ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް އިޤްތިޞާދީ، ވިޔަފާރި އަދި އިންވެސްޓްމަންޓްގެ ގުޅުންތައް އައު ހަރުފަތަކަށް ގެންދިއުމުގެ މަޤްޞަދުގައި "މޯލްޑިވްސް ޕާކިސްތާން ބިޒްނަސް ފޯރަމް 2026" ބާއްވައިފިއެވެ.
އިޤުތިޞާދީ ތަރައްޤީއާ ވިޔަފާރިއާބެހޭ ވުޒާރާއިން އިންތިޒާމްކުރި މަތީ ފަންތީގެ މި ފޯރަމް އޮތީ ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގެ ސެރީނާ ހޮޓެލްގައެވެ.
މި ފޯރަމް ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ. މި ފޯރަމް ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުއާއި ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފެވެ. މީގެއިތުރުން ދެ ޤައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންނާއި ވިޔަފާރިވެރިންނާއި އިންވެސްޓަރުންނާއި އަދި މީޑިއާތަކުން މި ފޯރަމްގައި ބައިވެރިވެވަޑައިގެންފައިވެއެވެ.
ރާއްޖެއާއި ޕާކިސްތާނާ ދެމެދު ޚާރިޖީ ގުޅުން ޤާއިމްކުރިތާ 60 އަހަރު ފުރުމާއި ދިމާކޮށް ބޭއްވި މި ފޯރަމަކީ ދެ ޤައުމުގެ އިޤްތިޞާދީ ގުޅުން އިތުރަށް ފުޅާކުރުމަށާއި ރާއްޖޭގެ ތަރައްޤީގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ޕާކިސްތާނުގެ ކުރިއަރާފައިވާ ދާއިރާތަކުގެ އެހީގައި ދެ ޤައުމުގެ ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާކުރުމަށް ހުރި ފުުރުސަތުތައް ދެނެގަތުމުގެ މަޤްޞަދުގައި ބޭއްވި ފޯރަމެކެވެ.
ފޯރަމް ފަށްޓަވައިދެއްވުމުގެ ގޮތުން އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސަޢީދު ދެއްކެވި ވާހަކަފުޅުގައި ދެ ޤައުމުގެ ވިޔަފާރިތަކުގެ މެދުގައި ސީދާ ގުޅުން ބަދަހިކުރުމާއި ދެމެހެއްޓެނިވި ވިޔަފާރީގެ ޕާޓްނަރޝިޕްތައް ޤާއިމްކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
ފޯރަމްގެ އެންމެ މުހިއްމު އެޖެންޑާ އައިޓަމެއްގެ ގޮތުގައި އިންވެސްޓް މޯލްޑިވްސްގެ ފަރާތުން ރާއްޖޭގެ އިޤްތިޞާދީ މާހައުލާއި ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާއި ގުޅޭގޮތުން ހާއްސަ ޕްރެޒެންޓޭޝަނެއް ހުށަހެޅުއްވިއެވެ. މީގެއިތުރުން ފަތުރުވެރިިކަމާބެހޭ ވުޒާރާއާއި މަސްވެރިކަމާއި ދަނޑުވެރިކަމާބެހޭ ވުޒާރާއިންވެސް ޕްރެޒެންޓޭޝަންތަކެއް ހުށަހެޅުއްވިއެވެ. އަދި ބެންކް އޮފް މޯލްޑިވްސްއިން ވަނީ މާލީ ދާއިރާއިން ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާއި ހުރި ފުރުސަތުތަކާއި ގުޅޭގޮތުން ފޯރަމްގެ ބައިވެރިންނާއި މައުލޫމާތު ހިއްސާކުރައްވާފައެވެ.
ފޯރަމްގެ ހަވާސާގައި ވަނީ އިކޮނޮމިކް މިނިސްޓްރިއާއި ޕާކިސްތާނު ޗެމްބަރސް އޮފް ކޮމަރސް އެންޑް އިންޑަސްޓްރީއާ ދެމެދު އެއްބާރުލުން އިތުރުކުރުމާބެހޭ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.