ތަރައްްޤީ

"ޔޫތް ހިއުމަން ރައިޓްސް ޑިފެންޑަރސް ކޭމްޕް" ނިމިއްޖެ


ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސްއިން އިންތިޒާމް ކުރައްވައިގެން ބޭއްވެވި "ޔޫތް ހިއުމަން ރައިޓްސް ޑިފެންޑަރސް ކޭމްޕް" ނިމިއްޖެއެވެ.

މިމަހުގެ ނަވާރައިން ފެށިގެން ފަސް ދުވަހުގެ މުއްދަތަށް ކ.ގިރިފުށީގައި ކުރިއަށްގެންދިޔަ މި ކޭމްޕަކީ ޒުވާނުންގެ މެދުގައި އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރުމުގެ ރޫހު އެކުލަވާލައި، އިންސާނީ ޙައްޤުތަކަށް ޒުވާނުން އަހުލުވެރިކުރުވައި އަދި އިންސާނީ ޙައްޤުތަކަށް ހޭލުންތެރިވެފައިވާ މުޖުތަމަޢެއް ބިނާކުރުމުގެ މަޤްޞަދުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް އެޗް.އާރް.ސީ.އެމްއިން ކުރިއަށްގެންދެވި ކޭމްޕެކެވެ.މިކޭމްޕްގައި އިންސާނީ ޙައްޤުތަކުގެ ފަލްސަފާއާއި، އިސްލާމްދީނާއި އިންސާނީ ޙައްޤުތަކާއި، ދިވެހިންނާއި އިންސާނީ ޙައްޤުތަކާއި ދިވެހި ސަޤާފަތާއި އިންސާނީ ޙައްޤުތަކުގެ މަޢުލޫމާތު ޙިއްޞާ ކޮށްފައިވެއެވެ. އަދި ބައިނަލްއަޤްވާމީ ޤާނޫނާއި މުޢާހަދާތަކާއި އިންސާނީ ޙައްޤުތަކާބެހޭ މައްސަލަ ހުށައެޅޭ ބައިނަލްއަޤްވާމީ ނިޒާމުތުގެ މަޢުލޫމާތުވެސް ބައިވެރިންނާ ހިއްސާ ކުރައްވާފައިވެއެވެ.

މީގެއިތުރުން އިންސާނީ ހައްޤާއި ގުޅުންހުރި ހުނަރުތަކާއި، ސިފަތަކާއި އަދި އިންސާނީ ޙައްޤުތައް އުނގަންނައިދިނުމަށް ބޭނުންވާ ހުނަރުތަކާއި މަޢުލޫމާތު ވެސް ބައިވެރިންނާ ހިއްސާކޮށް ތަމްރީން ދެއްވާފައިވެއެވެ. މި ކޭމްޕް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުން އިންފޮމޭޝަން ކޮމިޝަރ ޢަބްދުލް ޢަޒީޒް ޖަމާލް އަބޫބަކުރު ވިދާޅުވީ، އަމާން ސުލްހަވެރި މުޖްތަމަޢެއް ބިނާ ކުރެއްވުމަށްޓަކާ އިންސާނީ ހައްޤުތައް ކަށަވަރުކޮށްދެއްވުމަކީ ވަރަށް މުޙިންމު ކަމެއްކަމަށެވެ. އަދި މި ކޭމްޕުން ދަސްވި މަޢުލޫމާތު އަމަލީގޮތުން ބޭނުން ކުރެއްވުމަށްވެސް ބައިވެރިންނަށް ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ.

