ޔަމަނުގެ ހޫތީން ސައޫދީ އަރަބިއާ އަށް ހަމަލާދެމުންދާތީވެ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތް ފަސް ކުރަން ޖެހިދާނެ ކަމުގެ އިޝާރާތެއް އޭއެފްސީން ދީފި އެވެ.
ފީފާ ކައުންސިލް ބައްދަލުވުމުގެ ހަވާސާގައި ވާހަކަފުޅު ދައްކަވަމުން އޭޝިއާގެ ފުޓްބޯޅަ ޖަމިއއްޔާގެ ރައީސް ޝައިހް ސަލްމާން ބިން އިބްރާހީމް އަލް ޚަލީފާ ވިދާޅުވީ އަވަސް އަރުވާލައިގެން މުބާރާތާ މެދު ގޮތެއް ނުނިންމައި އެންމެ ފަހުގެ ނިންމުން ނިންމާނީ އަންނަ ނޮވެމްބަރު މަސް ނިމޭހާތަނުގައި ކަމަށެވެ.
"މިވަގުތު އަހަރުމެން މިދަނީ ވަރަށް ގާތުން މަސްރަހު މޮނިޓަރ ކުރަމުން. ކޮންމެހެން އެކަން ކުރަންވެއްޖެނަމަ މުބާރާތް އެއް އަހަރު ދުވަހަށް ފަސް ކުރެވިދާނެ،" ސަލްމާން ވިދާޅުވި އެވެ.
ކޮންމެ ހަތަރު އަހަރަކުން ބާއްވާ އޭޝިއަން ކަޕް ފަށަން މިހާރު ނިންމާފައިވަނީ އަންނަ ޖެނުއަރީ މަހުގެ ހަތް ވަނަ ދުވަހު އެވެ.
"ކަންކަން ވަރަށް އަވަހަށް ބަދަލު ވެދާނެ. ފަހަރުގައި މަޝްރަހު ގޯސްވެސް ވެދާނެ، ރަނގަޅު ވެސް ވެދާނެ. އެހެންވީމާ މިވަގުތު އޮތް ސުވާލަކީ ކިހިނެތްތޯ މިކަންވާނީ؟ އަހަރުމެން މުބާރާތުގެ ތާރީހު ބަދަލު ކުރަން ވެއްޖެނަމަ 2028ގައި ބާއްވަން ހަމަޖެއްސިދާނެ،" ސަލްމާން ވިދާޅުވި އެވެ.
ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ސައޫދީ އަރަބިއާ އަށް ދިން ހަމަލާތަކާ ގުޅިގެން ސައޫދީ ޕްރޯ ފުޓްބޯޅަ ލީގުގެ ބައެއް މެޗުތައް ވެސް ވަނީ ފަސްކޮށްފަ އެވެ. މި ގޮތުން މާ ފަހުން ކުޅެން ހަމަޖައްސާފައިވަނީ ތިން މެޗެކެވެ. އެއީ
އައް ރިޔާދް އާއި އަލް ހިލާލް ކުޅޭ މެޗާއި އަލް އިއްތިހާދާއި އައްޝަބާބްގެ އަންނަ ހުކުރު ދުވަހު ކުޅެން އޮތް މެޗު މިހާރު ކުޅޭ ގޮތަށް ހަމަޖައްސާފައިވަނީ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު އެވެ. އަދި އަލް އަހްލީ އާއި އައް ނަސްރު މިއަދު ކުޅެން އޮތް މެޗު މިހާރު ކުޅޭގޮތަށް ހަމަޖައްސާފައިވަނީ އަންނަ މާޗު ހަ ވަނަ ދުވަހު އެވެ.
މިނޫން ހުރިހާ މެޗެއް ޝެޑިއުލާ އެއްގޮތަށް ކުޅޭ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ. މީގެ އިތުރުން މިދިޔަ ހޯމަ ދުވަހު އޭއެފްސީ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި އައް ނަސްރާއި އުޒުބަކިސްތާނުގެ ފެރްގާނާ ސައޫދީ އަރަބިއާގެ ވެރިރަށް ރިޔާދްގައި ކުޅެން އޮތް މެޗު ވަރަށް ބޮޑަށް ފަސްވެގެން ދިޔަ އެވެ.
ހޫތީން ދަނީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މައްކާ އާއި މަދީނާ ފިޔަވައި ސައޫދީ އަރަބިއާގެ އެހެން ސިޓީތަކަށް އަމާޒުކޮށް ހަމަލާދޭނެ ކަމަށް ބުނެފަ އެވެ. ހޫތީންގެ އެންމެ ފަހުގެ ހަމަލާހގައި 13 މީހުން މަރުވެފައިވާއިރު މިއީ 2015 ވަނަ އަހަރުގެ ފަހުން ސައޫދީ އަށް އަމާޒުވި އެންމެ ވަރުގަދަ ހަމަލާތަކެވެ. އަދި އިއްޔެ ޖިއްދާ އަށް އަމާޒުކޮށް ދިން މިސައިލް ހަމަލާއެއް ސައޫދީ އަރަބިއާ ދިފާއު ކުރަން އެކުލަވާލާފައިވާ ކޯލިޝަނުން ވަނީ ހުއްޓުވައިފަ އެވެ. ނަމަވެސް ހޫތީން ދަނީ ސައޫދީ ތެޔޮ ކާރުހާނާތަކަށް އަމާޒުކޮށް ހަމަލާދޭނެ ކަމަށް ބުނަމުންނެވެ.