ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ގދ. ގައްދޫ ރެކްރިއޭޝަން ކްލަބް ބަލިކޮށް ވިކްޓަރީ ސްޕޯޓްސް ކްލަބުން ލީގު ތާވަލުގެ އެންމެ ކުރިން 3 ޕޮޮއިންޓުގެ ލީޑެއް ހޯދައިފިއެވެ. ޤައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު ވިކްޓަރީ ކާމިޔާބުކުރީ 2-0 އިންނެވެ.
މެޗުގެ ފުރަތަމަ ލަނޑު އަހުމަދު ހަސަން ޖަހައިދިންއިރު 2 ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޑިފެންޑަރު އަހުމަދު މާއިޝްއެވެ.
މެޗުގެ ދެވަނަ ހާފަށް ވިކްޓްރީ ސްޕޯޓްސް ކްލަބުން ނިކުތީ ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަކުރަމް އަބްދުލް ޣަނީ އާއެކުއެވެ. ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު އަކުރަމް އަލުން ކުޅުމާ ބައިވެރިވެ ކުޅުނު ފުރަތަމަ ހާފްގައިވެސް އޭނާ ވަނީ ތަފާތު ދައްކާ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދާފައެވެ.
މެޗުން ތިން ޕޮއިންޓް ލިބުނު ނަމަވެސް، މެޗަށްފަހު ވާހަކަދައްކަމުން ވިކްޓަރީގެ ކޯޗު މުހައްމަދު ޝިޔާޒު ބުނީ ޓީމުގެ ކުޅުމާމެދު ހިތްހަމަނުޖެހޭކަމަށެވެ. ކޯޗު ފާހަގަކުރި ގޮތުގައި ޓީމުން އުއްމީދުކުރި ފެންވަރަށްވުރެ ދަށް ކުޅުމެއް ފެނިގެންދިޔައިރު، ކުރިއަށް ހުރިމެޗުތަކުގައި މިފަދަ ކުޅުމެއް ދައްކައިގެން ކުރި ނުލިބޭނެކަން ފާހަގަކުރިއެވެ.
ގައްދޫ ރެކްރިއޭޝަން ކްލަބްގެ ކޯޗު މުހައްމަދު ނަޒީޙް ވަނީ މެޗަށްފަހު ޕީއެސްއެމް ނިއުސް އާ ވާހަކަ ދައްކަމުން ޓީމުގެ ކުޅުންތެރިން ދެއްކި ހިތްވަރަށް ތައުރީފުކޮށްފައެވެ. ނަޒީޙް ފާހަގަކުރިގޮތުގައި ޓީމުގެ ޑިފެންސިވް މަސައްކަތާއި ބައެއް ޕޮޒިޓިވް ކަންކަން މެޗުގެ ތެރެއިން ފެނިގެންދިޔަ އެވެ. އަދި މިއީ ކުރިއަށް އަންނަ މެޗުތަކަށް ޓީމު އިތުރަށް ވަރުގަދަކުރަން ލިބުނު ހިތްވަރެއްކަން އޭނާ ފާހަގަކުރިއެވެ.
މިމޮޅާއެކު ވިކްޓަރީ ވަނީ ލީގު ތާވަލުގެ އެންމެ ކުރިން 3 ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. ވިކްޓްރީ ސްޕޯޓްސް ކްލަބަށް 5 މެޗުން 13 ޕޮއިންޓް ލިބިފައިވާއިރު ދެވަނާގައި އޮތް ކްލަބް އީގަލްސްއަށް 4 މެޗުން ލިބެނީ 10 ޕޮއިންޓެވެ.
ގައްދޫން މި މެޗުވެސް ހުސްއަތާ ނިންމާލަން ޖެހުނުއިރު އެޓީމަށް މިވަނީ ލީގުގެ އެންމެ ފުލުން އަރައިގަންނަން އިތުރު މަސައްކަތްތަކެއް ކުރަން ޖެހިފައެވެ.