ޚަބަރު

ށ.އަތޮޅުން އައްޑުއަށް ހުދު ސަމާލު


  • ސަމާލު ނެރެފައިވަނީ މިއަދު 14:00 އިން 20:00އަށް

  • ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފައި

ށ.އަތޮޅުން ފެށިގެން އައްޑުއަށް ހުދު ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ މިއަދު 14:00 އިން 20:00އަށެވެ. ސަމާލު ނެރެފައިވަނީ ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށްފައެވެ.


ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ އަސަރު ކުޑަވެ މޫސުން އަލިވާން ފަށާނީ އަންނަ އާދިއްތަ ދުވަހު ނަމަވެސް، އަންނަ ހަފުތާގައިވެސް ވިއްސާރަވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ. އެ އިދާރާއިން ވިދާޅުވީ އާދިއްތަ ދުވަހުން ފެށިގެން ވާރޭވެހޭ މިންވަރު ދަށްވި ނަމަވެސް، މުޅި ހަފުތާގައިވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށެވެ.

މިއަދާއި މާދަމާވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ އެކި ސަރަޙައްދުތަކަށް އެލާޓްތައްވެސް ނެރެފައެވެ.

މެޓު އޮފީހުން ލަފާކުރާ ގޮތުގައި މިއަދު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް އާންމުކޮށް ވައި އުޅެނީ އާދައިގެ މިންވަރަކަަށް މަޑުކޮށެވެ. އުތުރާއި މެދު ރާއްޖެތެރެއަށް ހުޅަނގު އުތުރާއި އުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 35 މޭލު ބާރުމިނަށް ވައި ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މޫސުން ގޯސްވެ ބޯކޮށް ވާރޭވެހި ވިލާގަނޑުގައި ވައިގަދަވާނެ ކަމަށް ލަފާކުރެވޭތީ، މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