މާޒިޔާއާއި ހަވާލުވީ ސީޒަނުގެ ހުރިހާ ތައްޓެއް ކާމިޔާބުކުރުމަށް ކަމަށް އެ ޓީމްގެ އާ ކޯޗް މަރްޔާން ސެކްލުވްސްކީ ބުނެފިއެވެ.
މާޒިޔާގެ ކޯޗްކަމާ ހަވާލުވި ބިދޭސީ ފުރަތަމަ ކޯޗް މިއަދު ވަނީ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
މެސަޑޯނިޔާގެ ކޯޗަކީ މީގެ ކުރިން އޭއެފްސީ ކަޕުގައި މިޔަންމާގެ އަޔެޔަވާދީ އަދި ޔަންގޮން ޔުނައިޓެޑާއެކު ރާއްޖެ ޓީމްތަކާ ދެކޮޅަށް ނުކުމެފައިވާ ކޯޗެކެވެ.
ސެކްލުވްސްކީ ބުނީ ރާއްޖޭގެ ޓީމްތަކުގެ ކުޅުމުގެ ފެންވަރު އެނގޭކަމަށެވެ. ވިސްނުން ބަހައްޓާނީ އޭރަކު ކުރިމަތީގައި އޮތް މުބާރާތަކަށްކަމަށް ސެކްލުވްސްކީ ބުންޏެވެ. ސީޒަން ކާމިޔާބުކުރުމަށްޓަކާ ބޭނުންވާ ރަނގަޅު ކުޅުންތެރިންތިބިކަމަށް ސެކްލުވްސްކީ ގަބޫލްކުރެއެވެ.
"މާޒިޔާގައި ރަނގަޅު ދިވެހި ކުޅުންތެރިން އެބަތިބި. މިހާރު ބޭނުންވަނީ ބޭރު ރަނގަޅު ކުޅުންތެރިންތަކެއް ގެނައުން" ކަމަށް ސެކްލުވްސްކީ ބުންޏެވެ.
މާޒިޔާއިން ދަނީ ކިރްގިސްތާންގެ އެއްނަމްބަރު ކީޕަރު ގެނައުމަށް މަސަކަތްކުރަމުންނެވެ. އަދި ސާރބިޔާގެ ފޯވާޑެއްގެ އިތުރުން އިތުރު ފޯވާޑަކާއި ޑިފެންޑަރެއް ގެނައުމަށް މާޒިޔާއިން ދަނީ މަސައްކަތްކުރަމުންނެވެ.
އެންމެ ފަހުގެ ލީގް ޗެމްޕިއަނުން މިދިޔަ ސީޒަނުގައި ނުކުތީ ހުރިހާ މުބާރާތެއް ކާމިޔާބުކުރަން ނަމަވެސް ކާމިޔާބުކުރެވުނީ ލީގް ތަށި އެކަންޏެވެ. އެއާއެކު ކޯޗްކަމުން އަލީ ސުޒޭން ވަނީ އިސްތިއުފާ ދީފަ އެވެ. މިފަހަރު މާޒިޔާއާ ހަވާލުވި ސެކްލުވްސްކީއަކީ އޭޝިޔާ ސަރަހައްދުގެވެސް ތަޖުރިބާހުރި ކޯޗަކަށް ވުމުން އޭނާއާމެދު މާޒިޔާއިން ކުރާ އުންމީދު ބޮޑެވެ.
އޭއެފްސީ ކަޕާމެދު ސެކްލުވްސްކީ ބުނީ ކޮންމެ ޓީމަކާ ދެކޮޅަށް ނުކުންނަން ޖެހުނުނަމަވެސް ރަނގަޅު ނަތީޖާއެއް ނެރުމަށް މަސައްކަތްކުރާނެކަމަށެވެ. އެހެންފަހަރުތަކަށްވުރެ ތަފާތުކޮށް އޭއެފްސީ ކަޕުގެ މިފަހަރުގެ ފޯމެޓް ތައްޔާރުކޮށްފައިވާއިރު ސެކްލުވްސްކީ ބުނީ ކުރިން ފޯމެޓް ފަސޭހަކަމަށާ މިހާރުގެ ފޯމެޓް އުނދަގޫކަމަށެވެ.