ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެޤައުމަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވަން ނިންމަވައިފިއެވެ.
މި މަހުގެ 20 އިން 22 އަށް ޕާކިސްތާނަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ، ޕާކިސްތާނުގެ ރައީސް އާޞިފް ޢަލީ ޒަރުދާރީއާއި، ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ އިތުރުން، އެޤައުމުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައެވެ. މީގެއިތުރުން، ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށްޓަކައި ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއެކު ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވިއެވެ.
ރަސްމީ ވާހަކަފުޅުތަކަށްފަހު، ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ގުޅޭ ގިނަ ފަހުމުނާމާތަކެއް ބަދަލުކުރުމުގެ ރަސްމިއްޔާތު ދެ ލީޑަރުން ޝަރަފުވެރިކޮށްދެއްވާނެއެވެ.
މި ދަތުރުފުޅަކީ ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި، ދިވެހިރާއްޖޭގެ ރައީސަކު، ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މިދަތުރުފުޅު ކުރެއްވުމަށް ހަމަޖެހިފައި މިވަނީ، ރާއްޖެއާއި ޕާކިސްތާނާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބު ވަގުތުގައެވެ. ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރެވުނީ 26 ޖުލައި 1966 ގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚާރިޖީ ސިޔާސަތު ބައްޓަން ކުރެވިފައިވަނީ، "މޯލްޑިވްސް ފަސްޓް" މި ޝިޢާރުގެ މަތީގައެވެ. މި ސިޔާސަތުގެ ދަށުން އަވައްޓެރި ޤައުމުތަކާއެކު އޮންނަ ގާތް ގުޅުމަށް އިސްކަންދެއްވައި، ދިވެހި ޤައުމުގެ ތަރައްޤީއާއި ކުރިއެރުމަށް މަގުފަހިވާނޭ ފަދައިން، ދޭދޭ ގުޅުންތައް ބިނާކުރުމަށް ބައިނަލްއަޤްވާމީ މައިދާނުގައި ހަރަކާތްތެރި މަސައްކަތްޕުޅުތަކެއް، އެމަނިކުފާނު ގެންދަވަނީ ކުރައްވަމުންނެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، އެމަނިކުފާނުގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، އަދި ސަރުކާރުގެ އިސް ވެރިން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.