ޚަބަރު

ވީޑިއޯއިން ފެންނަނީ ހުޅުމާލޭގައި ކުޅޭކުޅޭ ބަޑިތަކެއް ގެންގުޅޭ މަންޒަރު: ފުލުހުން


  • ބަޑިތައް ގެންގުޅުނީ ވީޑިއޯއެއް ކުޅުމުގެ ބޭނުމުގައި

ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ ވީޑިއޯއެއްގައި ފެންނަނީ ކުޅޭކުޅޭ ބަޑިތަކެއްކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އެ ވީޑިއޯގައި ބަޔަކު ބަޑިތަކެއް ހިފައިގެން އުޅޭ މަންޒަރު ފެންނަތީ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ކުރި މަސައްކަތުން، އެތަކެއްޗަކީ ކުޅޭކުޅޭ ބަޑިތަކެއްކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން އިތުރަށް ބެލިބެލުމުން، މި ވީޑިއޯއަކީ މިދިޔަ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި ހިނގާފައިވާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން، ވީޑިއޯއިން ފެންނަ ރަތްކުލައިގެ ކާރު، ހުޅުމާލެތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުން ހުޅުމާލެ ރުއްގަނޑު ދޭއް ސަރަހައްދުން ހޯދައި ހުއްޓުވާފައިވާ ކަމަށާއި އެވަގުތު ކާރު ދުއްވަން އިން ފަރާތާ ސުވާލުކުރުމުން އެއީ ކުއްޔަށް ދޫކުރާ ކާރެއްކަން އެނގިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އެ ކާރު ކުއްޔަށް ނެގި ފަރާތް ފުލުހުންގެ އިދާރާއަށް ހާޒިރުރުކުރި ކަމަށް ވިދާޅުވިއެވެ،

އިތުރަށް ބެލިބެލުމުން އެ ވީޑިއޯއިން ފެންނަ ބަޑިތަކަކީ ކުޅޭކުޅޭ ބަޑިތަކެއްކަން ކަށަވަރުކުރެވިފައިވާ ކަމަށާއި އެއީ ވީޑިއޯއެއް ކުޅުމުގެ ބޭނުމުގައި ކުރިކަމެއް ކަމަށް އެފަރާތުން ބުނެފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ އެ ތަކެތި މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. މިކަމާ ގުޅިގެން ފުލުހުން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.