""ދަސްފުޅު ކުރެއްވި އެއްޗެއް ހަނދުމަފުޅު ނުނެތެނީސް އެކަން އަމަލީ ގޮތުން ފެއްޓެވުމަކީ ވަރަށް މުހިންމު ކަމެއް. ކިތަންމެ މޮޅަށް މީހަކު އެއްޗެއް ދަސްކުރިޔަސް އަމަލީގޮތުން އެކަން ބޭނުން ނުކުރަންޏާ ހަނދާން ނެތުމަކީ ވަރަށް ގާތުގައި އޮންނާނެކަމެއް. ތިޔަ ކުދިންނަށް އިނގޭނެ ނަމާދުގައި ކިޔާ އެއްޗެހި ދަސްކޮށްފަވެސް ނަމާދު ނުކުރައްޏާ ދުވަސްކޮޅަކުން ދުޢާތައް ހަނދާންނެތޭނެ. ހަމަ ކޮންމެ ހުނަރެއްވެސް ވާނީ އެހެން. ކޮމްޕިއުޓަރ ވަރަށް މޮޅު ކޯހެއް ހަދައިގެން ހުރިހާ އެއްޗެއް ދަސްކޮށްގެން ކޮމްޕިއުޓަރގައި އަތްނުލާ އަހަރެއްހާ ދުވަސް ވާއިރު އޭގައި ވަރަށް ގިނަ އެއްޗެހި ހަނދާންނެތޭނެ. ހިސާބުގައި ވެސް ވަނީ ހަމަ އެހެން ދެއްތޯ؟" ޢަބްދުލް ޢަޒީޒް ޖަމާލް އަބޫބަކުރު ވިދާޅުވިއެވެ.

މިރަސްމިއްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސް އާމިނަތު އީނާޝް ވިދާޅުވީ، މި ކޭމްޕުން ދަސްވި އެއްޗެހި ދިރިއުޅުމުގެ ކޮންމެ ދުވަހަކުވެސް ބޭނުން ކުރެވޭނެކަމަށާއި އަދި ކޭމްޕުން ލިބުނު މަޢުލޫމާތާއި ތަޖުރިބާ އެހެން މީހުންނާ ޚިއްސާ ކުރުމަކީ ވަރަށް މުހިންމު ކަމެއްކަމުގައެވެ.

"މިއަދު ކޯސް ނިންނާފަ އަމިއްލައަށް އިސްނަގައިގެންވެސް ކުރެވޭނެ ކަންތައްތަކެއް ހުންނާނެ. ރަށަށް ވަޑައިގަންނަވާއިރުވެސް ތިބޭފުޅުން އަމިއްލަ ޖަމްޢިއްޔާތަކާއި ސްކޫލްތަކާއި ގުޅިގެންވެސް ކުރެވޭނެކަންތައް ހުންނާނެ. އެހެންވީމަ އަމިއްލައަށް އިސްނަގައިގެން އެކަންތައް ކުރުމަށް އަޅުގަނޑު ހަމަ ދަންނަވަން. ފަސް ދުވަސް ނިމިގެން ދިޔައިރު އަޅުގަނޑު ޤަބޫލްކުރަނީ ކޮންމެވެސް އެއްޗެއް ތިބޭފުޅުންގެ މުށުތެރެއަށް ލެވިއްޖެއޭ. ކުޑަކުޑަ އޮށެއް ހިފައިގެން ތިޔަ ވަޑައިގަންނަވަނީ. އެހެންވީމަ އެ އޮށް އިންދަވާނެކަމަށް އަޅުގަނޑު ޤަބޫލް ކުރަން. މި ލިބުނު ނޮލެޖް އިންދަވާ އޭގެ ބޭނުން ހިފާނެކަމަށް އަޅުގަނޑު ޤަބޫލުކުރަން." ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސް އާމިނަތު އީނާޝް ވިދާޅުވިއެވެ.

އާންމުކޮށް ހުޅުވާލައްވައިގެން ބޭއްވި މި ކޭމްޕްގައި 15 ޒުވާނުން ބައިވެރިވެފައިވެއެވެ. މި ކޭމްޕް ފުރިހަމަ ކުރި ބައިވެރިން ބުނީ ކުރިން ނޭނގޭ ވަރަށްގިނަ މަޢުލޫމާތު މި ކޭމްޕުން އެނގިގެން ހިނގައްޖެކަމަށާ، އެނގުނު މަޢުލޫމާތާއި ކުރެވުނު ތަޖުރިބާ އެހެން މީހުންނާ ޙިއްސާކޮށް މުޖުތަމަޢު ހޭލުންތެރި ކުރުވުމަށް މަސައްކަތް ކުރާނެކަމަށެވެ.

"ޔޫތް ހިއުމަން ރައިޓްސް ޑިފެންޑަރސް ކޭމްޕް" ޙާއްސަކޮށްފައިވަނީ އުމުރުން 18 އަހަރާ 25 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. މިއީ މި ހިއުމަން ރައިޓްސް ކޮމިޝަނުން އިންތިޒާމްކުރައްވައިގެން ބޭއްވެވި މިފަދަ ދެވަނަ ޕްރޮގްރާމެވެ.