ޚަބަރު

މަހުގެ އަގަށް ހެޔޮ ބަދަލެއް، މަސްވެރިންގެ އުންމީދުތައް ހަގީގަތަކަށް


  • މިހާރު ކަޅުބިލަ މަސް ގަންނަމުންދަނީ މައިގަނޑު ތިން ރޭޓެއްގައި

  • މިއީ އިންސާފުވެރި އަގެއް ކަށަވަރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް

ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މައި އެއް ތަނބު ކަމުގައިވާ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ދާދިފަހުން މިފްކޯއިން މިވަނީ މަސް ގަންނަ އަގުތަކަށް ހެޔޮ އަދި ހިތްވަރުދޭ ބަދަލުތަކެއް ގެނެސްފައެވެ. ދިވެހި މަސްވެރިން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރިއެރުވުމަށް ސަރުކާރުން ގެންގުޅޭ ހަރުދަނާ ސިޔާސަތުގެ ދަށުން މި ގެނެވުނު ބަދަލަކީ މި ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

ވައުދާ އެއްގޮތަށް މަހުގެ އަގަށް ބޮޑެތި ބަދަލުތަކެއް

ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން މަހުގެ އަގަށް ގެނެސްފައިވާ ބަދަލުތަކަށް ބަލާއިރު، އެކުންފުނީގެ ސެންޓަރުތަކާއި ބޯޓުފަހަރަށް މިހާރު ކަޅުބިލަ މަސް ގަންނަމުންދަނީ މައިގަނޑު ތިން ރޭޓެއްގައެވެ. އެގޮތުން 1 ޓަނާއި 5 ޓަނާ ދެމެދުގެ މަސް ކިލޯއެއް 21 ރުފިޔާއަށް ގަންނަމުންދާއިރު، 5 ޓަނާއި 8 ޓަނާ ދެމެދުގެ މަސް ކިލޯއެއް 22 ރުފިޔާއަށް ދަނީ ގަންނަމުންނެވެ. މީގެ އިތުރުން، 8 ޓަނަށްވުރެ މަތީގެ މަސް ކިލޯއެއް ގަންނަނީ 22.75 ރުފިޔާއަށެވެ. މި ބަދަލަކީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ވަރަށް ބޮޑަށް ރިއާޔަތްކޮށް، މަސްވެރިންނަށް އެކަށޭނަ އަދި އިންޞާފުވެރި އަގެއް ކަށަވަރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެެެއްގެ ގޮތުގައި އެކުންފުނިން ފާހަގަކުރެއެވެ.

މި ބަދަލާއެކު، ގިނަ އަދަދަކަށް މަސް ބާނާ ދޯނިފަހަރަށް އިތުރު މާލީ މަންފާއެއް ލިބިގެންދާނެ މަގު ވަނީ ފަހިވެފައެވެ. މިފްކޯއިން ހާމަކުރި ގޮތުގައި، މި އައު ރޭޓުތަކުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުން މަސް ގަންނަމުން ދާނެއެވެ. އެގޮތުން، ގދ. ތިނަދޫ ބަނދަރުންނާއި، ޅ. ފެލިވަރު ބަނދަރުންނާއި، ހއ. އިހަވަންދޫ ބަނދަރުގެ އިތުރުން ލ. ހިތަދޫ އަދި މ. މުލަކު ބަނދަރުން ދޯނިފަހަރުން މަސް ކިރުމުގެ އިންތިޒާމުތައް ވަނީ ހަމަޖެހިފައެވެ. މިކަމުގެ ސަބަބުން އެކި ސަރަޙައްދުތަކުގައި ހަރަކާތްތެރިވާ މަސްވެރިންނަށް ފަސޭހަކަމާއެކު އެންމެ އެކަށޭނަ އަގުގައި މަސް ވިއްކުމުގެ ފުރުޞަތު ފަހިވެގެންދާ ކަމަށް އެކުންފުނިން ފާހަގަކުރެއެވެ.

