ޚަބަރު

ޑިޕްލޮމެޓިކް މިޝަންތަކުގެ އިމްތިޔާޒުތަކާބެހޭ ބިލު ބަލައިގެންފި


  • ބިލު ހުށަހެޅުއްވީ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު

  • ބިލަކީ ޙާރިޖީ ގޮތުން މުހިންމު ބިލެއްކަމަށް މެމްބަރުން ވިދާޅުވި

ޑިޕްލޮމެޓިކް މިޝަންތަކާއި، ކޮންސިއުލަރ ޕޯސްޓުތަކާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ އިމްތިޔާޒުތަކާބެހޭ ބިލު ބަލައިގަތުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުން އެގޮތަށް ފާސްކުރީ ވޯޓުގައި ބައިވެރިވި 43 މެމްބަރުންގެ ވޯޓުންނެވެ.
ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު ހުށަހަޅުއްވާފައިވާ މި ބިލުގެ ފުރަތަމަ ކިޔުން އިއްވީ އިއްޔެއެވެ. އަދި ބިލުގެ އިބްތިދާއީ ބަހުސް މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ.

ބިލު ހުށަހެޅުއްވި މެމްބަރު ދާއޫދު ވިދަޅުވީ މި ބިލަކީ ދިވެހިރާއްޖޭގައި ޤާއިމްކުރާ ޑިޕްލޮމެޓިކް މިޝަންތަކާއި، ކޮންސިއުލަރ ޕޯސްޓްތަކާއި، ޔުނައިޓެޑް ނޭޝަންސްގެ ސްޕެޝަލައިޒްޑް އެޖެންސީތަކާއި ގުޅުން ހުރި އެހެނިހެން ފަރާތްތަކަށް، ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކާ އެއްގޮތްވާ ގޮތުގެ މަތިން، ހަރުދަަނާ ޤާނޫނީ އޮނިގަނޑެއްގެ ދަށުން، ދިވެހިރާއްޖޭގައި ލިބިގެންވާ އިމްތިޔާޒުތައް ކަނޑައަޅާ ބަޔާންކުރުމަށް މުހިންމު ބިލެއް ކަމަށެވެ. ހަމައެހެންމެ އެ އިމްތިޔާޒުތަކުގެ ދާއިރާ އާއި އެ އިމްތިޔާޒުތައް ލިބިދެވޭނެ ގޮތުގެ އުސޫލުތަކާއި އިޖުރާޢަތުތައް ކަނޑައެޅުމަކީ މި ބުލުގެ މަޤްސަދެއްކަމަށް ބަޔާންކޮށްފައިވެއެވެ.

ބިލަށް ބަހުސްކުރެއްވި މެމްބަރުން ވަނީ މިއީ މުހިންމު ބިލެއްކަމަށް ފާހަގަކުރައްވާފައެވެ. މިއީ ރާއްޖޭގެ ޚާރިިޖީ ތާރީހުގައި މުހިންމު ބިލެއްކަމަށް މެމްބަރުން ފާހަގަކުރެއްވިއެވެ. އެގޮތުން މިލަންދޫ ދާއިރާގެ މެމްބަރު ޙަސަން މުފީދު ވިދާޅުވީ މިއީ ބޭރުގެ ކޮންސިއުލޭޓްތަކަށްވެސް ވަކި އިމެއްގެ ތެރެއިން ރާއްޖޭގައި ހަރަކާތްތެރިވެ، އިމްތިޔާޒުތައް އެންމެ އެކަށީގެންވާ ގޮތުގައި ފޯރުކޮށްދިނުމަށް މަގުފަހިކޮށްދޭނެ ބިލެއްކަމަށެވެ.

" މި ބިލުން ޤާނޫނީ ބާރު ލިބިދެނީ ރާއްޖޭގެ މިނިވަންކަމަށް ބުރު ނާރާނެހެން. މިއީ ފުރިހަމަ ޤާނޫނެއް." މިލަންދޫ ދާއިރާގެ މެމްބަރު ޙަސަން މުފީދު ވިދާޅުވިއެވެ.

ބިލަށް ވާހަކަދެއްކެވި ޕީއެންސީގެ އިތުރު މެމްބަރުންވެސް ވަނީ މިއީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ހަރުދަނާކުރުމަށް މުހިންމު ބިލެއް ކަމަށް ފާހަގަކުރައްވާފައެވެ. ރާއްޖޭގައި ހުންނަ މިޝަންތަކަށް ރާއްޖެއާމެދު އޮންނަ އިތުބާރުވެސް މި ބިލުގެ ސަބަބުން އިތުރަށް ފުރިހަމަވެގެންދާނެކަށް މެމްބަރުން ފާހަގަކުރެއްވިއެވެ.

ބިލުގައި ހިމަނާފައިވާ މުހިންމު ކަންކަމުގެ ތެރޭގައި، ކޮންސިއުލަރ ގުޅުންތައް ހިންގުމާއި ގުޅުން ހުރި ތަފްސީލުތައް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ކޮންސިއުލަރ އޮފިސަރުން ނުވަތަ މުވައްޒަފުން ކުރާ މަސައްކަތާއި، މުވައްޒަފުންގެ މަސްޢޫލިއްޔަތުތައް އަދާކުރުމުގައި ބިލު މާނަކުރާ ގޮތުގެ ތަފްސީލުތައް ހިމެނެއެވެ.