ތަރައްްޤީ

މި އަހަރު ތަރައްޤީގެ އާ މަޝްރޫޢުތަކެއް ފެށިގެންދާނެ- ރައީސް


މި ފެށުނު، 2017 ވަނަ އަހަރަކީ، ތަރައްޤީގެ އާ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ހިންގޭނެ އަހަރަކަށް ވާނެކަމަށާ، އިޤްތިޞާދީ ފުދުންތެރިކަމާއި، އިޖްތިމާޢީ ޙާލަތު ރަނގަޅުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރުމަށް މިއަހަރުގެ ބަޖެޓުގައި ބޮޑު އިސްކަމެއް ދެއްވާފައިވާކަމަށް ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ވިދާޅުވެއްޖެއެވެ.

މީލާދީ އާ އަހަރުގެ މުނާސަބަތުގައި ދިވެހިރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ޚިޠާބުގައި ވިދާޅުވެފައިވަނީ މިދިޔަ އަހަރު ހިންގަންފަށައި، ނުނިމިހުރި ވަރަށްގިނަ މަޝްރޫޢުތަކެއް ނިމޭނެ އަހަރަކަށް މިއަހަރު ވެގެންދާނެކަމަށެވެ. ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ފާސްކޮށްދެއްވި ބަޖެޓަކީ، އެފަދަ އެތައް މަޝްރޫޢުތަކަކަށް ފުރުޞަތު ފަހިވެގެންދާގޮތަށް ފާސްކޮށްދެއްވާފައިވާ ބަޖެޓެއްކަމަށާ، ރާއްޖޭގެ އިޤްތިޞާދީ ފުދުންތެރިކަމާއި، އިޖްތިމާޢީ ޙާލަތު ރަނގަޅުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރުމަށް އެ ބަޖެޓުގައި ވަރަށްބޮޑު އިސްކަމެއް ދެއްވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ނިމިގެން މިދިޔަ 2016 ވަނަ އަހަރަށް ބައްލަވާލައްވައި ރައީސް ވިދާޅުވެފައިވަނީ 2016 ވަނަ އަހަރަކީ، ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދަވައިދެއްވުމުގައި ގިނަގުނަ ކާމިޔާބީތަކެއް ހާސިލު ކުރެވުނު އަހަރެއްކަމަށެވެ. އަދި މިދިޔަ އަހަރަކީ ރައްޔިތުންނަށް ދަތިވެފައިވާ އެތައްކަމަކަށް ޙައްލު ހޯއްދަވައިދެއްވައި، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދެއްވުމުގައި ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާ އަހަރެއްގެގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ.

މި ކާމިޔާބީތައް ހާސިލު ކުރެވިފައި މިވަނީ، ސަރުކާރާއި ރައްޔިތުން ގުޅިގެން ކުރި ވަރަށްބުރަ މަސައްކަތްތަކެއްގެ ސަބަބުންކަމަށާ، މިކަންކަން ކުރުމުގައި ކުރިމަތިލާންޖެހުނު ގޮންޖެހުންތައް ޙައްލުކުރުމަށްވެސް ސަރުކާރާއި ރައްޔިތުން ގުޅިގެން، ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ޒުވާނުންގެ ހުނަރާއި ޤާބިލުކަން އިތުރުކޮށް، މުޖްތަމަޢަށް ފައިދާކުރަނިވި ބަޔަކަށް ޒުވާނުން ހެދުމަށްޓަކައި، ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމާއި، ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ ވަޢުދުގެ ދަށުން، މިދިޔަ އަހަރު ގިނަ ޢަދަދެއްގެ ޒުވާނުންނަށް ވަޒީފާ ހަމަޖައްސައި ދެވުނުކަން ރައީސް ފާހަގަކުރެއްވިއެވެ.

ފާއިތުވި އަހަރުގެތެރޭގައި ސަތުކާރުން ފެއްޓެވި ބިޔަ މަޝްރޫޢުތަކަށް ބަލާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫޢަކީ ފާހަގަކޮށްލެވޭ އެންމެބޮޑު މަޝްރޫޢެވެ. ޖުމްލަ 800 މިލިއަން އެމެރިކާ ޑޮލަރުގެ އަގުބޮޑު މިމަޝްރޫޢުގެ ދަށުން ވެލާނާ އެއާޕޯޓުގައި ޒަމާނީ ފެންވަރުގެ އާ ޓާމިނަލް އެޅުމަށް ހަމަޖެހިފައިވެއެވެ. މިމަސައްކަތުގެ އަގަކީ 300 މިލިއަން ޑޮލަރެވެ. އެއާޕޯޓުގެ އާ ރަންވޭ އެޅުމަށް 373 މިލިއަން ޑޮލަރު ހޭދަވެއެވެ.

މީގެއިތުރުން ދެން ފާހަގަކޮށްލެވޭ ބޮޑު މަޝްރޫޢަކީ ޗައިނާ މޯލްޑިވްސް - ފްރެންޑްޝިޕް ބްރިޖެވެ. ޖުމްލަ 200 މިލިއަން ޑޮލަރުގެ މި މަޝްރޫޢަށް، ޗައިނާ ސަރުކާރުން ހިލޭ އެހީގެގޮތުގައި 116 މިލިއަން ޑޮލަރުލިބިފައިވެއެވެ. ލޯނުގެ ގޮތުގައި 72 މިލިއަން ޑޮލަރު ޗައިނާ ސަރުކާރުން ދީފައިވާއިރު، ދިވެހި ސަރުކާރުން މިމަޝްރޫޢަށް ހޭދަކުރައްވަނީ 12 މިލިއަން ޑޮލަރެވެ.

މީގެއިތުރުން ތޮއްޖެހިފައިވާ މާލޭއަށް ދިމާވެފައިވާ، މައްސަލަތައް ހައްލުކުރެއްވުމަށް ސަރުކާރުން ފެއްޓެވި މަސައްކަތްތަކުގައި މުޅިން އަލަށް ހިއްކަވައި ތަރައްޤީކުރައްވަން ފެއްޓެވި ސިނާއީ އަވަށް ފާހަގަކޮށްލެވެއެވެ. މިއީ 170 މިލިއަން ރުފިޔާގެ އަގުހުރި މަޝްރޫއެކެވެ. މިމަޝްރޫޢުގެދަށުން ކުނި މެނޭޖުކުރާ ސަރަހައްދާއި މާލޭގައިހުރި ގުދަންތައްފަދަ ޢާއްމުން އުޅޭ ސަރަޙައްދުތަކުގައި ހުރުން އެކަށީގެންނުވާތަންތަން ސިނާއީ އަވަށަށް ބަދަލުކުރެއްވުމަށް ވަނީ ނިންމަވާފައެވެ. އަދި މާލޭގެ އިޖުތިމާޢީ ވެށީގެ ދުޅަހެޔޮކަން ރަނގަޅުކުރެއްވުމަށް ޖުމުލަ 40 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން ހެދި ރަސްފަންނާއި، 140 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 2.1 ބިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން ޢިމާރާތްކުރައްވާ އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތަކީ 2016 ވަނަ އަހަރުގެ ތެރޭގައި ސަރުކާރުން ފެއްޓެވި ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މަޝްރޫޢުތަކެކެވެ.