މިފްކޯއިން މަސް ގަންނަ އަގުތަކަށް އިތުރު ބަދަލުތަކެއް ގެނެސްފައިވާއިރު، ބައިނަލްއަގުވާމީ ބާޒާރުގައި މަހުގެ އަގުތަކަށް އަންނަ ބަދަލުތަކާއި، މަހުގެ ސަޕްލައިއާއި ޑިމާންޑަށް ރިއާޔަތްކޮށް، ފޭސްތަކަކަށް ބަހާލައިގެން މީގެ ކުރިންވެސް މިފްކޯއިން ވަނީ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، މިއަހަރުގެ ޖޫން މަހު ކިލޯއެއްގެ އަގު 20 ރުފިޔާއަށް އަދި އޮގަސްޓް މަހު 21 ރުފިޔާއަށް މަތިކުރުމަށްފަހު، ސެޕްޓެމްބަރު މަހު ކަޅުބިލަމަސް ގަންނަ އަގު ވަނީ ކިލޯއެއް 22 ރުފިޔާއަށް ބޮޑުކޮށްފައެވެ. މިއީ މަސްވެރިންގެ އާމްދަނީ އިތުރުކޮށްދިނުމަށް މެދުކެނޑުމެއްނެތި މަސައްކަތްތަކެއް ކުރެވެމުންދާ ކަމުގެ ހެއްކެކެވެ.

ސަރުކާރުގެ މަސް ގަންނަ އަގު ކަނޑައެޅުމުގެ ހަރުދަނާ ނިޒާމުގެ ދަށުން، މަސް ގަންނަ އަގުތައް ބައިނަލްއަގުވާމީ ބާޒާރާއި މާކެޓް ޑިމާންޑާ އެއްގޮތަށް ބަދަލުވަމުން ދިޔަ ނަމަވެސް، މަސްވެރިންނަށް ލިބޭ އާމްދަނީ ހަމަހަމަކަމާއެކު ދެމެހެއްޓުމަށާއި، ޤައުމުގެ މަސްވެރިކަމުގެ ޞިނާޢަތަކީ ފައިދާހުރި އަދި އިތުބާރު އޮތް ދާއިރާއެއްގެ ގޮތުގައި ބޭއްވުމަށް މިފަދަ ނިންމުންތަކުން ބޮޑު ބާރަކަށް ވެގެންދެއެވެ. އަދި މިއީ ޝައްކެއްވެސް ނެތް ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދާއި އެއްގޮތަށް މަހުގެ އަގު 20 ރުފިޔާއަށްވުރެ ދަށްނުކޮށް ހިފެހެއްޓުމަށް ކުރާ މަސައްކަތުގެ މުހިންމު ބައެއްގެ ގޮތުގައިވެސް ފާހަގަކުރެވެއެވެ.

ގެނައި ބަދަލުތަކާއެކު މަސްވެރިންނަށް ލިބޭނެ ފައިދާތައް

މިފްކޯއިން މަސް ގަންނަ އަގުތައް ސްލެބް ނިޒާމަކަށް ބަދަލުކޮށް، ކިލޯއަކަށް ލިބޭ އަގު މަތިކުރުމަކީ ހަމައެކަނި އަދަދުތަކަކަށް އައި ބަދަލެއް ނޫނެވެ. މިއީ ސީދާ މަސްވެރިޔާގެ ޖީބަށާއި، މަސްވެރި ޢާއިލާތަކުގެ އިޖުތިމާޢީ ޙާލަތަށް، އަދި މުޅި ޤައުމުގެ އިގުތިޞާދަށް އޭގެ އެދެވޭ އަސަރު ވަރަށް ބޮޑަށް ފޯރާނެ ނިންމުމެކެވެ. ކިލޯއަކަށް 21 ރުފިޔާއިން ފެށިގެން 22.75 ރުފިޔާއާ ދެމެދުގެ ރޭޓުތަކެއް ކަނޑައެޅުމުން، ކޮންމެ ދަތުރަކުން މަސްވެރިންނަށް ލިބޭ ޖުމްލަ އާމްދަނީ ބޮޑުތަނުން އިތުރުވެގެންދާނެއެވެ. ޚާއްޞަކޮށް 8 ޓަނަށްވުރެ ގިނައިން މަސް ބާނާ ދޯނިފަހަރަށް އެންމެ މަތީ ރޭޓު ލިބުމަކީ، ދޯނީގެ ފަޅުވެރިންނަށް ބަހާ ބަޔަށް ބޮޑު ކުރިއެރުމެއް އައިސް، މަސްވެރި ޢާއިލާތަކުގެ ދިރިއުޅުމުގެ ފެންވަރު އެތައް ގުނައަކުން މަތިވެގެންދާނެ ކަމެކެވެ.

