ތަރައްްޤީ

"ތަރައްޤީގެ މަޝްރޫޢުތަކަށް ޗައިނާގެ އެގްޒިމް ބޭންކުން އެހީވާނެ"


ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ޗައިނާގެ އެގްޒިމް ބޭންކުގެ އެހީތެރިކަމާއި، އެއްބާރުލުން އަބަދުވެސް ލިބޭނެ ކަމުގެ ޔަޤީންކަން އެބޭންކުން ދެއްވައިފިއެވެ.

އެބޭންކުން މިޔަޤީންކަން ދެއްވީ ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާޞިމް ޗައިނާއަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގައި އެބޭންކްގެ ރައީސް ލިއު ލިއާންގ އާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މިބައްދަލުކުރެއްވުމުގައި މިނިސްޓަރ ޑރ. އާޞިމް ވަނީ ރާއްޖޭގެ ތަރައްޤީއަށް މިހާރު ސަރުކާރުން ކުރިއަށްގެންދަވާ އެންމެބޮޑު މަޝްރޫޢު ކަމަށްވާ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރެއްމުގެ މަސައްކަތަށް އެބޭންކުން ދެއްވާފައިވާ ލޯނު އެހީގެ މުހިންމު ކަމާމެދު ވާހަކަފުޅު ދައްކަވާފައެވެ. އެގްޒިމް ބޭންކުގެ ރައީސް ވަނީ ކުރިއަށްއޮތްތަނުގައިވެސް ރާއްޖޭގެ ތަރައްޤީގެ މަޝްރޫއުތަކަށް އެ ބޭންކުގެ އެހީތެރިކަމާއި، އެއްބާރުލުން ލިބޭނެ ކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ. އެގްޒިމް ބޭންކުން ވަނީ ވެލާނާ އެއާޕޯޓު ތަރައްޤީ ކުރުމަށް 373 މިލިއަން ޑޮލަރުގެ ލޯނު އެހީ ދީފައިވެއެވެ. img:http://s3.psmnews.mv/images/660x400/14583172778090.jpg|ޗައިނާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގައި ހުޅުމާލޭގައި އަޅަމުންދާ 704 ފްލެޓްގެ މަސައްކަތް ކުރިއަށްދާ ސައިޓް - ފޮޓޯ: ޕީ.އެސް.އެމް

ޑރ. މުޙައްމަދު ޢާޞިމް، ޗައިނާއަށް ކުރައްވާ ދަތުރުފުޅުގައި ވަނީ އެޤައުމުގެ ފޮރިން މިނިސްޓަރ ވަންގ ޔީއާއި ޗައިނާގެ ނާއިބު ރައީސް ލީ ޔުއާން ޗާއޯއާވެސް ބައްދަލު ކުރައްވާފައިވެއެވެ. ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ދިވެހި ސަރުކާރުން ހިންގަވާ މަޝްރޫޢުތަކަށް ޗައިނާގެ އެހީތެރިކަމާއި އެއްބާރުލުން އަބަދުވެސް ދެއްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ޗައިނާގެ ފޮރިން މިނިސްޓަރވެސް ވަނީ މިދަތުރުފުޅުގައި ދެއްވާފައެވެ.

އަދި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން، ދެ ޤައުމުގެ ފޮރިން މިނިސްޓަރުން ވަނީ މަޝްވަރާ ކުރައްވާފައިވެއެވެ. މީގެ އިތުރުން ދެޤައުމުގެ ޚާރިޖީ ގުޅުންތަކާއި ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ މައްސަލަތަކާމެދުވެސް ދެ ޤައުމުގެ ޚާރިޖީ ވަޒީރުން މަޝްވަރާ ކުރައްވާފައިވެއެވެ.