ޚަބަރު

ދުނިޔޭގެ މާލީ އިދާރާތަކުގެ އަހަރީ ބައްދަލުވުމުން ނަތީޖާއެއް ނުނެރުވުނު


މެދުއިރުމަތީގެ ހަނގުރާމަ ފުޅާވަމުން ދިއުމާއި، ޔޫކްރެއިން މައްސަލައިގެ ސަބަބުން އުފެދިފައިވާ ނުތަނަވަސްކަމާއި، ދަރަނީގެ ބުރަ ބޮޑުވުމުގެ އިތުރުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއެކު ފެންމަތިވަމުން އަންނަ ގޮންޖެހުންތަކަށް އެކަށީގެންވާ ހައްލެއް ނުލިބި، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އަދި ވޯލްޑް ބޭންކުގެ މިއަހަރުގެ އަހަރީ ބައްދަލުވުންތައް ނިންމާލައިފިއެވެ.

މި ބައްދަލުވުންތައް ނިމިގެން ދިޔައީ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ އުންމީދުތަކާ އެއްވަރުގެ ހެޔޮ ބަދަލެއް ގެނެސްނުދެވިއެވެ.
ދުނިޔޭގެ މުއްސަނދި އަދި ބާރުގަދަ ޤައުމުތަކުން އެކުލަވާލާ ސިޔާސަތުތަކުގެ ނޭދެވޭ އަސަރު، އެންމެ ނިކަމެތި ޤައުމުތަކަށް ފޯރަމުންދާ ދިއުމަކީ އައު ކަމެއް ނޫނެވެ. ދަރަނި އަދާކުރުމުގެ ޚަރަދުތައް އިންތިހާއަށް އުފުލި، ތަކެތީގެ އަގު އުފުލުން ކޮންޓްރޯލުން ނެއްޓެމުންދާއިރު، އޭއައި ޓެކްނޮލޮޖީގެ ސަބަބުން މި ޤައުމުތައް އިޤްތިޞާދީ ގޮތުން އިތުރަށް އެކަހެރިވެދާނެ ކަމުގެ ބިރުވެރިކަން މިހާރު ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

މިފަދަ ބޮޑެތި ގޮންޖެހުންތަކަށް ދެމެހެއްޓެނިވި ހައްލެއް ހޯދައިދިނުމުގެ ބަދަލުގައި، މާލީ މައި އިދާރާތަކުން އަނެއްކާވެސް ތަކުރާރުކުރީ ބަޖެޓުގެ ޚަރަދުތައް ކުޑަކުރުމަށާއި، އަމިއްލަ ދާއިރާގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށްޓަކައި އިޤްތިޞާދީ އިސްލާހީ ފިޔަވަޅުތައް އަވަސްކުރުމަށް ދެމުން އަންނަ އަންމު އިރުޝާދުތަކެވެ.

އައިއެމްއެފްގެ ތާރީޚުގައި ތަރައްޤީވަމުން އަންނަ ޤައުމަކަށް ނިސްބަތްވެވަޑައިގަންނަވާ ފުރަތަމަ ވެރިޔާ، ބަލްގޭރިއާގެ ކްރިސްޓަލީނާ ޖޯޖީވާ ވިދާޅުވީ، ދުނިޔޭގެ މާލީ ހަމަހަމަކަން ގެއްލުމުގެ އެންމެ ބޮޑު ޒިންމާއެއް އުފުލަންޖެހެނީ ތަރައްޤީވެފައިވާ މުއްސަނދި ޤައުމުތަކުން ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ފަހަކަށް އައިސް ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ދަރަނީގެ ނިސްބަތް ދަށް ކުރެވުނު ނަމަވެސް، މުއްސަނދި ޤައުމުތަކުގެ ބޮންޑް ޔީލްޑް މައްޗަށް ދިއުމާ ގުޅިގެން ކުދި ޤައުމުތަކަށް ލޯނު ލިބޭ އިންޓްރެސްޓް ރޭޓްތައް ވަނީ އިންތިހާއަށް އުފުލިފައެވެ.

މީގެ ދިހަ އަހަރު ކުރިއާ އަޅާބަލާއިރު، މި ޤައުމުތަކުން ދަރަނި ދެއްކުމަށް ކުރަންޖެހޭ ހޭދަ ދެގުނައަށް ވުރެ އިތުރުވެ، ސަރުކާރުތަކުގެ ޖުމްލަ ޢާމްދަނީގެ 14 އިންސައްތައަށް އަރާފައިވާކަން ޖޯޖީވާ ވިދާޅުވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ޞިއްޙަތާއި ތަޢުލީމު ފަދަ އަސާސީ ޚިދުމަތްތަކަށް ކުރާ ޚަރަދުތަކަށް ބޮޑެތި ހުރަސްތަކެއް ވަނީ އެޅިފައެވެ.

