ޚަބަރު

މީޑިއާ ކައުންސިލުގެ ރައީސް އާއި ނާއިބް ރައީސް އިންތިޚާބުކޮށްފި


މޯލްޑިވްސް މީޑިއާ ކައުންސިލް (އެމް.އެމް.ސީ) ގެ ރައީސްކަމުގެ މަޤާމަށް އަބްދުލް މުއީދު ހަސަން އަދި ނާއިބަކަށް އަހުމަދު އަބީރު އިސްމާއިލް އިންތިޚާބުކޮށްފިއެވެ.

މީޑިއާ ކައުންސިލްގެ މެމްބަރުންގެ މެދުގައި މިއަދު ނެގި ވޯޓުން އެކައުންސިލްގެ ރައީސަކަށް ޢަބްދުލް މުއީދު ޙަސަން އިންތިޚާބުކޮށްފައިވާއިރު، އޭނާ ފިޔަވައި އިތުރު ބޭފުޅަކު އެމަޤާމަށް ވާދަކުރައްވާފައިވެސް ނުވެއެވެ. އޭނާ އެ މަގާމަށް އިންތިޚާބުކުރަން ފެންނަކަމަށް 13 ވޯޓު ލިބިފައިވެއެވެ. ނުފެންނަކަމަށް ވޯޓުދިނީ ދެ މެމްބަރެކެވެ. 

މީޑިއާ ކައުންސިލްގެ ނާއިބު ރައީސަކަށް އިންތިޚާބުކުރީ އަހުމަދު އަބީރު އިސްމާއިލްއެވެ. އޭނާއަށް ނުވަ ވޯޓު ލިބިވަޑައިގަތްއިރު، އޭނާއާ ވާދަކުރެއްވި އަހުމަދު މުޖުތަބާ އަށް ލިބުނީ ހަ ވޯޓެވެ.

ޢަބްދުލް މުއީދަކީ އެމްއެމްސީއަށް މީޑިއާތަކުގެ ފަރާތުން ވާދަކުރެއްވި ބޭފުޅެކެވެ. އަޙްމަދު ޢަބީރު ކައުންސިލަށް އިންތިޚާބުވީ އަމިއްލަގޮތުން ވާދަކުރައްވައިގެނެވެ.

މީޑިއާ ކައުންސިލްގެ ދައުރަކީ ދެ އަހަރު ދުވަހެވެ.