އައްޑު އަތޮޅާއި ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ ޚިދުމަތާއި މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ، އެމްޑަބްލިއުއެސްސީއިން ރަސްމީކޮށް ހަވާލުވެ، އެ ކުންފުނީގެ ފުރަތަމަ ބިލިން ސައިކަލް ފަށައިފިއެވެ.
ހުޅުދޫ އަދި މީދޫ ހިމެނޭހެން އައްޑޫ އަތޮޅު އަދި ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ ޚިދުމަތް ފެނަކައާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، މިދިޔަ މަހުގެ 27ވަނަ ދުވަހުއެވެ. އަދި އެމްޑަބްލިއުއެސްސީއިން މި 2 އަތޮޅުގެ ފެނާއި ނަރުދަމާގެ ޚިދުމަތާ ރަސްމީކޮށް ހަވާލުވެފައިވަނީ، މިމަހުގެ 1ވަނަ ދުވަހުއެވެ.
މި މަސައްކަތަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކޯޕަރޭޓް ދާއިރާ އިޞްލާޙުކުރުމަށް ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން ފެށި މަސައްކަތެކެވެ. އެގޮތުން މިހާރު ވަނީ، ފުރަތަމަ ބިލިން ސައިކަލުގެ މަސައްކަތް ފަށާފައެވެ.
އެމްޑަބްލިއުއެސްސީއިން ވިދާޅުވީ، މީޓަރ ރީޑިންގ ނެގުމަށް އެ ކުންފުނީގެ މުވައްޒަފުން ރަސްމީ ޔުނީފޯމުގައި ގޭބީސީތަކަށާއި ޚިދުމަތް ދެމުންގެންދާ އެކިއެކި އިމާރާތްތަކަށް ޒިޔާރަތް ކުރަމުންދާނެ ކަމަށެވެ. މި މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް މީޓަރު ހަރުކޮށްފައިވާ ސަރަހައްދުތަކަށް ފަސޭހަކަމާއެކު ވަދެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށާއި، މިކަމުގައި އެންމެހައި ކަސްޓަމަރުންގެ ފުރިހަމަ އެއްބާރުލުން ދިނުމަށް އެކުންފުނިން ވަނީ އެދިފައެވެ.
މީގެ އިތުރުން އެމްޑަބްލިއުއެސްސީއިން ދެމުންދާ ޚިދުމަތްތައް ވީހާވެސް ލުއިފަސޭހަކަމާއެކު ހޯދުމަށް އެކުންފުނީގެ މޯބައިލް އެޕްލިކޭޝަން ޑައުންލޯޑްކޮށް، އެކައުންޓް ރަޖިސްޓްރީ ކުރުމަށްވެސް ވަނީ އެދިފައެވެ. އަދި ކަސްޓަމަރުންނަށް ލުއިފަސޭހަކަމާއެކު ވީހާވެސް ގާތުން ޚިދުމަތްދިނުމަށް ވަގުތީ ކަސްޓަމަރ ސާރވިސް ކައުންޓަރުތަކެއް ވަނީ ޤާއިމްކޮށްފައެވެ.
އެމްޑަބްލިއުއެސްސީ ކަސްޓަމަަރ ސާރވިސް އޮފީސް އައްޑޫ ސިޓީ ބްރާންޗް، ފޭދޫ ހިރިޔާ މަގުގައި ޤާއިމްކޮށްފައިވާއިރު، އެމްޑަބްލިއުއެސްސީ ކަސްޓަމަަރ ސާރވިސް އޮފީސް ފުވައްމުލައް ސިޓީ ބްރާންޗު، ޤާއިމްކޮށްފައިވަނީ މިސްކިތް މަގު ނައިބުތުއްތު ހިނގުމުގައެވެ.
ރާއްޖޭގެ ރަށްރަށަށް ފެނާއި ނަރުދަމާގެ ޚިދުމަތް ދެމުން އަންނަ ކުންފުނި، ފެނަކަ ކޯޕަރޭޝަން އުވާލައި ސްޓެލްކޯގެ ބެލުމުގެ ދަށަށް ރާއްޖޭގެ ހުރިހާ ރަށެއްގެ ކަރަންޓުގެ ޚިދުމަތް ދިނުން ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. އެއާއެކު މުޅި ރާއްޖޭގެ ކަރަންޓުގެ ޚިދުމަތާ ސްޓެލްކޯއިން ހަވާލުވާތީ، އަލަށް ހަވާލުވާ ރަށްރަށުގެ ހާލަތު ދެނެގަތުމަށް ދާދިފަހުން ވަނީ ސާވޭއެއްގެ މަސައްކަތްވެސް ފަށާފައެވެ.
އައްޑޫ އަދި ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ ޚިދުމަތާ މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ، އެމްޑަބްލިއުއެސްސީއިން ރަސްމީކޮށް ހަވާލުވެފައިވާއިރު، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯއިން ވަނީ ދާދިފަހުން އެސިޓީގެ ކަރަންޓުގެ ޚިދުމަތާ ހަވާލުވެފައެވެ.