ޚަބަރު

ހުރްމުޒް ކަނޑުއޮޅި ބޭނުން ނުކުރެވޭތީ ދަނޑުވެރިކަމުގެ ދާއިރާއަށް ނޭދެވޭ އަސަރުތައް


ހުރްމުޒް ކަނޑުއޮޅިން ދަތުުރުކުރުމަށް އޮތް ހުަރަސްތަކުގެ ސަބަބުން ދަނޑުތަކުގައި ހައްދާ ތަކެތި ކެނޑުމަށް އަސަރުކުރަމުންދާ ކަމަށް އދގެ ދަނޑުވެރިކަން ތަރައްޤީކުރުމާ ބެހޭ ބައިނަލްއަޤްވާމީ ފަންޑު (އައިއެފްއޭޑީ)އިން ބުނެފިއެވެ.

މެދުއިރުމަތީގެ ހަނގުރާމައިގައި އީރާނުގެ އުޅަނދުފަހަރަށް އެމެރިކާއިން ހުރަސްއަޅަމުންދާތީ، އެމެރިކާއަށް ފިއްތުންތައް ކުރިމަތިކުރުވުމުގެ ގޮތުން އީރާނުން ދަނީ ހުރްމުޒް ކަނޑުއޮޅިއަށް އިތުރަށް ބާރު ފޯރުވުމަށް މަސައްކަތް ކުރަމުންނެވެ.

އައިއެފްއޭޑީގެ ރައީސް އަލްވަރޯ ލާރިއޯ ވިދާޅުވީ ގަސްކާނާގެ ޝިޕްމަންޓުތަކަށް ހުރަސްއެޅިފައިވާތީއާއި ތެލާއި ދަތުރުފަތުރުގެ އަގު އުފުލެމުންދާތީ ދަނޑުވެރިކަމުގެ ސިނާޢަތަށް އަސަރުކުރަމުންދާ ކަމަށެވެ. މިހާރު ކުރިމަތިވެފައިވާ ޙާލަތު އެލް ނިނޯގެ ސަބަބުންނާއި ކަޅު ކަނޑު މެދުވެރިކޮށް އުފުލާ ގޮދަނުގެ ސްޓޮކަށް އަސަރުކުރަމުންދާތީ އިތުރަށް ގޯސްވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ދަނޑުވެރިކަމުގެ ދާއިރާއަށް ކުރަމުންދާ އަސަރުގެ ސަބަބުން ދަނޑުވެރި އުފެއްދުންތައް މަދުވެ ކާބޯތަކެތީގެ އަގު އުފުލުން އެކަށީގެންވާ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވައިފައެވެ.

މީގެ ކުރިން ގުދަންކޮށްފައިވާ ގަސްކާނާއާއި ތެލުގެ ސްޓޮކު ހުރުމުން ޝިޕިންގ ދާއިރާއަށް ކުރިމަތިވި ދަތިތަކުގެ ސަބަބުން ދަނޑުވެރިކަމުގެ ދާއިރާއަށް މާ ބޮޑު އަސަރެއް ކޮށްފައެއް ނުވެއެވެ. ނަމަވެސް ހަނގުރާމައިގެ ޙާލަތު ގިނަ ދުވަސްތަކަކަށް ދެމިގެން ގޮސް، ގަސްކާނާއާއި ތެޔޮ ލިބުމަށް ދަތިވެ، ލިބެން ހުރިސްޓޮކް ހުސްވަމުންދާތީ ދަނޑުވެރިކަން ކުރުމުގައި ފަރުވާތެރިކަމާއެކު ގަސް އިންދައި ގަސްކާނާ ބޭނުން ކުރުމަށް މަޖުބޫރުވެފައިވާ ކަމަށް ލާރިއޯ ވިދާޅުވެއެވެ. ތެލުގެ އަގު އުފުލިފައިވާތީ މެޝިން ބޭނުންކޮށްގެން ގޮވާން ކެނޑުމަށް ވެސް އަސަރުކުރަމުންދާ ކަމަށް އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.

މި އަހަރުގެ ތިންވަނަ ކުއާޓާގައި ދަނޑުވެރި އުފެއްދުންތަކުގެ އަގު ވަނީ 13 އިންސައްތައިން އުފުލިފައެވެ. ހިނގަމުންދާ ހަތަރުވަނަ ކުއާޓާގައިއާއި އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި އަގުތައް އިތުރަށް އުފުލޭނެ ކަމަށް ބެލެވެއެވެ.

އިމްޕޯޓަށް ބަރޯސާވާ ޤައުމުތަކަށް އަސަރުކުރާ މިންވަރު އިތުރަށް ބޮޑެވެ. ދެކުނުއިރުމަތީ އޭޝިއާގެ ޤައުމުތަކަކަކީ ތެލުގެ އިމްޕޯޓަށް ބަރޯސާވާ ޤައުމުތަކަކަށްވިއިރު، ގަލްފުގެ ޤައުމުތަކަކީ ކާބޯތަކެތީގެ އިމްޕޯޓަށް ބަރޯސާވާ ޤައުމުތަކެކެވެ.

އދން ތާއީދުކޮށްފައިވާ ހުށަހެޅުމެއްގެ ދަށުން ހުރްމުޒް ކަނޑުއޮޅި މެދުވެރިކޮށް ގަސްކާނާގެ ޝިޕްމަންޓުތައް ފޮނުވުމަށް މިހާރު ވަނީ ރާވައިފައެވެ. އެ ރޭވުން ވިލަރެސްކުރުމުގައި ޙަރަކާތްތެރިވާ އިސް ފަރާތަކުން ވިދާޅުވީ ކުރިއަށް އޮތް ހަފްތާތަކުގައި ހަނގުރާމައަށް ދާއިމީ ނިމުމެއް ގަނައުމާ ގުޅޭ އެއްބަސްވުމަކާ ހަމައަށް އެމެރިކާއާއި އީރާނަށް ނާދެވޭ ނަމަ އޭޝިއާއާއި އެފްރިކާގެ ބައެއް ސަރަޙައްދުތަކަށް ކާބޯތަކެތި ކަށަވަރުކުރުމަށް ދަތިވާނެ ކަމަށެވެ.