ޚަބަރު

ސްޓެލްކޯއިން ފުވައްމުލަކުގެ ކަރަންޓުގެ ޚިދުމަތާ ހަވާލުވެއްޖެ


  • ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވާފައިވޭ

  • ފެނަކަ އުވާލައި ސްޓެލްކޯގެ ދަށަށް ޚިދުމަތްތައް ބަދަލުކުރަން ނިންމާފައިވޭ

ފުވައްމުލަކު ސިޓީގެ ކަރަންޓުގެ ޚިދުމަތާއި ސްޓެލްކޯއިން ހަވާލުވެއްޖެއެވެ.

ފުވައްމުލަކު ސިޓީގައި ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން، މިއަދު އެ ސިޓީގައި ޚާއްޞަ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރެވެ. އަދި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢާއިޝަތު މުޒްނާއެވެ.

ދިދަ ނެގުމުގެ ރަސްމިއްޔާތަށްފަހު ވާހަކަފުޅު ދައްކަވަމުން، މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ވިދާޅުވީ، ރާއްޖޭގެ ޔުޓިލިޓީ ޚިދުމަތްތައް އައު ހަރުފަތަކަށް ގެންދިއުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ތަސައްވުރުގެ ދަށުން ފެނަކައިގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަކީ، ފުވައްމުލަކު ސިޓީއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ސްޓެލްކޯގެ މިންގަނޑަށް އެ ސިޓީގެ ކަރަންޓުގެ ޚިދުމަތް ގެންދިއުމަށް، ހުރިހާ މުވައްޒަފުންވެސް މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.


ސްޓެލްކޯއިން ދަނީ ފެނަކައިގެ ދަށުން ކަރަންޓު ހިމެނޭހެން އަސާސީ ޚިދުމަތްތައް ދެމުން އައި ރަށްތަކުގެ އޮޕަރޭޝަންތަކާއި ރަސްމީކޮށް ހަވާލުވަމުންނެވެ. މިގޮތުން މިހާރު ރާއްޖޭގެ އުތުން ހއ. އަތޮޅުގެ ރަށްތަކުގެ ޚިދުމަތްތަކާއި ހަވާލުވެފައިވާއިރު، މީގެ ކުރިން ވަނީ އައްޑޫގެ ކަރަންޓު ޚިދުމަތާއިވެސް ހަވާލުވެފައެވެ.

ފެނަކަ އުވާލާ ސްޓެލްކޯގެ ދަށަށް ޚިދުމަތްތައް ބަދަލު ކުރުމަށް ސަރުކާރުން ނިންމާފައިވަނީ، ހިންގުމުގެ ޚަރަދު ކުޑަކޮށް ހަރުދަނާ ނިޒާމެއްގެ ދަށުން ޚިދުމަތްތައް ފޯރުކޮށްދިނުމުގއ އަމާޒުގައެވެ.