ކުޅިވަރު

ފްލައިޓް ވެއްޓުނު ހާދިޘާއަށްފަހު ޝަޕަކޮއެންސްގެ ފުރަތަމަ މެޗު


ދަތުރުކުރި ފްލައިޓް ވެއްޓި، ޓީމްގެ ކުޅުންތެރިންނާއި އޮފިޝަލުން މަރުވި ހާދިޘާއަށްފަހު ޝަޕަކޮއެންސް އެ ޓީމްގެ ފުރަތަމަ މެޗް ކުޅުނުއިރު އެ މެޗް ވެގެންދިޔައީ ޓީމުގެ ސަޕޯޓަރުންނަށާއި، ސަލާމަތްވި ކުޅުންތެރިންނަށް ވަރަށް ތަފާތު އިޙުސާސްތަކެއް ގެނުވި މެޗަކަށެވެ.

ޝަޕަކޮއެންސްގެ ތާރީޙުގައިވެސް އެ ޓީމް ކުޅެން އޮތް އެންމެ ބޮޑު މެޗްކަމަށްވާ ސުދަމެރިކާނާގެ ފައިނަލް ކުޅެން ދަތުރުކުރި ފްލައިޓް ވެއްޓުނީ މިދިޔަ ނޮވެމްބަރު މަހު އެވެ. އެ ހާދިޘާގައި ފްލައިޓުން ދަތުރުކުރި 71 މީހަކު މަރުވިއެވެ. އޭގެ ތެރޭގައި ޝަޕަކޮއެންސްގެ ނަވާރަ ކުޅިންތެރިޔަކާއި އޮފިޝަލުން ހިމެނެއެވެ. ޝަޕަކޮއެންސް ރޭ އެ ޓީމްގެ އަމިއްލަ ދަނޑުގައި ނުކުތީ އަލަށް ޓީމަށް ނަގާފައިވާ ބާވީސް ކުޅުންތެރިންނާއެކުއެވެ. އެކުވެރިކަމުގެ މެޗެއްގައި ރޭ ޝަޕަކޮއެންސް ކުޅުނީ ޕަލްމިރާސްއާއެވެ.

މި މެޗް ކުޅެވުނީ ފްލައިޓް ވެއްޓުނު ހާދިޘާގައި ފުރާނަ ގެއްލުނު އެ ޓީމްގެ ފަރާތްތަކުގެ ހަނދާނުގައެވެ.

ފްލައިޓް ވެއްޓުނު ހާދިޘާއިން މަރުނުވެ ސަލާމަތްވި، އެހެންނަމަވެސް އެއް ފައި ބުރިކޮށްލަން ޖެހުނު ޝަޕަކޮއެންސްގެ ކުރީގެ ގޯލްކީޕަރ ޖެކްސަން ފޮލްމަން ރޭ ދަނޑުން ފެނުނީ އޭނާގެ ފުރުޅޮލީ ގޮނޑީގައެވެ. އޭނާ އިނީ ސުދަމެރިކާނާގެ ތަށި ހިފައިގެންނެވެ. ސުދަމެރިކާނާގެ ފައިނަލުގައި އަނެއްކޮޅުން ކުޅެން އޮތް ކޮލޮމްބިއާގެ އެތްލެޓިކޯ ނެސިއޮނަލްއިންވަނީ އެ މުބާރާތުގެ ތަށި ޝަޕަކޮއެންސްއަށް ދީފައެވެ.

ރޭގެ މެޗް ބަލާލުމަށް ފްލައިޓް ވެއްޓުނު ހާދިޘާއިން ސަލާމަތްވި އިތުރު ދެ ކުޅުންތެރިންކަމަށްވާ ނެޓޯ އާއި އެލަން ރުޝެލްވެސް ދަނޑުގައި ތިއްބެވެ.

img:http://s1.psmnews.mv/images/660x400/14850673104400.jpg|ފްލައިޓް ވެއްޓުނު ހާދިސާއާއި ގުޅިގެން ސަޕޯޓަރުން ހިތާމަފާޅުކުރަނީ: ފޮޓޯ-ޒިންހުއާ ފައިލް

އެ ކުޅުންތެރިންނަށްވަނީ މުބާރާތުގެ ރަން މެޑަލް ދީފައެވެ. އެ ކުޅުންތެރިންގެ އިތުރުން މަރުވި ކުޅުންތެރިންގެ އާއިލާތަކަށްވެސް ވަނީ މެޑަލް ދީފައެވެ. ރޭގެ މެޗް ބެލުމަށް ޝަޕަކޮއެންސްގެ 20،000 ސަޕޯޓަރުން ދަނޑަށް ވަދެފައިވެ އެވެ.

އަދި މެޗް ކަވަރު ކުރުމުގެ ހުއްދަ ޝަޕަކޮއެންސްއިން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން 241 ނޫސްވެރިޔަކަށް ދީފައެވެ.

ރޭގެ މެޗުގެ 71 މިނިޓް ކުޅުމަށްފަހު ކުޅުން ވަގުތުކޮޅަކަށް ހުއްޓާލުމަށްފަހު ދެ ޓީމްގެ ކުޅުންތެރިންނާއި ސަޕޯޓަރުންވަނީ ކޮޅަށް ތިބެ، މަރުވި ކުޅުންތެރިންގެ ހަނދާނުގައި ވަގުތުކޮޅެއް ހޭދަކޮށް އަތްޖަހާފައެވެ.

ރޭގެ މެޗް ނިމުނީ 2-2 ން ދެ ޓީމް އެއްވަރުވެގެންނެވެ.

މި މެޗުން ލިބުނު ފައިސާގެ ދެބައިކުޅަ އެއްބައި ދިނުމަށްހަމަޖެހިފައިވަނީ މަރުވި މީހުން އާއިލާތަކަށެވެ. އަދި އަނެއްބައި ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ޓީމް ވަރުގަދަކުރުމަށެވެ.