މީގެ އިތުރުން، މަސް ކިރާ މިންވަރު އިތުރުވި ވަރަކަށް ކިލޯއަކަށް ލިބޭ އަގު ބޮޑުވާ އުޞޫލެއް ހަމަޖެހުމަކީ، ކަނޑުމަތީގައި ގިނަ ވަގުތު ހޭދަކޮށް، ވީހާވެސް ގިނައިން މަސް ބޭނުމަށް ދޯނިފަހަރަށް ލިބޭ ވަރަށް ބޮޑު ހިތްވަރެކެވެ. މީގެ ސަބަބުން މަސްވެރިންގެ މެދުގައި އުފެއްދުންތެރި ވާދަވެރިކަމެއް އުފެދި، އޮޕަރޭޝަނަލް ޚަރަދުތައް ކުޑަކޮށް އެންމެ އެދެވޭ ނަތީޖާ ނެރުމަށް މަގުފަހިވާނެއެވެ. ހަމައެއާއެކު، ތެލާއި، އައިސް އަދި ކާބޯތަކެތީގެ އަގު ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާ މި ދަނޑިވަޅުގައި، މަހުގެ އަގަށް ގެނައި މި ހެޔޮ ބަދަލަކީ ދަތުރުތަކަށް ހިނގާ ޚަރަދު ފޫބެއްދުމަށް ލިބުނު ވަރަށް ބޮޑު ލުޔެކެވެ. ޚަރަދު ކެނޑުމަށްފަހު ފަޅުވެރިންނަށް ރަނގަޅު ފައިދާއެއް އަތަށް އަރާނެކަމުގެ ޔަޤީންކަން އޮތުމަކީ މަސްވެރިކަން މެދުނުކެނޑި ކުރިއަށް ގެންދިއުމަށް އެޅޭ ވަރަށް ބޮޑު ބާރެކެވެ.

މި ބަދަލުގެ ސަބަބުން އިޖުތިމާޢީ ގޮތުންނާއި އިޤްތިޞާދީ ގޮތުން މުޅި މުޖުތަމަޢަށްވެސް އޭގެ ހެޔޮ އަސަރު ފޯރާނެއެވެ. މަސްވެރިކަމަކީ އެކަށޭނަ އާމްދަނީއެއް ލިބޭ، އިތުބާރު ހުރި ސިނާޢަތެއްގެ ގޮތުގައި ފެނިގެންދިއުމަކީ ވަޒީފާގެ ބާޒާރަށް ނުކުންނަ ޒުވާނުން މި ދާއިރާއަށް ޝައުޤުވެރިކުރުވައި، ދިވެހިންގެ އަތްމަތީގައި މި ޞިނާޢަތް ދެމިއޮތުމަށް މަގުފަހިވާނެ ކަމެކެވެ. އަދި މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުވުމަކީ ސީދާ ގޮތުން ރަށްރަށުގެ ވިޔަފާރިތަކުގައި ފައިސާ ދައުރުވާ މިންވަރު އިތުރުވެ، ރަށްރަށުގެ ފިހާރަތަކާއި، ކެފޭތަކާއި އަދި އެހެނިހެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށްވެސް އޭގެ މަންފާ ލިބި، މުޅި ރަށު އިޤްތިޞާދަށް އާ ދިރުމެއް ގެނެސްދޭނެ ކަމެކެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ސިނާއަތް ކުރިއެރުމަށް މުހިންމު މަސައްކަތެއް

