ޣައްޒާއަށް މުދާ އެތެރެކުރުމަށް ޔަހޫދީން ހުރަސްއަޅަމުންދާތާ ވިދިވިދިގެން ފަސް ދުވަސްވެފައިވާއިރު، ޣައްޒާގައި ކާބޯތަކެތީގެ އަގު އަނެއްކާ ވެސް އުފުލިއްޖެއެވެ. އެއާއެކު، މިހާރު ވެސް ނިކަމެތި ޙާލުގައި ދިރިއުޅެމުންދާ ޣައްޒާގެ ޢާއިލާތަކުގެ ޙާލަތު އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.
ފާއިތުވި ދުވަސްތަކުގައި ޣައްޒާގައި ޒަރޫރީ ސާމާނުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. މީގެ ކުރިން 35 ޝެކެލްއަށް ލިބޭ ބިސް ކާޓަނެއް މިހާރު ލިބެނީ ގާތްގަނޑަކަށް 70 ޝެކެލްއަށެވެ. ކުރިން 6 ޝެކެލްއަށް ލިބޭ ފިޔާ ކިލޮއެއް މިހާރު ލިބެނީ 10 ވަރަކަށް ޝެކެލްއަށެވެ. ގޮދަން ފުށުގެ އަގު ވެސް އުފުލިފައިވާއިރު، މިއީ ތަކެތީގެ އަގުތަކަށް އެންމެ ދެތިން ދުވަހުގެ ތެރޭގައި އައިސްފައިވާ ބަދަލެވެ. އޭގެ ސަބަބުން މިހާރު ވެސް މާލީ ދަތިތައް އިންތިހާއަށް ތަހައްމަލް ކުރަމުންދާ ޣައްޒާގެ ގޭބިސީތަކަށް ވަނީ އިތުރު ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައެވެ. ޣައްޒާއަށް މުދާ އެތެރެކުރުން އިތުރު ދުވަސްތަކަކަށް މަނާކުރާ ނަމަ، އަދިވެސް އިތުރަށް އަގުތައް އުފުލޭނެ ކަމަށް ބެލެވެއެވެ.
އަގުތައް އުފުލެމުންދާތީ ޣައްޒާގެ ރައްޔިތުންނަށް މިހާރު ކާބޯތަކެތި ގަނެވޭ މިންވަރު ވެސް ވަނީ މަދުވެފައެވެ. ޣައްޒާގެ ރައްޔިތެއް ކަމަށްވާ އުމުރުން 52 އަހަރުގެ އިސްމާޢީލް އަލް-ބަަރާވީ ބުނީ އޭނާގެ ޢާއިލާގެ 12 މެންބަރުންނަށް ޚަރަދުކުރަނީ އޭނާ ކަމަށެވެ. މީގެ ކުރިން ކާޓަނެއްގެ ބިސް އޭނާ ގައިން ނަމަވެސް، އަގުތައް އުފުލެމުންދާތީ މިހާރު އެންމެ ފަސް ވަރަކަށް ބިހުން ފުއްދައިލުމަށް މަޖުބޫރުވެފައިވާ ކަމަށް އޭނާ ބުންޏެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ޔަހޫދީން ލުއި ނުދޭނަމަ ފުށް ބަސްތާއެއްގެ އަގު 300 ޝެކެލްއާ ހަމައަށް އެރުން އެކަށީގެންވާ ކަމަށް އޭނާ ބުންޏެވެ.
އުމުރުން 50 އަހަރުގެ އިމާން އަތަالله ބުނީ ހަނގުރާމައިގެ ސަބަބުން އޭނާގެ ގެދޮރު ގެއްލިފައިވާ ކަމަށެވެ. މީގެ ދެތިން ދުވަސް ކުރިން 35 ޝެކެލްއަށް ލިބުނު ފުށް ބަސްތާ މިހާރު ލިބެނީ 80 ޝެކެލްއަށް ކަމަށް އޭނާ ބުންޏެވެ. އޭނާގެ ޢާއިލާއިން މިހާރު ކައި އުޅެނީ ބަތާއި މުގު ކަަމަށާއި، ލިބެނީ ކުޑަ ޕާންކޮޅެއް ކަމަށާއި، ބައެއް ގަޑިތަކުގައި އެއްވެސް އެއްޗެއް ނުކައި ތިބޭ ކަމަށް ވެސް އޭނާ ބުންޏެވެ.
ތަންކޮޅެއް ފުދުންތެރި ޢާއިލާތަކުން ދަނީ ގަންނަން ލިބޭ އެއްޗެއް އަވަހަށް ގަނެ ރައްކާކުރަމުންނެވެ. ނަމަވެސް ޣައްޒާގައި ގިނައީ އާމްދަނީ ލިބޭނެ މަގެއް ނެތި، ފުދުންތެރިކަމެއް ލިބިފައި ނުވާ ޢާއިލާތަކެވެ. އެ ފަދަ ޢާއިލާތަކަށް ދުރާލާ ކާބޯތެކެތި ގަނެ ރައްކާ ނުކުރެވޭއިރު، އަވަހަށް ހަލާކުވާ ޒާތުގެ ކާނާ ލިބުނަސް ކަރަންޓު ނުލިބޭތީ އެ ތަކެތި ނުކެވި އުޅެނިކޮށް ވަރަށް އަވަހަށް ހަލާކުވެއެވެ.
ޣައްޒާގެ އިދާރާތަކުން ވަނީ ވެފައިވާ އެއްބަސްވުންތަކާ އެއްގޮތަށް ކޮންމެ ދުވަހަކު ވެސް މުދާ ބަރުކޮށްފައިވާ 600 ޓްރަކު ޣައްޒާއަށް އެތެރެވުމުގެ ފުރުަޞަތު ދިނުމަށް ގޮވާލައިފައެވެ. ޣައްޒާއަށް ތެކެތި ވެއްދުން މަނާ މުއްދަތު އިތުރުވާ ނަމަ އެ ސަހަރުގެ އިންސާނީ ޙާލަތު އިތުރަށް ގޯސްވާނެ ކަމުގެ އިންޒާރު އެ އިދާރާތަކުން ވަނީ ދީފައެވެ.
އދގެ އިންސާނީ މަސައްކަތްތައް ވިލަރެސްކުރާ އިދާރާ، އޯސީއެޗްއޭއިން ބުނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޣައްޒާގައި ކާބޯތަކެތީގެ އަގު ހުރީ 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ޢުދުވާން ފެށުމުގެ ކުރީގެ އަގުތަކާ އަޅާބަލައިއިރު އެވަރެޖުކޮށް 204 އިންސައްތަ މަތީގައި ކަމަށެވެ.