ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ސިއްޙަތާއި އާޢިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ މިދިޔަ އާދިއްތަ ދުވަހު ބޭއްވި އަހާ ފޯރަމްގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތުތައް ދިނުމާ ގުޅެގޮތުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއްކަމަށެވެ. އެގޮތުން އެފަދަ ފަރާތްތަކުގެ އެސެސްމަންޓްތައް ހަދާ ހުނަރުތައް ބެލުމަށްފަހު ކުންފުނިތަކާއި ސިވިލް ސަރވިސް ކޮމިޝަންގެ އިދާރާތަކުން ވަޒީފާ ހޯދަދިނުމަށް މަަސައްކަތް ކުރާކަމަށެވެ.
މިހާތަަނަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން 400 އަށްވުރެ ގިނަ މީހުންނަށް ވަނީ ވަޒީފާގެ ފުރުޞަތު ދީފައެވެ. މިއީ ފާއިތުވި 10 އަހަރަށް ބަލާއިރުވެސް އެފަދަ ފަރާތްތަކަށް އެންމެ ގިނައިން ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިން ފަހަރުކަން ފާހަގަކޮށްލެވެއެވެ.
ވަޒީރު ވިދާޅުވީ އެފަދަ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި ކުރެވޭ މަސައްކަތުގެ ދަށުން ކުންފުނިތަކުގެ އިތުރަށް ސިވިލް ސަރވިސްގެ އިދާރާތަކުގެ ތެރެއިން ބޭނުންވާ މިންވަރަށް ވަޒީފާ ހަމަކޮށްދިނުމަށް މަސައްކަތްކުރަމުންދާކަމަށެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން 1000 އަށްވުރެ ގިނަ މީހުން ވަޒީފާއެއް ބޭނުންވެފައި ތިބިކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ކޮންމެ އަހަރަކު 500 މީހުންނަށް ވަޒީފާ ހޯދާދިނުމަށް ނިންމާފައިވޭ. މިއަހަރު ވަޒީފާ ފޯރުކޯށްދީފައިވަނީ 60 މީހަކަށް. އެހެންކަމުން މަސައްކަތްތައް އިތުރަށް ހަލުވިކޮށް ސިވިލްސަރވިސް ކޮމިޝަނާ ވާހަކަދައްކައިގެން މިހާރު ނިންމާފައިވަނީ ސިވިލްސަރވިސްގެ އިދާރާތަކުގެ ތެރެއިން ބޭނުންވާ މިންވަރަށް ވަޒީފާ ހަމަކޮށްދިނުމަށް. ކުންފުނިތަކުންވެސް އިތުރަށް މަސައްކަތް ކޮށްގެން އެފަރާތްތަކަށް ކުރެވޭނެ މަސައްކަތްތަކަށް ވަޒީފާ ފޯރުކޮށްދިނުން މުހިއްމު. މީގެ އެންމެ މުހިއްމު ކަމަކީ ވަޒީފާގެ ބާޒާރުގައި އެފަދަ ފަރާތްތަކަށްވެސް ހިމެނިގެންދާ ބަޔަކަށްވުން. ސިއްޙަތާއި އާޢިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް ސަރުކާރުން މަސައްކަތް ފަށާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ކެމްޕެއިންގެ ތެރެއިން އެފަދަ ކުދިންނާއި ޢާޢިލާތަކާއެކު ބޭއްވި ބައްދަލުވުންތަކުގައި އެފަރާތްތަކުން ފާހަގަކުރެއްވި ކަންބޮޑުވުންތަކާއެކުގައެވެ.
ސަރުކާރުން ވަނީ މިފަދަ ފަރާތްތަކަށް ވަޒީފާ ފޯރުކޮށްދިނުމުގެ އިތުރަށް ދޭންޖެހޭ ތަމްރީނުތައްވެސް ދެވި ވަޒީފާގެ މާހައުލުގައި ހަރަކާތްތެރި ބަޔަކަށް ހެދުމަށް މަސައްކަތްވެސް ކުރަމުންދެއެވެ. މި މަސައްކަތްތަކުގެ ދަށުން ސަރުކާރުގެ އެކި ކުންފުނިތަކުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަނީ ވަޒީފާގެ ފުރުޞަތުތައްދީފައެވެ. އޭގެތެރޭގައި ސްޓެލްކޯ، އެޗްޑީސީ، އެމްޕީއެލް ފަދަ ކުންފުނިތައް ހިމެނެއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތުތައް ދިންކަމުގައިވީ ނަމަވެސް އެފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސްއެއް ކަނޑާނުލައެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދެމުންދާއިރު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާ ބެހޭ ޤާނޫނު މުރާޖާކޮށް ގިނަ އިސްލާހުތަކެއް ގެނައުމަށް މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.