މަހުގެ އަގަށް ގެނެވުނު ހެޔޮ ބަދަލުތަކުގެ އިތުރުން، މި މުހިންމު ސިނާޢަތް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް، ޒަމާނީ ފެންވަރަކަށް ގެންދިއުމަށްޓަކައި ސަރުކާރާއި މިފްކޯ ގުޅިގެން ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މަސްވެރިކަމަކީ ހަމައެކަނި ދޯނިފަހަރުގައި މަހަށް ގޮސް އާމްދަނީ ހޯދުމުގެ ވަސީލަތެއްގެ އިތުރުން، ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަމާއި ބޭރު ފައިސާ ވަންނަ މައިގަނޑު އެއް މަގު ކަމަށްވާތީ، މި ދާއިރާ ހަރުދަނާކުރުމަށް ވަށައިޖެހޭ ސިޔާސަތުތަކެއް ވަނީ އެކަށައަޅާފައެވެ.

އެގޮތުން އެންމެ އިސްކަމެއް ދީގެން ކުރެވެމުންދާ އެއް މަސައްކަތަކީ މަސް ގަނެ، ރައްކާކުރުމުގެ ޤާބިލުކަން އިތުރުކުރުމެވެ. މަސްވެރިކަން ތިޔާގިވާ މޫސުންތަކުގައި ކޯލްޑް ސްޓޯރޭޖްތައް ފުރިގެން މަސް ނުކިރި ދިމާވާ ދަތިތަކަށް ދާއިމީ ޙައްލެއް ހޯދުމަށްޓަކައި، ފެލިވަރާއި، ކޫއްޑޫ އަދި ކަނޑުއޮތްގިރީގެ ކޯލްޑް ސްޓޯރޭޖްތަކުގެ ޖާގަ ބޮޑުކުރުމުގެ މަޝްރޫޢުތައް ދަނީ ހަލުވި ދުވެލީގައި ކުރިއަށެވެ. އަދި މީގެ އިތުރުން، މަސްވެރިންނަށް ފަސޭހަކަމާއެކު އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އައިސް ޕްލާންޓްތައް ޤާއިމުކޮށް، ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ޚާއްޞަ ސަމާލުކަމެއް ދެވެއެވެ.

ހަމައެއާއެކު، ރާއްޖެއިން ބާނާ ރޯމަސް ބޭރުކުރުމުގެ ބަދަލުގައި، ރާއްޖޭގައި މަސް ބަންދުކޮށް، "ވެލިއު-އެޑެޑް" ނުވަތަ އަގުއެއްކުރެވިފައިވާ އުފެއްދުންތަކުގެ ގޮތުގައި ބައިނަލްއަޤްވާމީ ބާޒާރަށް ނެރުމަކީ މި ސިނާޢަތުގެ އެންމެ ބޮޑު އަމާޒެވެ. މިކަމުގެ ސަބަބުން ދިވެހި މަހަށް ބައިނަލްއަޤްވާމީ މާކެޓުގައި ލިބޭ އަގު އެތައް ގުނައަކުން މަތިވެ، ޤައުމަށް ވަންނަ ބޭރު ފައިސާގެ މިންވަރު އިތުރުވެގެންދާނެއެވެ. އެގޮތުން ކޭނިންގ ފެކްޓްރީތަކުގެ ކެޕޭސިޓީ އިތުރުކުރުމާއި، މަހުގެ ތަފާތު އުފެއްދުންތައް ތަޢާރަފުކުރުމަށް އިންވެސްޓްމަންޓްތައް ދަނީ ފުޅާކުރެވެމުންނެވެ.