ޓުއަރިޒަމް

ފަތުރުވެރިކަމާގުޅޭ 14 ފެއަރއެއްގައި ރާއްޖެއިން ބައިވެރިވަނީ


ބޭރު ޤައުމުތަކުގައި ބާއްވާ ފަތުރުވެރިކަމުގެ އެކި ފެއާރތަކުގައި ބައިވެރިވެ، ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިޝްތިހާރުކުރުމަށް ގިނަ ކެމްޕެއިންތަކެއް ސަރުކާރުން ގެންދަވަނީ ހިންގަވަމުންނެވެ.

އެމްއެމްޕީއާރުސީން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް، ކުރިއެރުވުމަށް މިއަހަރުތެރޭ ކުރުމަށް ރާވާފައިވާ ކަންތައްތަކާއި ގުޅޭގޮތުން ޕީއެސްއެމަށް ދެއްވި ޙާއްޞަ އިންޓަރވިއުއެއްގައި އެކޯޕަރޭޝަންގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ ހާރިސް މުޙައްމަދު ވިދާޅުވީ، މިއަހަރުގެތެރޭ ފަތުރުވެރިކަމާއި ގުޅޭ 14 ފެއަރއެއްގައި ރާއްޖެއިން ބައިވެރިވުމަށް ނިންމާފައިވާކަމަށެވެ. އަދި  ފަތުރުވެރިކަމާއި ގުޅޭ ސެމިނަރތަކާއި، ރޯޑު ޝޯތަކާއި، ވޯކްޝޮޕްތައްވެސް މިއަހަރުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުކަމަށްވާ ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމަށް މިއަހަރު ގިނަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން މިއަހަރު ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ހާރިސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި އުއްމީދު ކުރަނީ މިދިޔަ އަހަރު ދިމާވި ކަންތައްތައް ބަލައި، އެކަންތައްތަކަށް ރެމެޑީއެއް ތައްޔާރުކޮށް ކުރެވޭނެ ގޮތެއް އޮތްތޯ، އެހެންވެ ޗައިނާގައި މަސައްކަތްކުރާ ކޮންސަލްޓަންޓުންނާއި ގުޅިގެން މަސައްކަތްކުރަނީ، މަސައްކަތްތަކެއް ރޭވެމުން މިދަނީ، ރިސަރޗްތަކެއް ހެދި ސްޓަޑީސް ތަކެއް ހަދަމުންދަނީ، ފާހަގަކޮށްލެވޭވަރުގެ ކާމިޔާބީއެއް ހޯދޭނެ ކަމުގެ އުއްމީދު އެބައޮތް" ހާރިސް ވިދާޅުވިއެވެ.

ހާރިސް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އެކި ވަޞީލަތްތައް ބޭނުންކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އެގޮތުން އޮންލައިން މީޑިއާ ބޭނުންކޮންގެން މިއަހަރު ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. އިންޑިއާއަކީ ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުވަމުންދާ ޤައުމަކަށްވާއިރު، މިއަހަރު އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމަށް ޚާއްސަ ޙަރަކާތްތަކެއް ކުރިއަށްގެންދިޔުމަށް ރާވާފައިވާ ކަމަށްވެސް ހާރިސް ވިދާޅުވިއެވެ.

"އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމަށްޓަކައި، އެމްއެމްޕީއާރުސީގެ ވެބްސައިޓުގައި މިހާރު ހިންދީ ބަސް ހިމެނޭނެ. އަދި އިންޑިއާގައި މިހާރު ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް ކުރަމުންދަނީ. އިންޑިއާގައި މޮޑަން ކޮންސެޕްޓްތަކަށް، ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް ކުރުމަށްވެސް ވަނީ ރޭވިފައި" ހާރިސް ވިދާޅުވިއެވެ.

މިމަހު ޔޫރަޕްގައި ބާއްވާ ފަތުރުވެރިކަމުގެ ބޮޑު ތިން ފެއާރއެއްގައިވެސް ރާއްޖެއިން ބައިވެރިވާނެ ކަމަށް އެމްއެމްޕީއާރުސީން ހާމަކުރެއެވެ.