މި ބައްދަލުވުންތައް ކުރިއަށްދިޔަ ތައިލެންޑުގެ ވެރިރަށް ބެންކޮކްގެ ހާލަތުން ވެސް، ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ކުރިމަތިވެފައިވާ ނާޒުކުކަން ވަރަށް ބޮޑަށް ހާމަވެގެންދިޔައެވެ. މިދިޔަ ސެޕްޓެމްބަރު މަހު ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާގައި އެ ޤައުމުގެ ސިނާއީ ދާއިރާއަށް ގާތްގަނޑަކަށް 200 މިލިއަން ޑޮލަރުގެ ބޮޑު ގެއްލުމެއް ލިބިފައިވާއިރު، ބެންކޮކްގެ ބައެއް ސަރަހައްދުތަކުން ފެން އަދިވެސް އެއްކޮށް ހިނދިފައެއް ނުވެއެވެ.

މީގެއިތުރުން، 2022 ވަނަ އަހަރު ރަޝިއާއިން ޔޫކްރެއިނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން އުފެދިފައިވާ ސިޔާސީ ބައިބައިވުންތައް މި ބައްދަލުވުމުގެ ތެރެއިންވެސް ވަރަށް ބޮޑަށް ފެނިގެންދިޔައެވެ. އެގޮތުން ރަޝިއާގެ މާލީ ވަޒީރު ތަޤްރީރު ކުރައްވަން ފެއްޓެވުމާއެކު، ކޮމިޓީގެ މަންދޫބުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ބޭފުޅުން ވަނީ މާލަން ދޫކުރައްވައި ނުކުމެވަޑައިގެންފައެވެ. އަދި ޔަމަނުގެ ޙޫޘީން ސަޢުދީ ޢަރަބިއްޔާގެ ރިޔާޟްގެ ވައިގެ ބަނދަރަށް ދިން ޙަމަލާތަކާ ގުޅިގެން، ކޮމިޓީގެ މުޤައްރިރު އަދި ސަޢުދީ ޢަރަބިއްޔާގެ މާލީ ވަޒީރު މުޙައްމަދު އަލް-ޖަދްޢާންގެ ދަތުރުފުޅަށް ހުރަސްއެޅި، ބައްދަލުވުމަށް ވަޑައިގެންނެވުނީ ޤަޠަރު މަގުން ބައްދަލުވުން ފެށުނު ވެސް ފަހުންނެވެ.

ކޮލަމްބިއާގެ ކުރީގެ މާލީ ވަޒީރު މައުރީސިއޯ ކާޑެނާސް ވިދާޅުވީ، ދުނިޔޭގެ މާލީ ސިޔާސަތުތައް އެކުލަވާލާ ފަރާތްތަކުގެ މެދުގައި ނުރައްކާތެރި ޙާދިޘާއެއް ހިނގައިފާނެ ކަމުގެ ބިރުވެރިކަން އޮތް ނަމަވެސް، ކުރިމަގު ބައްޓަންކުރާނެ ހަރުދަނާ މަގުޗާޓެއް އެއްވެސް ފަރާތަކަށް ހުށަހަޅައިދެވިފައި ނުވާ ކަމަށެވެ.

ވޯލްޑް ބޭންކުގެ ޑެޕިއުޓީ ޗީފް އިކޮނޮމިސްޓް އައިހާން ކޯސޭ ވިދާޅުވި ގޮތުގައި، ދުނިޔޭގެ ފެންވަރުގައި ވަގުތީ ގޮތުން އިޤްތިޞާދީ ހީނަރުކަމަކުން ސަލާމަތްވެފައިވީ ނަމަވެސް، ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ކުރިއެރުން ވަނީ 4.4 އިންސައްތައިން 3.6 އިންސައްތައަށް ދަށަށް ގޮސްފައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ކޮންމެ ތިން މަހަކުން ނުވަތަ ހަ މަހަކުން އިޤްތިޞާދަށް އައު ލޮޅުންތަކެއް ކުރިމަތިވުމުގެ ފުރުޞަތު އިންތިހާއަށް ބޮޑު ކަމަށް ވިދާޅުވެ އޭނާ ވަނީ ކަންބޮޑުވުންފާޅުކުރައްވައިފައެވެ.