ކުޅިވަރު

"ބާސާ އާއި ޕީއެސްޖީ ވަރަށް ތަފާތު، ދެ ޓީމަށް ކޯޗުކޮށްދިނުމަކީ ބޮޑު ޝަރަފެއް"


ފްރާންސްގެ ޕީއެސްޖީ އާއި ސްޕޭނުގެ ބާސެލޯނާއަކީ ވަރަށް ތަފާތު، އެހާމެ މޮޅު ދެ ޓީމު ކަމަށާއި މި ދެ ކުލަބަށް ކޯޗުކޮށްދިނުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށް ކޯޗު ލުއިސް އެންރީކޭ ބުނެފިއެވެ.

އޭނާ މިހެން ބުނީ ފާއިތުވެދިޔަ ދެ ސީޒަނުގައި އޭނާގެ ކޯޗުކަމުގައި ޗެންޕިއަންސް ލީގު ކާމިޔާބު ކުރި ޕީއެސްޖީ ގޮވައިގެން ކުރީގެ ކުލަބު ބާސެލޯނާއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ނުކުތުމުގެ ކުރިން ވާހަކަ ދައްކަމުންނެވެ.

ބާސެލޯނާ އަށް ކުޅެ އެ ކުލަބުގެ ކެޕްޓަންކަން ވެސް ކުރި އެންރީކޭ ވަނީ 2015 ވަނަ އަހަރު އޭނާގެ ކޯޗުކަމުގައި ބާސެލޯނާ އަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދީފައެވެ. އަދި ޕީއެސްޖީގައި މި މުބާރާތް ދެ ފަހަރު ހޯދުމުން އޭނާ ވެފައިވަނީ މުބާރާތުގެ އެންމެ ކާމިޔާބު ކޯޗުންގެ ތެރޭގައެވެ.

"ޕީއެސްޖީ އާއި ބާސެލޯނާ އަކީ ވެސް ވަރަށް ތަފާތު ދެ ސްޓައިލެއްގެ ދެ ކުލަބު. ވަރަށް މޮޅު ދެ ޓީމު. ޕީއެސްޖީގައި ތިބީ ވަރަށް ޒުވާން ވަރަށް މަސައްކަތް ކުރާ ކުޅުންތެރިން. ކާމިޔާބު ހޯދަން ކެތްމަދުވެފައިތިބި ކުޅުންތެރިންތަކެއް. އެ މީހުން އަހަރެން ބުނާ ގޮތަށް ކޮންމެ ކަމެއް ވެސް ކުރޭ. މި ޓީމަށް ކޯޗުކޮށްދިނުމަކީ ވަރަށް ބޮޑު ޝަރަފެއް. އޮސްމާނޭ ޑެމްބެލޭ އާއި ކްވީޗާ ކްވަރަސްކޭލިޔާ ވެސް ކޮންމެ ކުޅުންތެރިއަކު ވެސް ތިބެނީ ވަރަށް ވަރުގަދަ އަޒުމެއްގައި،" އެންރީކޭ ބުންޏެވެ.

މިއާ ޚިލާފަށް އޭނާ ބުނީ ބާސެލޯނާ އަކީ ތަފާތު މޮޅު ޓީމެއް ކަމަށެވެ.

"ބާސެލޯނާގައި އަހަރެންނަށް ލިބުނީ (ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ) ލަޔޮނަލް މެސީ، ނޭމާ ހުރި، ދެން ވެސް ތިބީ މޮޅު ކުޅުންތެރިން. އެ މީހުންނަކީ އަހަރެން ބުނެނުދިޔަސް އެ މީހުން އަމިއްލަ އަށް ކަންކަން ހައްލުކޮށް ނަތީޖާ ނެރޭ ކުޅުންތެރިން. އެހެންވީމާ މިއީ ވަރަށް ތަފާތު ދެ ޓީމު. އަހަރެންނަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް މިއީ މިހާ މޮޅު ދެ ޓީމަށް ކޯޗު ކޮށްދިނުން،" އެންރީކޭ ބުންޏެވެ.

އޭނާ ބުނީ ބާސެލޯނާއާ ދެކޮޅަށް ނުކުތުމަކީ އަބަދުވެސް ވިސްނަންޖެހޭ ކަމެއް ކަމަށާއި މިހާރުގެ ބާސެލޯނާ އަކީ ވެސް ހުނަރުވެރި، ޒުވާން ކުޅުންތެރިންތަކެއް ތިބި މޮޅު ޓީމެއް ކަމަށެވެ. އަދި ބާސެލޯނާގެ ޓީމުގައި މިހާރު ވެސް އޭނާއާއެކު މަސައްކަތްކުރި ގިނަ ކުޅުންތެރިން ތިބުމަކީ މި މެޗަށް ނުކުންނައިރު ޚާއްސަ ކަމެއް ކަމަށެވެ.

"މިހާރު އަދި ވަރަށް ފޯމުގައި އެ މީހުން އެތިބީ. މިއާ ހިލާފަށް އަހަރުމެންގެ ހާލަތު މިވަގުތު ތަފާތު. މިއީ ވިސްނަންޖެހޭ ކަމެއް،" އެންރީކޭ ބުންޏެވެ.

ފްރާންސްގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގަމުންދިޔަ ނަމަވެސް މި މެޗު އެ ގައުމުގައި ކުޅުމަށް ބާސެލޯނާ މިހާރު ވަނީ ޕެރިހަށް ގޮސްފައެވެ. އަދި ފްރާންސްގެ ސަރުކާރުން ވަނީ ކާފިއު ހިންގައިގެން ވިޔަސް މެޗު ކުޅޭނެ މާހައުލު ހޯދައިދޭނެ ކަމަށް ބުނެފައެވެ.