ޚަބަރު

ރާއްޖޭގެ އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް ދަނީ އަންނަމުން


ސަރުކާރުގެ އެކި ވަޢުދުތައް ފުއްދުމުގައި، ޚާއްޞަކޮށް ރާއްޖޭގެ އިޤްތިޞާދު ރަނގަޅުކުރުމަށްޓަކައި އެމްޕީއެލުން ބާރު ދުވެލީގައި، މަސައްކަތްކޮށް، ގިނަ ކަންތައްތަކެއް ޙާޞިލްކޮށް، ވަރަށް ގިނަ ހެޔޮ ބަދަލުތައް އިޤްތިޞާދީގޮތުން ގެންނަމުންދާކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ސަރުކާރުގެ ކާމިޔާބު ތިންއަހަރު ފާހަގަކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން މިއަދު ހަވީރު ބޭއްވި ކުޑަކުދިންގެ ހަވީރުގައި ޕީ.އެސް.އެމްއިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ، ރައީސް ޔާމީނަކީ އިޤްތިޞާދީ ގޮތުން ވަރަށް ބޮޑެތި ބަދަލުތަކެއް ޤައުމަށް ގެންނަވަމުން ގެންދަވާ ޒަޢީމެއްކަމަށާއި ރާއްޖެއަށް އިޤްތިޞާދީގޮތުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާތަން އެމްޕީއެލްއަށް ބަލާލުމުންވެސް ފެންނަކަމަށެވެ. މި ބަދަލުތައް އެމްޕީއެލްއަށް އައުމުގައި އެ ކުންފުނީގެ ސީ.އީ.އޯގެ ހިންގުންތެރިކަން އެ ކުންފުނީގެ ތެރެއިން ފެންނަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް އެފަދަ ހިންގުންތެރިންގެ ސަބަބުން މުޅި ޤައުމުގެ އިޤްތިޞާދަށް ހެޔޮބަދަލުތަކެއް އަންނާނެކަމަށް ވިދާޅުވިއެވެ.

މި ހަވީރުގައި ޕީއެސްއެމްއާ ވާހަކަދައްކަވަމުން އެމް.ޕީއެލްގެ ސީ.އީ.އޯ މުޙައްމަދު ޖުނައިދު ވިދާޅުވީ އެ ކުންފުންޏަށް ލިބުނު ތަރައްޤީއަކީ، ކޮންމެ ޕްރޮޖެކްޓެއް ކުރިއަށް ގެންދާއިރުވެސް ސަރުކާރުން ދެއްވާ އެއްބާރުލެއްވުންކަމަށެވެ.

ސަރުކާރުން ތިންއަހަރުގެ ކާމިޔާބީ ފާހަގަކުރެއްވުމުގައި އެމް.ޕީ.އެލް ބައިވެރިވާ އެންމެ ބޮޑު ސަބަބަކީ އެކުންފުނީގެ ބޮޑު ޙިއްޞާއެއް އޮވެގެން ޕްރޮޖެކްޓްތައް ކާމިޔާބުވެފައިވާތީ ކަމަށާއި، ކުރިއަށް އޮތްތާނގައިވެސް ކުރިއަށްދާނީ މިގޮތުގައިކަމަށެވެ.

މީރުބަހުރު ބަނދަރުގައި އޮތް ހަވީރުގައި ބައިވެރިވި ބެލެނެވެރިން ބުނީ ސްކޫލްތައް ބަންދު ދުވަސްވަރަކާ ދިމާކޮށް މިފަދަ ހަވީރުތައް ކުޑަކުދިންނަށް ޚާއްޞަކޮށް ބޭއްވުމަކީ ރަނގަޅު ކަމެއްކަމަށެވެ. އަދި ވިއްސާރައިގައިވެސް ގިނަ ބަޔަކު މިހަވީރަށް އައިކަން ބެލެނެވެރިން ފާހަގަކުރިއެވެ. ގިނަ ކުޅިވަރުތަކެއް ކުޅެވޭގޮތަށް ތައްޔާރުކޮށްފައިވާ މިހަވީރާމެދު ކުޑަކުދިން ތިބީ ވަރަށް ހިތްހަމަޖެހިފައި ކަން އެކުދިންގެ މޫނުމަތިން ފާހަގަކުރެވުނެވެ.

ސަރުކާރު ޙިއްޞާވާ ގިނަ ކުންފުނިތަކަކުން ގެންދަނީ ސަރުކާރުގެ ކާމިޔާބު ތިންއަހަރު ފާހަގަކުރުމަށް ކުޑަކުދިންނަށް ޚާއްޞަ ހަވީރުތައް ބާއްވަމުންނެވެ.