޖެނެރަލް ސީ ޓްރާންސްޕޯޓުގެ ޚިދުމަތްތައް ވެސް ވަނީ ދިވެހީންނަށް ޚާއްޞަކުރެވިފައެވެ. މި ދާއިރާތަކަކީ ދިވެހިންނަށް ފަހި ފުރުސަތުތަކެއް އޮތް އަދި އިންވެސްޓް ކުރުމުގެ ބާރުވެރިކަން ހުރި ދާއިރާތައްކަން އިޤްތިޞާދީ ވުޒާރާއިން ފާހަގަކުރެއެވެ.