ތަރައްްޤީ

މީރު ބަހުރު ބަނދަރުގައި އެމްޕީއެލްއިން ކެފޭއެއް ހުޅުވައިފި


ރައީސް ޔާމީންގެ ސަރުކާރުގައި ރާއްޖެއަށް އައި ތަރައްޤީ އެންމެ ބޮޑަށް އެނގޭނީ އެމް.ޕީ.އެލްގައި މަސައްކަތްކުރާ މުއައްޒަފުންނަށްކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރައީސް އަބްދުއްﷲ ޔާމިން އަބްދުލް ޤައްޔޫމްގެ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމާއި، އެމްޕީއެލްގެ ކޯޕަރޭޓިވް ސޮސައިޓީން މީރުބަހުރު ބަނދަރުގައި ހަދާފައިވާ ކެފޭ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ ބައެއް ވަޒީރުންގެ އިތުރުން އެމްޕީއެލްގެ އިސްވެރިންނާއި މުއައްޒަފުން ބައިވެރިވެފައިވެއެވެ. މިރަސްމިއްޔާތުގައި ރައީސް ޔާމިންގެ ސަރުކާރުން ހޯއްދަވާފައިވާ ކާމިޔާބީތަކަށް ބައްލަވާ ލައްވަމުން މިނިސްޓަރ ވިދާޅުވީ ރައީސް ޔާމީން ރާއްޖެއަށް ގެންނަވާފައިވާ ތަރައްޤީ، 2013 ވަނަ އަހަރުގެ ކުރިއާއި މިއަދާހަމައަށް ބައްލަވާ ލެއްވުމުން ފެނިގެންދާނެކަމަށެވެ. އަދި މި ތަރައްޤީ އެންމެ ބޮޑަށް ފެންނާނީ އެމް.ޕީއެލްގެ މުއައްޒަފުންނަށްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިރަސްމިއްޔާތުގައި އެމް.ޕީ.އެލްގެ ސީ.އީ.އޯ މުޙައްމަދު ޖުނައިދު ވިދާޅުވީ މި ކެފޭގެ ސަބަބުން ގިނަ ފަސޭހަތަކެއް އެ ބަނދަރުން ދަތުރުކުރާ ފަރާތްތަކަށް ލިބޭނެކަމަށެވެ. އަދި މިތަނުގައި މަސައްކަތްކުރަނީ މުޅިންވެސް ދިވެހިންކަން ފާހަގަކުރައްވާ ކުރިއަށް އޮތްތަނުގައިވެސް އިތުރު ވަޒީފާތައް ދިވެހިންނަށް އިތުރުކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.

މިފަދައިން ދޫކޮށްލެވިފައި ހުރި ބިންތަކަށް ބައްލަވާލައްވާ ޖުނައިދު ވިދާޅުވީ މި ހުޅުވިގެންދިޔަ ކެފޭއަކީވެސް މިފަދަ ބިމެއްކަމަށާއި މިހާރު މި ބިމުން މިލިއަނުން ފައިދާވާނެފަދަ ކަމެއް ކުރެވިފައިވާކަމަށެވެ. އަދި ސަރުކާރުގެ ތިން އަހަރުގެ ކާމިޔާބީ ފާހަގަކުރާއިރު އެމް.ޕީ.އެލްއިން ބައިވެރިވާ އެންމެ ބޮޑު ސަބަބަކީ އެކުންފުނީގެ ހިއްސާ، ސަރުކާރުން ހިންގަވާ ޕްރޮޖެކްޓްތަކުގައިވާތީކަން ފާހަގަކުރެއްވިއެވެ.

އެމް.ޕީ.އެލް ކޯޕަރޭޓިވް ސޮސައިޓީން މީރުބަހުރު ބަނދަރުގައި ހުޅުވި މި ކެފޭއަކީ އާންމުންނަށްވެސް ޚިދުމަތް ލިބޭގޮތަށް ހިންގާ ކެފޭއެކެވެ. އެ ސޮސައިޓީން ގެންދަނީ މިހާރުވެސް އެ ބަނދަރުގައި ފިހާރައަކާއި ޖޫގޯ ޕޮއިންޓެއް ހިންގަމުންނެވެ.