މިދިޔަ އަހަރުގެ ޑިސެމްބަރމަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް 259 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
މިއީ 2015 ވަނަ އަހަރުގެ ޑިސެމްބަރ މަހު ލިބުނު 237 މިލިއަން ރުފިޔާއާއި އަޅާބަލާއިރު %9 އިތުރު އަދަދެކެވެ. ކަސްޓަމްސުން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ޑިސެމްބަރުމަހު ރާއްޖެއަށް އިމްޕޯޓު ކުރި މުދަލުގެ އަގު 2015ވަނަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު %32 ވަނީ އިތުރުވެފައެވެ. 2015 ވަނަ އަހަރުގެ ޑިސެމްބަރމަހު ދިވެހިރާއްޖެ 2.6 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، މިދިޔަ ޑިސެމްބަރ މަހު މި ޢަދަދުވަނީ 3.5 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ، ޗައިނާއާއި، ސިންގަޕޫރާއި، ޔުނައިޓެޑް އަރަބް އެމިރޭޓްސްއިންނެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް އެތެރެކުރި މުދަލުގެ %17 އަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން އެތެރެކޮށްފައިވާ މުދަލެވެ. %12 މުދާ ޗައިނާއިން އެތެރެކޮށްފައިވާއިރު ސިންގަޕޫރުން ވެސް %12 މުދާ ރާއްޖެއަށް އެތެރެކޮށްފައިވެއެވެ. މިދިޔަ ޑިސެމްބަރމަހު ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު ވަނީ 2015 ވަނަ އަހަރުގެ ޑިސެމްބަރ މަހާ އަޅާބަލާއިރު %56 އިތުރުވެފައެވެ. ކަސްޓަމްސް އިން ވިދާޅުވީ 2015 ވަނަ އަހަރުގެ ޑިސެމްބަރ މަހު 161 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވާއިރު މިދިޔަ އަހަރުގެ ޑިސެމްބަރ މަހު މި ޢަދަދު 251.2 މިލިއަން ރުފިޔާއަށް އިތުރުވެފައިވާކަމަށެވެ. މައިގަނޑުގޮތެއްގައި ރާއްޖެއިން އެކްސްޕޯޓްކޮށްފައިވަނީ މަހުގެ ބާވަތްތައް ކަމަށްވާއިރު މިދިޔަ ޑިސެމްބަރމަހު އެކްސްޕޯޓްކުރި މުދަލުގެ %46 އެކްސްޕޯޓްކޮށްފައިވަނީ ތައިލެންޑަށެވެ.