ޓުއަރިޒަމް

ޗައިނާގެ 3 ކުންފުންޏަކުން ދަނީ ރާއްޖޭގަ ރިސޯޓް ތަރައްޤީކުރަމުން


ޗައިނާއާއި ރާއްޖެއާ ދެމެދު ޓޫރިޒަމްގެ ދާއިރާއިން އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ޗައިނާގެ 3 ކުންފުންޏަކުން ރާއްޖޭގައި ޓޫރިސްޓް ރިސޯޓް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވަންގް ފޫކާންގ ވިދާޅުވެއްޖެއެވެ.  

ޗައިނާއާއި ރާއްޖޭގެ ގުޅުމުގެ ތެރެއިން ކުރިޔަށްދާ މަސައްކަތްތަކާ ބެހޭގޮތުން މީޑިއާއަށް މަޢުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވިދާޅުވީ ރާއްޖެއަށް އަންނަ ޗައިނާ ފަތުރުވެރިން އިތުރުކުރުމުގެ މަސައްކަތް އެމްބަސީއާއި ރާއްޖޭގެ ކަމާބެހޭ ފަރާތްތައް ގުޅިގެން ކުރަމުން އަންނަކަމަށެވެ. އެގޮތުން ޗައިނާ އެއަރލައިންސް މެދުވެރިކޮށް ޗައިނާގެ ވެރިރަށް ބެއިޖިންއިން ސީދާ ރާއްޖެއަށް ދަތުރުތައް ފެށުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަކަމަށް ސަފީރު ވިދާޅުވިއެވެ. ޗައިނާގެ 3 ކުންފުންޏަކުން ރާއްޖޭގައި ޓޫރިސްޓް ރިސޯޓް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެނާ ވިދާޅުވިއެވެ.

ފޫކާން ވިދާޅުވީ މިހާރަށްވުރެ ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިން މިކަމުގެ ސަބަބުންވެސް އިތުރުވާނެކަމަށެވެ. ސަފީރުގެ ވާހަކަފުޅުގައި ވަނީ ރާއްޖެއަކީ ލަގްޒަރީ މަންޒިލެއްކަން ފާހަގަކޮށް، ޗައިނާގެ އިޤްތިޞާދު ކުރިއަރާ މިންވަރަކަށް ވަކިވަކި ފަރުދުން ބޭރު ޤައުމުތަކަށް ޚާއްޞަކޮށް ރާއްޖެފަދަ ޤައުމުތަކަށް ދަތުރުކުރުން އިތުރުވާނެކަމަށެވެ.

ޗައިނާއަކީ ރާއްޖެއަށް ވޭތުވެދިޔަ 7 އަހަރުވެސް އެންމެ ގިނަ އަދަދެއްގެ ޓޫރިސްޓުން އައި އެއް ޤައުމެވެ. 2016 ވަނައަހަރު ޖެނުއަރީ މަހުން އޮކްޓޫބަރު މަހުގެ ނިޔަލަށް އެކަނިވެސް މުޅި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދުގެ ހަތާވީސް ޕޮއިންޓް ދޭއް އިންސައްތަ ފަތުރުވެރިން އައިސްފައި ވަނީ ޗައިނާއިންނެވެ. 

މިދިޔަ އަހަރުގެ ޖެނުއަރީން އޮކްޓޫބަރުމަހަށް އެކަނިވެސް ޗައިނައިން ވަނީ ދުއިސައްތަ އައްޑިހަ ނުވަހާސް ސަތޭކަ ތޭވީސް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

އަހަރުން އަހަރަށް ބަލާއިރު، މިމުއްދަތުގައި ރާއްޖެއަށް ދަތުރުކުރި ފަތުރުވެރިންގެ އަދަދު ދިހައެއް ޕޮއިންޓް ހައެއް އިންސައްތަ މިވަނީ ދަށްވެފައެވެ. ނަމަވެސް އަދިވެސް ޗައިނާއަކީ ރައްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އެއް ޤައުމުކަން ފާހަގަކޮށްލެއްވެއެވެ.