މާލެއިން ފޯލިކް އެސިޑް ހުސްނުވާ ކަމަށާއި ކުންފުނީގެ އެކި ބޭސް ފިހާރަތަކުން ފޮލިކް އެސިޑް ލިބެން ހުންނާނެކަމަށް ސްޓޭޓް ފާމާއިން ވިދާޅުވެއްޖެއެވެ.
އެ ކުންފުނިން މިހެން ވިދާޅުވީ، މާލޭގައި ފޯލިކް އެސިޑް ހުސްވެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ހަބަރު ފެތުރަމުން ދިޔުމާއި ގުޅިގެންނެވެ.
ސްޓޭޓް ފާމާއިން ވިދާޅުވީ އެ ކުންފުނީގެ މައި ސްޓޮކްގައާއި، އެ ކުންފުނީގެ އެކި ބޭސް ފިހާރަތަކުން ފޮލިކް އެސިޑް ލިބެން ހުންނާނެ ކަމަށެވެ. އަދި ރާއްޖެއިން މި ބޭސް ހުސްނުވާ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާކަމަށް ވިދާޅުވިއެވެ.
ދިވެހި ކޮންމެ ރައްޔިތަކަށްވެސް ބޭނުންވާ އަސާސީ ބޭސްތައް އެއްވެސް ދަތިކަމެއްނެތި މެދުނުކެނޑި ފޯރުކޮށްދިނުމުގައި ސްޓޭޓްފާމާ އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފައެވެ. އަދި ބޭހާއި ގުޅޭގޮތުންނާއި، ކުންފުނިން ފޯރުކޮށްދޭ އިތުރު އެއްވެސް ޚިދުމަތަކާއި ގުޅޭގޮތުން ސުވާލެއް އޮތްނަމަ، ސާފުކުރުމުގެ ފުރުސަތު އޮންނާނެކަމަށް ސްޓޭޓް ފާމާއިން ވިދާޅުވިއެވެ.
ދެމެހެއްޓެނިވި ގޮތެއްގައި މެދުނުކެނޑި ބޭސް ލިބޭނެ ގޮތްހެދުމަށް އަހަރަކަށް ބޭނުންވާ ބޭހުގެ އޯޑަރު ދުރާލާ ޖެހުމަށް ބޭސްތަކުގެ ސްޓޮކް ދެނެގަނެ، ކުންފުނިތަކާއި ގުޅިގެން ބޭސް އެތެރެކުރުމަށް ބޭނުންވާ އެހެނިހެން މަސައްކަތްތައް އެކުންފުނިން މިހާރުދަނީ ކުރަމުންނެވެ. މިހާތަނަށް 3 ކުންފުންޏަކާއެކު ބޭސް އެތެރެކުރުމަށް އެއްބަސްވުން ވަނީ ޤާއިމުކޮށްފައެވެ. އަދި އިތުރު ކުންފުނިތަކާއެކުވެސް މިއެއްބަސްވުން ޤާއިމުކުރުމުގެ މަސައްކަތް އަންނަނީ، ކުރަމުންނެވެ.
ބޭސް ރައްކާ ކުރުމަށް ބޭނުންވާ ސްޓޯރޭޖުތައް ޤާއިމުކުރުމާއި، ހޮސްޕިޓަލުތަކުގައި ފާމަސީތައް ޤާއިމުކުރުމާއި، ރާއްޖެއަށް ބޭނުންވާ ބޭސްތައް ގެނައުމަށް އޯޑަރުތައް ޖެހުމުގެ މަސައްކަތްތައްވެސް އަންނަނީ ކުރަމުންނެވެ. މިހާރު ދިމާވެފައިވާ ބޭހުގެ މައްސަލައަށް އެދެވޭ ހެޔޮ ބަދަލެއް އަންނަ އަހަރުގެ މެދުތެރޭ އަންނާނެކަމަށް އެކުންފުނިން ވަނީ އަންދާޒާކޮށްފައެވެ.