ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން ފަސް ޕޮއިންޓް ގެއްލުމުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ޕްރެޝަރު އެބައޮތް ކަމަށާއި، އެކަމަކު އެއީ މައްސަލައެއް ނޫން ކަމަށް ކޯޗު ތޯމަސް ޓުރުޗާ ބުނެފިއެވެ.
ލީގުގައި މާޒިޔާއިން އެންމެ ފަހުން ކުޅުނު ދެ މެޗުގެ ތެރެއިން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބް އަތުން 3-2 އިން ބަލިވިއިރު، ވިކްޓްރީ ސްޕޯޓްސް ކުލަބް އަތުން 2-2 ގެ ނަތީޖާއަކުން ވަނީ އެއްވަރުވެފައެވެ. މި ދެ މެޗުން މާޒިޔާއަށް ފަސް ޕޮއިންޓް ވަނީ ގެއްލިފައެވެ.
ޓީސީ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗު ޓުރުޗާ ބުނީ، ކުރިއަށް އޮތް ޓީސީ ސްޕޯޓްސް ކުލަބުގެ މެޗަށް ނުކުންނައިރު، މާޒިޔާއަށް ޕްރެޝަރު އެބައޮތް ކަމަށެވެ. އެގޮތުން މި މެޗަށް ނުކުންނައިރު، އޭނާއާއި، ކުޅުންތެރިންނަށްވެސް ޕްރެޝަރު އެބައޮތްކަން ކޯޗު ވަނީ ފާހަގަކޮށްފައެވެ. ޓުރުޗާ ބުނީ، މި ލެވަލްގައި ކުޅޭއިރު، ކޮންމެ މެޗަކީ ވެސް ޕްރެޝަރެއް ކަމަށާއި، އެކަމަކު އޭނާވެސް ކުޅުންތެރިންވެސް މި ޕްރެޝަރުގައި ކުޅެން ފަރިތަކަމަށެވެ.
ޓުރުޗާ ބުނީ، މާޒިޔާއިން ޓީސީ މެޗު ފަސޭހަކޮށްނުލާނެ ކަމަށެވެ. ކޯޗު ޓުރުޗާ ބުނީ ޓީސީއަކީ ވެސް ވަރުގަދަ ޓީމެއް ކަމަށާއި، މެޗު މާޒިޔާއިން ފަސޭހަކޮށްލައިގެން އޭގެ ގެއްލުން ލިބޭނީ މާޒިޔާއަށް ކަމަށެވެ.
މާޒިޔާއިން މި މެޗަށް ނުކުންނައިރު، ޒުވާން ފޯވާޑް މުހައްމަދު އިލާން އިމްރާން އަދިވެސް ހުރީ އަނިޔާގައެވެ. ނަމަވެސް އިލާން މިހާރު މަޑުމަޑުން ފަރިތަކުރުންތަކުގައި ބައިވެރިވަމުން އަންނަކަން ކޯޗު ވަނީ ފާހަގަކޮށްފައެވެ.
މާޒިޔާއާއިން ޓީސީއާ ދެކޮޅަށް ނުކުންނާނީ ބުރާސްފަތި ދުވަހު ހަވީރު 16:00 ގައެވެ. މި މެޗު ޔެސް ޓީވީން ލައިވް ކުރާނެއެވެ.