ފީފާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕުގައި ވާދަކުރާ ރާއްޖޭގެ ޤައުމީ ޓީމުގެ ސްކޮޑު އިއުލާނުކޮށްފިއެވެ.
އޮކްޓޫބަރު 22 އިން 31 އަށް މި މުބާރާތް ކުރިއަށްދާނީ ފެސްޓިވަލެއްގެ ސިފައިގައެވެ.
މި މުބާރާތަށް އެކުލަވާލި ޤައުމީ ސްކޮޑަށް އިރުޝާދު ދިނުމަށް، ހެޑް ކޯޗެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ އަހުމަދު ޝާކިރު (ޝާކިއްޓެ) އެވެ.
ޝާކިރުގެ އެހީތެރިން ނުވަތަ އެސިސްޓަންޓް ކޯޗުންގެ ގޮތުގައި ހަމަޖައްސާފައި ވަނީ އަހުމަދު ފައްރާހު (ފައްރަ) އަދި މަހިބަދޫގެ ކޯޗު، ހުސެއިން އައްބާސް އެވެ. ޒުވާން ކުޅުންތެރިންނާއެކު ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ ފައްރާޙް ވަނީ މީގެ ކުރިން، 20 އަހަރުން ދަށުގެ ގައުމީ ޓީމުގައި ޝާކިރުއާއިއެކު މަސައްކަތްކޮށްފައެވެ.
ރާއްޖޭގެ ސްކޮޑު ފައިނަލްކޮށް އެފްއޭއެމް އިން އިއުލާނުކޮށްފައިވާއިރު ސްކޮޑުގައި ހިމެނެނީ ޝައިމަން އަހުމަދު ރިޒާ، އަބްދުﷲ ރައުޝަމް އިބްރާހިމް މުޖާހު، އިބްރާހިމް ހުނައިފް، އިބްރާހިމް އިޔާސް ބިން ހަސަން، މުހައްމަދު ޔަންނި އަބްދުﷲ، ޔޫސުފް ލާއިގް އިބްރާހިމް، ޔޫސުފް ޔުއާން އަހުމަދު، މިކާ މުހައްމަދު ކަލީމް، ޒެކް ޒެވިއަލް އަހުމަދު، ހުސެއިން ރިލްހާން ގާސިމް، އައިދާން ބިން އަބްދުﷲ، އައްމާރު ބިން ނަވާޒް، ޝުއާއު މުހައްމަދު އަޔާޒް އަދި އަބްދުﷲ ގާނިތު ބިން އިއްޒު އެވެ.
ފީފާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕުގައި ދިވެހިރާއްޖެއާ އެއް ގުރޫޕެއްގައި ހިމެނެނީ ދުނިޔޭގެ ފުޓުބޯޅަ ރޭންކިންގެ ތިންވަނައިގައި އޮތް ފްރާންސާއި 2010 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގެ ހޯސްޓު ސައުތު އެފްރިކާގެ އިތުރުން އެސްޓޯނިއާ، ކޮސޯވޯ އަދި އަންގީލާއެވެ.
މިދިޔަ ޑިސެމްބަރު މަހު ފީފާ ކައުންސިލުން ބާއްވަން ފާސްކުރި 15 އަހަރުން ދަށުގެ މި މުބާރާތުގައި ފީފާގެ މެމްބަރުން ހުރިހާ ގައުމަކަށް ފުރުސަތު ދޭން ވަނީ ނިންމާފައެވެ. މި ފެސްޓިވަލުގައި، ދެ ޖިންސަށް، ވަކިން މުބާރާތް ބޭއްވުމަށް ފީފާ ކައުންސިލުން ވަނީ ނިންމާފައެވެ. އެހެންނަމަވެސް މި އަހަރުގެ މުބާރާތް އޮންނާނީ ހަމައެކަނި ފިރިހެން ކުދިންނަށެވެ. އަންހެން ކުދިންނަށް ޚާއްސަ މުބާރާތް އޮންނާނީ އަންނަ އަހަރުއެވެ.
ދެ ޖިންސަށް ވަކިން، އެއް އަހަރެއްގައި މުބާރާތް ބާއްވާނީ 2028 ވަނަ އަހަރުން ފެށިގެންނެވެ. އެހާ ހިސާބުން މުބާރާތް ކުރިއަށްދާނީ މެމްބަރު ގައުމުތަކަށް ދައުވަތުދޭ އުސޫލުންނެވެ.
