ޚަބަރު

ފަސް މިލިޔަން ގަސް ޕްރޮގްރަމަށް ޕާކިސްތާނުން ބޮޑު އެހީއެއް


  • ޒައިތޫނި ގަހުގެ 100،000 ކުރި ހަދިޔާކުރާނެ

  • އެކި ބާވަތުގެ 100،000 ގަހުގެ އޮށް ހަދިޔާކުރާނެ

ރާއްޖޭގެ ފަސް މިލިޔަން ގަސް ޕްރޮގްރާމަށް ޕާކިސްތާނުގެ ފަރާތުން އެހީވާން ނިންމާފައިވާ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒު ޝަރީފް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިކަން ހާމަކުރައްވާފައިވަނީ، ދެ ޤައުމުގެ ވެރިން ގުޅިގެން ދެއްވި ބަޔާނުގައެވެ.

ޕާކިސްތާނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ފުރަމާނާ ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައިވަނީ، ރަސްމީ މަޝްވަރާތައް ބާއްވާފައެވެ. މިމަޝްވަރާތަކަށްފަހު ދެ ޤައުމުގެ ވެރިން ގުޅިގެން ދެއްވި ބަޔާނުގައި އެކި ދައިރާތަކުން އެހީތެރިކަން ފޯރުކޮށްދޭން ޕާކިސްތާނުން ތައްޔާރަށް އޮތް ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. ޕާކިސްތާނުން އެހީތެރިކަން ފޯރުކޮށްދޭ ދާއިރާތަކުގެ ތެރޭގައި ރާއްޖޭގެ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމް ހިމެނެއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ވަނީ، ކަނޑައެޅޭ މުއްދަތެއްގެ ތެރޭގައި މި އެހީ ދެ ޤައުމު އެއްބަސްވާ ގޮތެއްގެ މަތިން ފޯރުކޮށްދެވޭނެ ކަމަށް ވިދާޅުވެފައެވެ.

" އަޅުގަނޑުމެންގެ އަޚުވަންތަ ޤައުމު ދިވެހިރާއްޖޭގައި 5 މިލިއަން ގަސް އިންދުމުގެ ހަރަކާތް ކުރިއެރުވުމަށް އެހީތެރިވުމަށްވެސް އަޅުގަނޑުމެން ވަނީ އެއްބަސްވެފައި. އެކަމަށްޓަކައި ދެފަރާތަށް އެއްބަސްވެވޭ ގޮތެއްގެ މަތިން 100،000 ޒައިތޫނި ގަހުގެ ކުރިކޮޅާއި އަދި ތަފާތު ބާވަތްތަކުގެ ގަސްގަހާގެއްސާއި، މާމެލާމެލީގެ 100،000 އޮށް ހަދިޔާ ކުރާނެކަން އުފަލާއެކު އިއުލާންކުރަން." ޕާކިސްތާނުގެ ބޮޑުވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ޕާކިސްތާނާއި ދިވެހިރާއްޖެއާ ދެމެދު ސޮއިކުރި ފަހުމުނާމާތަކާއި އެއްގޮތަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޕާކިސްތާނުން ތައްޔާރަށް އޮތްކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. މިގޮތުން ދިވެހިރާއްޖެއިން އެކި ސަރަހައްދުތަކުގައި ޑޭޓާ ސެންޓަރުތައް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ޕާކިސްތާނުން މިދާއިރާގައި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. އަދި މިހާރު ޕާކިސްތާނުގެ އެކި ސަރަހައްދުތަކުގައި ބައި މެގަވޯޓުން ފެށިގެން 8.5 މެގަވޯޓުގެ ޑޭޓާ ސެންޓަރުތައް އިފްތިތާޙުކޮށްފައިވާ ކަމަށާއި، މިކަމުގައި ފަންނީ ތަޖުރިބާ ހިއްސާކުރުމަށް އެޤައުމުން ތައްޔާރަށް އޮތް ކަމަށް ބޮޑުވަޒީރު ޝެހެބާޒް ވިދާޅުވިއެވެ.

ޕާކިސްތާނާއި ދިވެހިރާއްޖެއާ ދެމެދު 20 ދާއިރާއަކުން އެކުގައި މަސައްކަތް ކުރުމަށް ފަހުމުނާމާތަކުގައި ވަނީ ސޮއިކޮށްފައެވެ. މި ފަހުމުނާމާތަކުގެ ތެރޭގައި ވިޔަފާރިއާއި ސިއްޚަތާއި ފަތުރުވެރިކަމުގެ ދާއިރާ ހިމެނެއެވެ.