ޚަބަރު

ރާއްޖެއަށް އަންނަމުންދަނީ އިންޤިލާބީ ބަދަލުތަކެއް - ޝަހީރު


އިޤްތިޞާދީ ގޮތުން މިހާރު ރާއްޖެ ކުރިމަތިލާފައި މިވަނީ އިންޤިލާބީ ބަދަލަކަށް ކަމަށް ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަޙީރު ވިދާޅުވެއްޖެއެވެ. 

ޝަހީރު މިހެން ވިދާޅުވީ، ރައީސުލްޖުމްޙޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމަށް ތިންއަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން މިރޭ، ކާނިވާ ސަރަޙައްދުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝަހީރު ވިދާޅުވީ މުޅި ރާއްޖެއަށް ބަލާލިނަމަވެސް ފެންނަމުން ދަނީ ތަރައްޤީގެ އެތައް ޕްރޮޖެކްޓެއް ކުރިއަށްދާތަން ކަމަށެވެ. އެގޮތުން ޝަހީރުގެ ވާހަކަފުޅުގައި ޗައިނާ މޯލްޑިވްސް ފްރެންޑިޝްޕް ބްރިޖާ، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް، އައިއެންއައިއޭ ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އިތުރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހި ތަރައްޤީ ކުރުމުގެ މަޝްރޫޢުއަށް ވަނީ އަލިއަޅުއްވާލައްވާފައެވެ. ޝަހީރު ވިދާޅުވީ މިފަދަ ބޮޑެތި ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމުގެ ބޭނުމަކީ، ޤައުމީ އުފެއްދުންތެރިކަން އިތުރުކުރުން ކަމަށެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޝަހީރު ވިދާޅުވީ، ރާއްޖޭގެ އިގްތިޞާދު ބައިނަލްއަޤުވާމީ ބާޒާރަށް ހުޅުވާލިތާ 35 އަހަރުވެފައިވާ ވީނަމަވެސް ރާއްޖޭގައި އިންވެސްޓްކުރާނެ ފަހި މާހައުލެއް މީހާރު ޤާއިމުވެފައިވާކަމަށެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ތިންއަހަރު ނިމިފައިވާއިރު، އިންޓަނޭޝަނަލް ކްރެޑިޓް ރޭޓިންއެއް މިއަދު ރާއްޖެއަށް ލިބިފައިވުމަކީ އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ލިބިފައިވާ ކަމެއް ކަމަށް ޝަހީރު ވިދާޅުވިއެވެ.

ބަލާލި ކޮންމެ ދިމާލަކުން މިއަދު އުފާވެރިކަން ފެނިވަޑައިގަންނަވާ ކަމަށް ޝަހީރު ވިދާޅުވިއެވެ. އެގޮތުން އަންހެނުން ބާރުވެރިކޮށް، ޒުވާނުންނަށް ގިނަ ފުރުޞަތުތަކެއް ހުޅުވި ދޮށީ އުމުރުގެ ބޭފުޅުންނަށާއި ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ލިބެންޖެހޭ އޯގާތެރިކަމާއި އަޅާލުން ފޯރުކޮށްދިނުމުގެ މަގުތައް ތަނަވަސްވެފައިވާކަން ޝާހީރު ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީންގެ ސަރުކާރަށް ތިންއަހަރު ފުރުމުގެ ގޮތުން ކާނިވާ ސަރަޙައްދުގައި ބޭއްވި ޖަލްސާގައި ގިނަޢަދަދެއްގެ ސިވިލްސާވިސްގެ މުވައްޒަފުންނާއި، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.