ޚަބަރު

އެމެރިކާގެ އިންތިހާބަށްފަހު އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ރާވަނީ


އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުގެ މިޑްޓަރމް އިންތިޚާބު ނިމުމާއެކު، އީރާނާ ދެކޮޅަށް ވަރުގަދަ އަސްކަރީ ހަމަލާތަކެއް ދިނުމަށް އެމެރިކާއާއި ޔަހޫދީންގެ ދައުލަތުގެ ނިރުބަވެރި އަސްކަރިއްޔާއިން ޚާއްސަ ރޭވުންތަކެއް ރާވަމުންދާކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އެމެރިކާގެ 'ދަ ނިއުޔޯކް ޓައިމްސް' އިން ބުނީ، މި އޮޕަރޭޝަންގެ މައިގަނޑު އަމާޒުތަކުގެ ތެރޭގައި ހިމެނެނީ އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތަކާއި، ނިއުކްލިޔަރ ވަސީލަތްތަކުގެ އިތުރުން އެ ޤައުމުގެ މިސައިލާއި ޑްރޯން ގުދަންތަކެވެ.

އެމެރިކާގެ އިސް އޮފިޝަލުންނާ ހަވާލާދީ އެ ނޫހުގައި ބުނެފައިވާ ގޮތުގައި، އެމެރިކާ އާއި ޔަހޫދީން ގުޅިގެން މިހާރު ދަނީ އިރާޤުގެ ވައިގެ ސަރަހައްދު ބޭނުންކޮށްގެން ހަނގުރާމަމަތީ ޚާއްސަ ތަމްރީނުތަކެއް ފުރިހަމަކުރަމުންނެވެ. އަދި ބިމުގެ އަޑީގައި ޤާއިމުކޮށްފައިވާ އީރާނުގެ ނިއުކްލިޔަރ މަރުކަޒުތައް ސުންނާފަތިކޮށްލުމަށް، އެމެރިކާގެ އެންމެ ބާރުގަދަ ނިއުކްލިޔަރ ނޫން ބޮން ބޭނުންކުރުމާ މެދު ރައީސް ޑޮނަލްޑް ޓްރަމްޕް ވިސްނަވަމުން ގެންދެވި ނަމަވެސް، އެކަމުގައި ފަންނީ އަދި އަސްކަރީ ބޮޑެތި ހުރަސްތަކެއް ހުރި ކަމަށް މާހިރުން ދެކެއެވެ.

ޓްރަމްޕް މިފަދަ ހަމަލާއަކަށް އަދި ރަސްމީކޮށް ޙުއްދަ ދެއްވާފައި ނުވި ނަމަވެސް، މަޝްވަރާތަކުގައި އީރާނުން ދޫދިނުމަށް މަޖުބޫރުކުރުވުމުގެ ގޮތުން އެމެރިކާއިން ދަނީ އަސްކަރީ ގޮތުން ބިރުދައްކާ މިންވަރު އިތުރުކުރަމުންނެވެ.

މި ހަމަލާތައް ފެށޭނެ ކަމަށް ލަފާކުރެވެނީ ނޮވެމްބަރު މަހުގެ ކުރީކޮޅު، އެމެރިކާގެ ހަނގުރާމަމަތީ މަތިންދާބޯޓު އުފުލާ ތިން މަނަވަރާއި އިތުރު އަސްކަރީ ފައުޖުތައް އެ ސަރަހައްދަށް ޖަމާކޮށް ނިމުމުންނެވެ. މީގެއިތުރުން، އޮކްޓޯބަރު 27 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔަހޫދީންގެ އާންމު އިންތިޚާބާއި އެ ޤައުމުގެ ސިޔާސީ ނުތަނަވަސްކަމަކީ ވެސް މި ނިންމުންތަކަށް ސީދާ އަސަރު ފޯރުވާނެ ކަންކަމެވެ.

މި ނާޒުކު އަދި ނުރައްކާތެރި ދަނޑިވަޅުގައި، އީރާނުގެ މަދަދު ލިބޭ ޙޫޘީ ހަނގުރާމަވެރިންގެ ހަމަލާތައް ވަރުގަދަވެދާނެ ކަމުގެ ބިރަށް، ސަޢުދީ ޢަރަބިއްޔާގައި ތިބި އެމެރިކާގެ ބައެއް ޚާރިޖީ ބޭފުޅުންނާއި އެ ފަރާތްތަކުގެ އާއިލާތައް އެ ޤައުމުން ބާލަން މިހާރު ވަނީ ފަށައިފައެވެ.

ނަމަވެސް، އެމެރިކާއިން ދޭ އެއްވެސް ހަމަލާއެއްގެ ރައްދު ވަރަށް ވަރުގަދަވާނެ ކަމުގެ އިންޒާރު އީރާނުން ވަނީ ދީފައެވެ. އެގޮތުން ސަރަހީއްދީ ޑޭޓާ ސެންޓަރުތަކަށާއި، ކަނޑުއަޑީގެ އިންޓަނެޓް ކޭބަލްތަކުގެ އިތުރުން އަރަމްކޯ ފަދަ ސަޢުދީގެ ތެޔޮ ސާފުކުރާ މަރުކަޒުތަކަށް އަމާޒުކޮށް، ދުނިޔޭގެ ތެލުގެ ބާޒާރު ހުއްޓުމަކަށް ގެންނާނެ ކަމުގެ އިންޒާރު އީރާނުން ވަނީ ދީފައެވެ.