ޚަބަރު

ސަޢުދީ ޢަރަބިއްޔާގެ ދިފާއުގައި އިނގިރޭސިވިލާތުން އަސްކަރީ ޖެޓުތައް ފޮނުވަނީ


ޙޫޘީންގެ ހަމަލާތަކުން ރައްކާތެރިވުމަށް ސަޢުދީ ޢަރަބިއްޔާއަށް އެހީތެރިވުމަށް އިނގިރޭސިވިލާތުން ސަޢުދީ ޢަރަބިއްޔާގެ ސަރަޙައްދުގައި ވައިގެ ދިފާޢީ ޙަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާ، ރޯޔަލް އެއާ ފޯސް (އާރުއޭއެފް)ގެ ފައިޓަރު ޖެޓުތަކެއް ފޮނުވާނެ ކަމަށް އިޢުލާނުކޮށްފިއެވެ.

ފާއިތުވީ މަހުގެ ތެރޭގައި ޔަމަނުގެ ޙޫޘީން ވަނީ ސަޢުދީ ޢަރަބިއްޔާއަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށްފައެވެ. އެ ގޮތުން ތެޔޮ މަރުކަޒުތަކާއި ވައިގެ ބަނދަރުތައް ހިމެނޭ ގޮތަށް ސަޢުދީ ޢަރަބިއްޔާގެ މައި ބިނާރަށް މިސައިލްއާއި ޑްރޯން ހަމަލާތައް އެ ޖަމާޢަތުން ދަނީ އަމާޒުކުރަމުންނެވެ.

އިނގިރޭސިވިލާތުގެ ދިފާޢީ ވުޒާރާއިން ބުނީ ހަނގުރާމަމަތީ ޓައިފޫން ޖެޓުތައް ޙަރަކާތްތެރިވާނީ ދިފާޢީ ހައިޞިއްޔަތެއްގައި ކަމަށާއި، ޙޫޘީންނަށް ހަމަލާ ދިނުމުގައި އެ ޖެޓުތައް ބައިވެރިނުވާނެ ކަމަށެވެ. ޙޫޘީންގެ ހަމަލާތަކުގެ ސަބަބުން ސަރަޙައްދީ ހަމަޖެހުމަށް ނުރައްކާވެ، ހަކަތައިގެ ސަޕްލައިއަށް ބުރޫއަރައި، ވިޔަފާރި މަގުތަކަށް ހުރަސްއެޅޭ ކަމަށް އިނގިރޭސިވިލާތުން ބުނެއެވެ.

އިނގިރޭސިވިލާތުގެ ދިފާޢީ ވަޒީރު ވެސް ސްޓްރީޓިންގ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އިނގިރޭސިވިލާތުގެ ބައިވެރިއެއް ކަމަށްވާ ސަޢުދީ ޢަރަބިއްޔާއަށް ޙޫޘީން ދެމުންދާ ހަމަލާތަކަކީ ވިޔާނުދާ ޢަމަލެއް ކަމަށެވެ. ސަޢުދީީ ޢަރަބިއްޔާގެ ރިޔާޟް ވައިގެ ބަނދަރަށް ޙޫޘީން ދީފައިވާ ހަމަލާތަކުން ވެސް ދައްކުވައިދެނީ ސަރަޙައްދީ ހަލަބޮލިކަން އިތުރުކުރުމަށް ޙޫޘީން ބޭނުންވާ މިންވަރު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އިނގިރޭސިވިލާތުން ސަޢުދީ ޢަރަބިއްޔާއަށް ދިފާޢީ ގޮތުން އިތުރަށް އެއްބާރުލުން ދިނުމަށް އާއުއޭއެފްގެ ޓައިފޫން ޖެޓުތައް އެ ޤައުމަށް ފޮނުވައި، ސަޢުދީ ޢަރަބިއްޔާގެ ވައިގެ ސަރަޙައްދު ރައްކާތެރިކުރުމުގައި ޙަރަކާތްތެރިވުމުގެ ޙުއްދަ ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިނގިރޭސިވިލާތުން ހަނގުރާމަމަތީ ޖެޓު ސަޢުދީ ޢަރަބިއްޔާއަށް ފޮނުވުމަށް ނިންމާފައި މި ވަނީ ސަޢުދީ ޢަރަބިއްޔާއިން އިތުރު އެހީތެރި ކަމަށް އެދިފައި ވަނިކޮށެވެ. މި މަހުގެ ކުރީ ކޮޅު އިނގިރޭސިވިލާތުގެ ބޮޑުވަޒީރު އޭންޑީ ބަރންހަމް ވަނީ ސަޢުދީ ޢަރަބިއްޔާގެ އެދުމަށް ޢިޖާބަ ދިނުމަށް އެ ޤައުމުން ވިސްނަމުންދާ ކަމަށް ވިދާޅުވެފައެވެ.

ޓައިފޫން ޖެޓުތަކުގެ އިތުރުން އެޓްލަސް އޭ400އެމް ޓްރާންސްޕޯޓް އެއާކްރާފްޓްއަކާއި އަސްކަރީ މުޝީރުން ވެސް އިނގިރޭސިވިލާތުން ސަޢުދީ ޢަރަބިއްޔާއަށް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ. އެއީ އެ ޤައުމުން ފޯރުކޮށްދޭނެ ކަމަށް ފާއިތުވި ސެޕްޓެމްބަރު މަހުގެ ތެރޭގައި އިއުލާނުކޮށްފައިވާ އެހީތެރިކަން އިތުރަށް ފުޅާކުރުމުގެ ގޮތުންނެވެ. ސެޕްޓެމްބަރު މަހުގެ އިޢުލާނުގައި އެ ޤައުމަށް އެއާ-ޓު-އެއާ ރިފިއުލިންގ މަތިންދާ ބޯޓެއް ފޮނުވާނެ ކަމަށް ބުނެފައިވެއެވެ.