މި މުބާރާތުގެ އެންމެ ބޮޑު މަގުސަދަކީ، ދުނިޔޭގެ ފެންވަރުގެ ބޮޑު މުބާރާތެއްގައި، ފީފާގެ މެމްބަރު ހުރިހާ ގައުމެއްގެ ޝާމިލުވުން ހިމެނޭ ގޮތަށް ކުރިއަށްގެންދިއުމެވެ.
މުބާރާތް ހޯސްޓު ކުރުމުގެ ފުރުސަތު ދޭން ނިންމާފައިވަނީ ދުނިޔޭގެ ފެންވަރުގެ ފުޓުބޯޅައިގެ ވަޞީލަތްތައް ގާއިމުކޮށްފައިވާ، ކުޑަކުދިންގެ މުބާރާތް ބޭއްވުމަށް އެންމެ ގާބިލު ގައުމުތަކަށެވެ. މި އަހަރުގެ މުބާރާތް އޮންނަ އަޒަރުބައިޖާނަކީ، އަންނަ އަހަރު ބާއްވާ ފީފާ 20 އަހަރުން ދަށުގެ ވޯލްޑް ކަޕް ހޯސްޓްކުރާ ގައުމެވެ. މިހާރުވެސް އެގައުމު އޮތީ ފީފާފެ މުބާރާތެއް ބޭއްވޭނެ ފެންވަރަށް ތައްޔާރުވެފައެވެ.
މުބާރާތުގައި ފުރަތަމަ އޮންނާނީ ކޮލިފިކޭޝަން ސްޓޭޖެވެ. 3 ދުވަހާއި ފަސް ދުވަހާ ދެމެދުގެ މުއްދަތަކަށް ކުރިއަށްދާ ކޮލިފިކޭޝަން ސްޓޭޖުގައި ފަހެއް ނޫނީ ހަ މެޗު ކުޅުމުގެ ފުރުސަތު ލިބޭނެއެވެ. އެއަށްފަހު، ދެން އޮންނާނީ ރަސްމީ މުބާރާތެވެ. މުބާރާތުގެ މެޗުތައް ގާތްގަނޑަކަށް ނުވަ ދުވަހަށް ކުރިއަށްދާއިރު އެ މުއްދަތުގެ ތެރޭގައި ފަސް މެޗު ކުޅެން ޖެހޭނެއެވެ.
ކޮލިފިކޭޝަން ސްޓޭޖުގައި، ހައެއް ނޫނީ ހަތް ޓީމު ގްރޫޕެއްގައި ހިމެނޭހެން، 32 ގްރޫޕް އޮންނާނެ ކަމަށް ބެލެވެއެވެ. އަދި، މުބާރާތުގެ ރަސްމީ މެޗުތަކުގައި 32 ޓީމު ވާދަކުރާނީ ހަތް ޑިވިޝަނެއްގައެވެ. އެއީ، ރޭންކް ކުރެވޭ ހަ ޑިވިޝަނަކާއި، ބާކީ ޓީމުތައް ހިމެނޭ އެއް ޑިވިޝަނެވެ.
މިފަހަރުގެ މުބާރާތުގައި ބައިވެރިވެވޭނީ 2011 ވަނަ އަހަރާއި 2012 ވަނަ އަހަރު އުފަންވެފައިވާ ކުދިންނަށެވެ. ކޮންމެ ޓީމެއްގައި، 14 ކުޅުންތެރިން ރަޖިސްޓްރީކުރާއިރު، ދެ ގޯލްކީޕަރުން ހިމަަނަން ޖެހޭނެއެވެ. އަދި، ޓީމު އޮފިޝަލުންގެ ގޮތުގައި، ހަ މީހުން ހިމަނަން ޖެހެއެވެ.
ރާއްޖެ ހިމެނޭ ދެކުނު އޭޝިއާ ސަރަހައްދުގެ ހުރިހާ ޤައުމަކުންވެސް މި މުބާރާތުގައި ބައިވެރިވާނެކަމަށް ބެލެވޭއިރު، ބައިވެރިނުވެވޭނީ ނޭޕާލަށް އެކަންޏެވެ. އެއީ އެ ގައުމު މިވަގުތު ސަސްޕެންޝަނެއްގައި އޮތުމުންނެވެ.