ޚަބަރު

11 ރަށެއްގައި އައިސްޕްލާންޓު އެޅުން މެލޭޝިއާ ކުންފުންޏަކަށް


  • 30 ޓަނުގެ އައިސްޕްލާންޓުތައް ޤާއިމުކުރާނެ

  • 50 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ޤާއިމުކުރާނެ

11 ރަށެއްގައި 30 ޓަނުގެ އައިސްޕްލާންޓް ޤާއިމުކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މި މަޝްރޫޢުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ، މެލޭޝިޔާގެ ކުންފުންޏެއް ކަމަށްވާ އަލްޓަސް އޮއިލް އެންޑް ގޭސް މެލޭޝިއާ އެސްޑީއެން ބީއެޗްޑީ ކުންފުންޏާއާއެވެ.

މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބެވެ. އަދި އަލްޓަސް އޮއިލް އެންޑް ގޭސްގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ ޑިރެކްޓަރ ވިޖޭ ކޭ ޕިލާއީ އަދި ޑިރެކްޓަރ މުޙައްމަދު ތައުފީޤު ބިނޮތްމާންއެވެ.

އައިސްޕްލާންޓް ޤާއިމުކުރުމަށް ހަމަޖެހިފައިވާ ރަށްތައް:

* ހއ. ދިއްދޫ
* ހދ. ކުޅުދުއްފުށި
* ހދ. ހުޅުދެލި
* ށ. ކޮމަންޑޫ
* ކ. ގާފަރު
* އއ. ރަސްދޫ
* މ. މުލައް
* ގއ. މާމެންދޫ
* ގއ. ނިލަންދޫ
* ގއ. ވިލިނގިލި
* ގދ. ރަތަފަންދޫ

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަސްވެރިކަމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބު ވިދާޅުވީ، ރާއްޖޭގައި މިވަގުތު 1,700 ޓަނުގެ އައިސް އުފެއްދުމުގެ ޤާބިލުކަން ހުރި ނަމަވެސް، މަސްވެރިކަން ރަނގަޅުވާ މޫސުމުގައި މަސްވެރިންނަށް އައިސް ހޯދުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހޭ ކަމަށެވެ.

ސްޓޭޓް މިނިސްޓަރުގެ ވާހަކައިގައި މި ރަށްރަށުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ، ދުވާލަކު 30 ޓަނުގެ އައިސް އުފެއްދޭ އަދި 50 ޓަނުގެ އައިސް ރައްކާކުރެވޭ ސްޓޯރޭޖް ކެޕޭސިޓީ ހިމެނޭ އައިސްޕްލާންޓުތަކެއްކަން ފާހަގަކުރެއްވިއެވެ. އަދި މި މަޝްރޫޢާއެކު އައިސް ލިބުމުގައި ހުރި ދަތިކަމުގެ މައްސަލައަށް އެދެވޭ ހައްލެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

"މުޅި މަޝްރޫޢުގެ މަސައްކަތް ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ތާވަލުކޮށްފައި. މަޝްރޫއުގެ ކޮންޓްރެކްޓަރ ވަނީ މި މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމުގެ ޔަގީންކަން އަޅުގަނޑުމެންނަށް ދެއްވާފައި" ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން 30 ޓަނުގެ އައިސްޕްލާންޓެއް ފަރުމާކުރުމާއި ޓެކްނިކަލް މަސައްކަތްތައް ވިލަރެސް ކުރުމާއި، ރަށްރަށުގައި ހިންގުމަށް އެކަށީގެންވާ ޓިއުބް އައިސްޕްލާންޓުގެ ވަސީލަތްތައް ފޯރުކޮށްދިނުން ހިމެނެއެވެ. އަދި ރާއްޖޭގެ ކަނޑުގެ މާހައުލާ ގުޅޭގޮތަށް ލޮނުފެން ބޭނުން ކޮށްގެން ފިނިކުރާ ނިޒާމެއް ހިމެނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން އައިސްޕްލާންޓް ބިނާކުރުމާއި، ހަރުކުރުމާއި، ޓެސްޓްކުރުން އަދި އޮޕަރޭޝަނަށް ގެނައުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ނިންމުމާއި، ތަކެތި ގެންދިއުމުގެ ކަންކަން ވިލަރެސް ކުރުމާއި، މަޝްރޫޢު މެނޭޖްކުރުމުގެ އިތުރުން ލިޔެކިޔުންތައް ތައްޔާރުކޮށް މަސައްކަތް ހަވާލުކުރުމުގެ އެހީތެރިކަން އެ ކުންފުނިން ފޯރުކޮށްދޭނެއެވެ. އަދި މިނިސްޓްރީއާއެކު ވާ އެއްބަސްވުމާ އެއްގޮތަށް ވޮރަންޓީއާއި އާފްޓަރ-ސޭލްސްގެ ޚިދުމަތްތައް ވިލަރެސްކުރުންވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.

މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ، މި މަޝްރޫޢު ނިމުމުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސްވެރިކަން ކުރާ ފަރާތްތަކަށް ބޭނުންވާ ތާޒާ އައިސް ފަސޭހަކަމާއެކު ލިބި، މަސްވެރިން އައިސް ހޯދުމަށް ކުރަންޖެހޭ ދަތުރުތަކާއި ވަގުތު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށެވެ. ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ހަރުދަނާކޮށް، މަސްވެރިންނަށް ފަސޭހަކަމާއެކު އައިސް ލިބޭނެ މަގު ތަނަވަސްކޮށްދިނުމުގެ ގޮތުން ސަރުކާރުން އަންނަނީ، ރާއްޖޭގެ އެކިކަންކޮޅުތަކުގައި އައިސްޕްލާންޓާއި ކޯލްޑް ސްޓޯރޭޖް ޤާއިމްކުރަމުންނެވެ.