ޚަބަރު

ކަދުރު ބެހުމުގައި ކޮރަޕްޝަން އެކުލެވިގެންވާ ކަމެއް ހިނގާފައިނުވޭ


މިދިޔަ އަހަރުގެ ރަމަޟާންމަހު އަމިއްލަ ފަރާތްތައް މެދުވެރިކޮށް ޢާއްމު ރައްޔިތުންނަށް ކަދުރު ބެހުމަށް މުލީއާގެއިން ކުރެއްވި މަސައްކަތުގައި ކޮރަޕްޝަން އެކުލެވިގެންވާ ކަމެއް ހިނގާފައިނުވާކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހާމަކުރައްވައިފިއެވެ.

އެކޮމިޝަނުން މިކަން ހާމަކުރައްވާފައިވަނީ 1437 ވަނަ އަހަރުގެ ރަމަޟާންމަހު ދިވެހި ރައްޔިތުންނަށް ޞަދަޤާތުގެ ގޮތުގައި ބެހުމަށް ސަޢުދީ ސަރުކާރުން ރާއްޖެއަށް ފޮނުވި 50 މެޓްރިކް ޓަނުގެ ކަދުރު ބެހުމާއި ގުޅޭގޮތުން އެކޮމިޝަނަށް ހުށަހެޅި މައްސަލައެއް ބެއްލެވުމަށްފަހުގައެވެ.

ސަޢުދީ ސަރުކާރުން ފޮނުވި ކަދުރުގެ ތެރެއިން، ފަޤީރުންނާއި ނިކަމެތިންނަށް ބެހުމަށްޓަކައި މުލީއާގެއާއި ކަދުރު ޙަވާލުކޮށްދިނުމަށް މުލީއާގެއިން ފިނޭންސް މިނިސްޓްރީގައި އެދުމުން 500 ފޮށި ކަދުރު މުލީއާގެއާއި ޙަވާލުކުރައްވާފައިވާ ކަމަށާއި، ފަޤީރުންނަށް ދަރުމައަށް ކަދުރު ބެހުމުގެ ޝައުގުވެރިކަން ފާޅުކޮށް އެކަމަށް މުލީއާގޭގައި އެދިފައިވާ ފަރާތްތަކަށް މުލީއާގެއިން ކަދުރު ޙަވާލުކޮށްފައިވާ ކަމަށް އޭސީސީން ހާމަކުރައްވައެވެ. އަދި މިކަން މިގޮތަށް ކޮށްފައިވަނީ އަވަހަށް ރައްޔިތުންނަށް ކަދުރު ފޯރުކޮށްދިނުމުގެ ގޮތުން ކަމަށް އެކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށްވެސް އޭސީސީން ހާމަކުރައްވައެވެ.

އެހެންކަމުން، އެކަން އެގޮތަށް ކުރުމުގައި ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ލިބޭގޮތަށް ކަމެއް ކޮށްފައިވާކަން އެނގެން ނެތުމުން، އެ މައްސަލައަކީ ކޮރަޕްޝަން އެކުލެވިގެން ނުވާ މައްސަލައެއް ކަމަށް ކަނޑައަޅުއްވާފައިވާ ކަމަށްވެސް އޭސީސީން މިއަދު ހާމަކުރައްވާފައިވެއެވެ.

މި މައްސަލައާގުޅޭ މަޢުލޫމާތު ހާމަކުރައްވަމުން އޭސީސީން ވިދާޅުވީ، މިފަދަ ޝަކުވާތައް އެކޮމިޝަނަށް ހުށަހަޅާ މިންވަރު ފަހަކަށް އައިސް އިތުރުވެފައިވާ ކަމަށެވެ. އެހެންކަމުން ކުރިޔަށް އޮތްތަނުގައި އެހީގެ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރަށް ލިބޭ ތަކެތި ރައްޔިތުންނަށް ބެހުމަށްޓަކައި ވަކިވަކި އޮފީސްތަކާއި ނުވަތަ ޖަމްޢިއްޔާތަކާއި ޙަވާލުކުރާނަމަ، އެކަމާގުޅޭ ހަރުދަނާ އުޞޫލެއް ކަނޑައަޅުއްވައިގެން އެކަން ކުރެއްވުމަށް ފިނޭންސް މިނިސްޓަރީއަށް އަންގަވާފައިވާނެ ކަމަށްވެސް އޭސީސީން ވިދާޅުވެއެވެ.