ޚަބަރު

އަހަރުގެ މިހާތަނަށް ހޫނުމިން ހުރީ އާންމު މިންވަރަށްވުރެ މަތީގައި


  • އެލް ނީނޯގެ އަސަރު ރާއްޖެއަށްވެސް ދަނީ ކުރަމުން

  • ޑިސެމްބަރުމަހު މަތީ ދަރަޖައަކަށް އެލް ނީނޯގެ އަސަރުކުރާނެ

މި އަހަރުގެ މިހާތަނަށް ރާއްޖޭގެ ހޫނުމިން ހުރީ އާންމު މިންވަރަށްވުރެ މަތީގައި ކަމަށް ރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ. އަދި މި ހަފުތާގައި ރާއްޖޭގެ އެކި ހިސާބުތަކަށް އިހުސާސްކުރެވޭ ހޫނުމިން ވަރަށް ބޮޑަށް މަތިވެފައިވާ ކަމަށްވެސް އެ އިދާރާއިން ވިދާޅުވިއެވެ.

ޕެސިފިކް ކަނޑުގައި އުފެދިފައިވާ އެލް ނީނޯގެ އަސަރު ރާއްޖެއަށްވެސް ދަނީ ކުރަމުންނެވެ. މިކަމާ ގުޅިގެން މޫސުމާ ބެހޭ ޤައުމީ އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، މިދިޔަ މަހު އެލް ނީނޯގެ ބާރު އިތުރަށް ގަދަވެފައިވާ ކަމަށާއި، މި އަހަރުގެ ޑިސެމްބަރު މަހު އޭގެ އަސަރު އެންމެ މަތީ ދަރަޖައަކަށް ފޯރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މީގެ ސަބަބުން ދުނިޔޭގެ ހޫނުމިން އާންމު މިންވަރަށްވުރެ މަތިވެ، ވާރޭ ވެހުމުގެ ނިޒާމަށް ބަދަލުތައް އައިސް ފެންބޮޑުވުމާއި ހަނަފަސްކަމުގެ ނުރައްކާ އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.


މޫސުމީ ރެކޯޑުތަކާއި ހަވާލާދީ މެޓް އޮފީހުން ވިދާޅުވީ، ޖެނުއަރީން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ރާއްޖޭގެ ހޫނުމިން އާންމު މިންވަރަށްވުރެ މަތީގައި ހުރިއިރު، ޖޫން މަހުން ފެށިގެން ކަނޑުގެ ލޮނުގަނޑުގެ ހޫނުމިންވެސް އާދަޔާ ޚިލާފަށް މަތިވެފައިވާ ކަމަށެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުންނަ މެޓު އޮފީހުގެ އިދާރާތަކުންވެސް އެންމެ މަތީ ހޫނުމިން ރިޕޯޓްކޮށްފައިވަނީ މިދިޔަ މަހު ކަމަށެވެ.

މީގެ އިތުރުން މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހު ބައެއް ހިސާބުތަކަށް އާންމު މިންވަރަށްވުރެ އިތުރަށް ވާރޭ ވެހުނު ނަމަވެސް، އަނެއްބައި ސަރަހައްދުތަކަށް ވާރޭ ވެހުނު މިންވަރު ހުރީ އާންމު މިންވަރަށްވުރެ މަދުންކަންވެސް އެ އިދާރާއިން ފާހަގަކުރެއެވެ.

އެލް ނީނޯގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ލޮނުގަނޑު ހޫނުވެ، ފަރުތަކުގެ ދިރުމަށް ނުރައްކާވުމުގެ އިތުރުން އޮއިވަރަށް އަންނަ ބަދަލުތަކާއެކު މަސްވެރިކަމުގެ ސިނާއަތަށް ގޮންޖެހުންތައް ކުރިމަތިވެދާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އަދި ބައެއް ސަރަހައްދުތަކަށް ވާރޭވެހުން މަދުވުމުގެ ސަބަބުން ދަނޑުވެރިކަމަށްވެސް ނޭދެވޭ އަސަރުތައް ފޯރުމުގެ ފުރުސަތު ބޮޑު ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.

ޕެސިފިކް ކަނޑުގައި އެލް ނީނޯގެ ބާރު ގަދަވަމުންދާތީ، އޭގެ ސަބަބުން ރާއްޖެއަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށާއި، ކުރިމަތިވެދާނެ ކާރިސާއަކަށް ދުރާލައި ތައްޔާރުވެ ތިބުމަށް މޫސުމާބެހޭ ޤައުމީ އިދާރާއާއި، ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ، އެންޑީއެމްއޭ ފަދަ ކަމާ ގުޅޭ އިދާރާތަކުން ދަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.